ސިރަޕް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސިރަޕް ފުޓްސަލް ޗެމްޕިއަންޝިޕް 2021ގެ ތެރެއިން--- ފޮޓޯ/ ސިރަޕް

ސިރަޕް ފުޓްސަލް ޗެމްޕިއަންޝިޕް 2022ގައި ބައިވެރިވުމުގެ ފުރުސަތު ނ. މަނަދޫގެ ޓީމުތަކަށް އާންމުކޮށް ހުޅުވާލައިފިއެވެ.

އެ މުބާރާތް އިންތިޒާމްކޮށް ހިންގާ ސިރަޕް ޖަމުއިއްޔާގެ ރައީސް އަޙުމަދު ޝައްފާޒު "ސަން"އަށް ވިދާޅުވިގޮތުގައި އެ މުބާރާތަކީ އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް މަނަދޫގައި ކުޅޭ މުބާރާތެކެވެ.

އޭނާ ވިދާޅުވީ އެ މުބާރާތް ބޭއްވުމުގެ ބޭނުމަކީ
މަނަދޫގައި ފުޓްސަލް ކުޅޭ މޮޅެތި ކުޅުންތެރިންތަކެއް އުފެއްދުމުގެ އިތުރުން އަޟްހާ ޢީދަށް ރަށަށް އެތައް ބަޔަކު އަންނައިރު ޢީދުގެ ފޯރި ގަދަ ކުރުންކަމަށެވެ.

މިއަހަރުގެ މުބާރާތް އެހެން އަހަރުތަކަށް ވުރެ އިތުރަށް ފޯރިގަދަކުރުމަށް އެ ޖަމުއިއްޔާއިން މަސައްކަތް ކުރަމުންދާކަމަށް ޝައްފާޒު ވިދާޅުވިއެއެވެ.

"މިއަހަރުގެ މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މަނަދޫއަށް ނިސްބަތްނުވާ، ރަށުން ބޭރު ކުޅުންތެރިއެއް ޓީމުގައި ޖެހުމުގެ ފުރުޞަތު ވާނީ ހުޅުވާލެވިފައި،" ޝައްފާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިރަޕް ފުޓްސަލް ޗެމްޕިއަންޝިޕްގައި ކުޅެވޭނީ މަނަދޫގެ ރައްޔިތުންގެ އިތުރުން މަނަދޫ މީހަކާ އިނދެގެން އުޅޭ މީހުންނަށާއި، މަނަދޫ މުއައްސަސާތަކުގައި ވަޒީފާގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު އުޅޭ މީހުންނަށް އެކަނި ކަމަށެވެ. އޭގެ އިތުރަށް ހިމެނޭ މީހުން ބެލޭނީ ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ކަމަށް ވެސް ޝައްފާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ 23:59ގެ ކުރިން ޓީމު ރަޖިސްޓްރީ ކުރަން ޖެހޭނެކަމަށެވެ. އަދި އެ ޓީމުތަކުން ޓީމު ލިސްޓު އަންނަ މަހުގެ 30 ވަނަ ދުވަހުގެ 23:59ގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށް ވެސް ޝައްފާޒު ވިދާޅުވިއެވެ.

ނ. އަތޮޅުގެ ވެރިކަންކުރާ ރަށްކަމުގައިވާ މަނަދޫގައި ކޮންމެ ބޮޑު ޢީދެއްގައި ފުޓްސަލް މުބާރާތެއް މެދުނުކެނޑި ބާއްވާތާ މިއީ ހަތް ވަނަ އަހަރު ކަމަށް ޝައްފާޒު ވިދާޅުވިއެވެ. އަދި ސިރަޕް ފުޓްސަލް ޗެމްޕިއަންޝިޕް ނަމުގައި ސިރަޕް ޖަމުއިއްޔާއިން މި މުބާރާތް ބާއްވާ މިއީ ދެ ވަނަ އަހަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް