އަގުބޮޑުކޮށް ޓެކްސީ ހިދުމަތްދިން 57 މައްސަލަ ވަނީ ދިރާސާކޮށްފައި: މިނިސްޓަރު ނަހުލާ

މަޖީދީމަގުން ޓެކްސީއެއް ދަތުރުކުރަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީ ދަތުރުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ދަތުރުކޮށްގެން ހުށަހަޅާފައިވާ 57 މައްސަލައެއް އެ މިނިސްޓްރީން ދިރާސާ ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ މާލެ އަދި ހުޅުމާލެއިން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވެ އެެކަމުގެ ޝަކުވާތައް ލިބެމުންދާއިރު މި މައްސަލަ ހައްލުކުރުމަށް ނުވަތަ ދަތުރުތަކުގެ ހިދުމަތް ފަސޭހަކުރުމަށް ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެެވެ.

މި ސުވާލަށް ލިޔުމުން ޖަވާބުދެއްވާ މިނިސްޓަރު ވިދާޅުވީ ޓެކްސީ ހިދުމަތް ހޯދަން ދަތިވާ މައްސަލައާ ގުޅިގެން ޝަކުވާ ހުށަހެޅުމަށްޓައި ހޮޓްލައިނެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ފޯނު ކޯލާއި އީމެއިލް މެދުވެރިކޮށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް، އެކަންކަން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހައްލު ކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓެކްސީ ދަތުރުތައް އަގުބޮޑުކޮށް ކުރަމުންދާ މައްސަލައާ ގުޅިގެން މިފަދަ ޝަކުވާތައް މިނިސްޓްރީއަށް ހުށަހަޅާނެ ނިޒާމެއް ގާއިމްކޮށް، ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި ކޮމިޓީއެއް އެކުލަވާލާފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ 57 މައްސަލަ ދިރާސާ ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 15 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، ގަވައިދާ ޚިލާފުވާ ޑްރައިވަރުންގެ ބަޔާން ނެގުމަށް ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

މީގެ އިތުރުން ދަތުރު ނެގުމުގެ ކުރިން ފަސިންޖަރުން ދާން ބޭނުންވާ މަންޒިލު ނޭނގޭނެހެން އެޕްލިކޭޝަންގެ ފަރުމާ ބަދަލު ކުރުމަށް އެ އެޕްލިކޭޝަން ހިންގާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

މިފަދަ އެޕްލިކޭޝަންތަކުގައި، ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން ފުލުހުންނަށް ފެންނަ ގޮތަށް މައުލޫމާތު އަޕްޑޭޓު ކުރުމަށް ވެސް އަންގަފައިވާ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވެއެވެ.

comment ކޮމެންޓް