ގަވަރުނަރު ވިދާޅުވީ ރިސޯޓު ކުލިކުޑަކުރުން ބުއްދިވެރި ނޫންކަަމަށް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް -- ފޮޓޯ/ މަޖިލިސް

ރިސޯޓުތަކުގެ ކުލި ކުޑަކުރުމަކީ، ދައުލަތުގެ އާމްދަނީ ދަށްވާނެ ކަމެއް ކަމަށާއި، އެ ފަދަ ކަމެއް ކުރުން މިވަގުތަށް ބުއްދިވެރިއެއް ނޫންކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހާޝިމް ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ، މި ދަނޑިވަޅުގައި ދައުލަތުގެ އާމްދަނީ ދަށްވާފަދަ ކަމެއް ކޮށްފި ނަމަ، އަވައްޓެރި ސްރީލަންކާއަށް ދިމާވެފައިވާ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ.

ޔޫކްރޭން މައްސަލައާއި، އަދިވެސް މި ފަދަ ސަޕްލައި ޝޮކްތަކެއް އަންނައިރު މިކަހަލަ، ރެވެނިއު ދަށްވާ ކަމެއް ކުރުން ބުއްދިވެރިއެއް ނޫން. އެ ގައުމުން [ސްރީލަންކާ އިން] ވެސް އެކަހަލަ މައްސަލައެއް ދިމާވެގެން މިހާރު އެހެރީ އައިއެމްއެފަށް ދާ ހިސާބަށް ގޮސްފައި" ގަވަރުނަރު ވިދާޅުވިއެވެ.

މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ މި ބިލާއެކު ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު ދެނެގަނެވިފައި ނުވާކަމަށާއި، އެކަން ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.

"އެނަލައިސިސެއް ހަދަން ބޭނުންވާ މައުލޫމާތު އެބަ ހޯދަންޖެހޭ. [އޭގެ ތެރޭގައި] ރަށުގެ ބޮޑުމިނާ، [ރިސޯޓުތައް] ހުރި ސަރައްދުތަކާ [ހިމެނޭ]" އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް ވަނީ ބިމުކުލި ބޮޑުކޮށް ބޭއްވުމުން ދައުލަތަށް ލިބޭ ފައިދާ އަށްވުރެ، ރިސޯޓުތައް ގިނަވުމުން ލިބޭ ފައިދާ މާބޮޑުވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ.

އޭނާ މިއަދު ވެސް ވިދާޅުވީ ދައުލަތަށް ފައިދާހުރި ގޮތަކީ "ވިޔަފާރި ބޮޑަށް ހިންގާލާ ޓެކްސް ފައިސާ އިތުރުވުން" ކަމަށެވެ.

ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި މަގުސަދެއް ކަމަށް ބުނެފައިވަނީ މިނިމަމް ވޭޖުގެ ސަބަބުން ރިސޯޓުތަކަށް ލިބޭ ގެއްލުމުގެ އަސަރު ކުޑަކުރުމަށް ކަމަށެވެ.

comment ކޮމެންޓް