ތިލަމާލެ ބްރިޖް އަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ނިމުމާ ގާތަށް

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް

ތިލަމާލެ ބުރިޖު އަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭއާއި، ފަރުމާގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

އެކުންފުނީގެ އޮޕަރޭޝަންސް ޑިރެކްޓަރު އާރް ވީ އާރް ކިޝޯރް "ސަން"އަށް ވިދާޅުވީ ބުރިޖުގެ ޕްރިމިލިނަރީ ސާވޭގެ މަސައްކަތް ޖިއޯ ޓެކްނިކަލް ދިރާސާއާ އެކު މިހާރު ނިމިފައިވާއިރު، އެ ދިރާސާތަކުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ފަރުމާއެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް

މިދިޔަ ހަފްތާގެ ތެރޭގައި ފުރަތަމަ ޓެސްޓް ޕައިލްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އެއްގަމު ތަނބުތަކުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ފެށޭނެ ކަމަށާއި، އެއަށް ފަހު ކަނޑުގައި އަޅާ ތަނބުތަކުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބްރިޖުގެ މަސައްކަތްކުރުމަށް ބޭނުންވާ ވަގުތީ ބްރިޖު އެޅުމުގެ މަސައްކަތް ވެސް ދާދި އަވަހަށް ފެށޭނެ" އޭނާ ވިދާޅުވިއެވެ.

ތިމާވެއްޓާ ގުޅޭ ކަންކަމަށް ޚާއްސަ ސަމާލުކަމެއް

ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެއްކަން ފާހަގަކުރައްވަމުން ކިޝޯރު ވިދާޅުވީ ބުރިޖުގެ މަސައްކަތުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވި ފިޔަވަޅުތަކަކީ:

  • ބުރިޖު އަޅާ ސަރަހައްދުގައި ހުރި ގަސްގަހާގެއްސާއި، މުރަކައިގެ ބާވަތްތައް ކަނޑައެޅޭ އެހެން ސަރަހައްދެއްގައި އިންދުން
  • ކަނޑަށް ތެޔޮއެޅުމުން ރައްކާތެރިވުމަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުން
  • މަސައްކަތުގެ ތެރެއިން އުފެދޭ ކުނި ވެމްކޯ މެދުވެރިކޮށް ވަކި ކުރުމާއި އުކާލުން
  • ބިން ހިއްކުމާއި، ކަނޑުގެ އަޑި ކޮނުމުގެ ތެރެއިން އުފެދޭ ވެލީގެ ކިލަނބުކަން ކުޑަކުރުމަށް، ވެލި ހައްޔަރުވާގޮތަށް ހާއްސަ ފަރުދާއެއް ބޭނުންކުރުން

"މީގެ ތެރެެއިން ގިނަ ފިޔަވަޅުތަކަކީ ލޯކަލް ކޮންޓްރެކްޓަރުން ތަންފީޒުކުރަމުންދާ ކަންކަން. ސަބަބަކީ، އެ ފަރާތްތަކުގެ ކިބައިގައި އެބަހުރި ކަނޑުގެ ވެއްޓާ ބެހޭ ތަޖުރިބާ،" އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް

ކިޝޯރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެ މަޝްރޫއުގެ މުހިއްމުކަން އެނގޭ ކަމަށާއި، އެހެންކަމުން ހުރިހާ މަސައްކަތެއްވެސް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ.

ތިލަމާލެ ބުރިޖުގެ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ސާވޭ ނިމޭނެ ތާރީޚެއް ނޭނގޭ ކަމަަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ބްރިޖު މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގައެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރާނެއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް

އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ބްރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއީ މާލެއިން ގުޅިފަޅަށް ގުޅާލުމާއި ތިލަފުށިން ގުޅިފަޅަށް ގުޅާލުމެވެ. ނަމަވެސް އެ ދެ ފިޔަވަހީގެ މަސައްކަތްތައް ވެސް ފަށަން ހަމަޖެހިފައިވަނީ އެއްކޮށެވެ.

comment ކޮމެންޓް