އިރުމަތީ ސަރަހައްދުތަކުގައި ރަޝިއާ ސިފައިން ކުރިހޯދަމުން ގެންދާކަމަށް ޔުކްރޭނުން އެއްްބަސްވެއްޖެ

ޔުކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ

ކިޔޭވް (23 މޭ 2022) : ޔޫކްރެއިންގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ދޮންބާސް އާއި އެ ގައުމުގެ ދެކުނުގެ ސަރަހައްދެއްކަމަށްވާ ކްރީމިއާއާ ދެމެދުގައިވާ އަޒޯފްކަނޑުގެ އައްސޭރިފަށް އެއްކޮށް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ދިޔުމުން ޔުކްރޭންގެ ސިފައިންނަށް އަސްކަރީ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެއްޖެކަމަށް އެގައުމުގެ ރައީސް ވްލަޑިމީރު ޒެލެންސްކީ އެއްބަސްވެ ވަޑައިގެންފިއެވެ.

ކިޔޭވްގައި ދެއްވި ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވީ ދޮންބާސް އާއި ކްރީމިއާއާ ދެމެދުގައިވާ ސަރަހައްދުގެ ކޮންޓްރޯލް ރަޝިއާގެ އަތްދަށަށް ދިޔުމަކީ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ރަޝިއާގެ ކުރިމަތީގައި ފަހަތަށް ޖެހުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒެލެންސްކީ މިހެން ވިދާޅުވިއިރު އޭނާގެ މުސްތަޝާރު ތިމޮފީ މިލޮވަނޯވް ވަނީ ޔުކްރޭންގެ ދޮންބާސް ސަރަހައްދާއި އަޒޯފްކަނޑުގެ އައްސޭރިފަށުގައި ރަޝިއާ ސިފައިން ޔުކްރޭންގެ ސިފައިންގެ މައްޗަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

ރަތްކޮށްވަނީ ރަޝިއާގެ ކޮންޓްރޯލް ދަށުގައިވާ ޔުކްރެއިންގެ ސަރަހައްދުތައް

މިލޮވަނޯވް ވިދާޅުވިގޮތުގައި މިސަރަހައްދުތަކުގައި ރަޝިއާ ސިފައިންނާ ކުރިމަތިލުމަށް ޓަކައި ޔުކްރޭން ސިފައިންނަށް ހުޅަނގުގެ ހަތިޔާރު ގިނަ އަދަދަކަށް ބޭނުންވެއެވެ.

ދޮންބާސްގައި ރަޝިއާ ސިފައިން މަޑުޖެހުނީ މަރިއުޕޯލްގައި ހުންނަ އަޒޮވްސްތަލް ކާރުޚާނާގެ އަޑީގައިވާ ބިންގަރާހަށް ޔުކްރޭން ސިފައިންނާއި ރަޝިއާ ސިފައިންނާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަކުރާ އަޒޯފް ޖަމާއަތުގެ ހަނގުރާމަވެރިން ވަނުމާގުޅިގެންނެވެ. އެ މީހުން ވަނީ އެ ބިންގަރާހަށް ގިނަ އަދަދެއްގެ އާންމުންވެސް ވައްދާފައެވެ.

ނަމަވެސް މަހެއްހާ ދުވަހުގެ ހިސާރަށްފަހު ޔުކްރޭން ސިފައިންނާއި އަޒޯފް ޖަމާއަތުގެ ހަނގުރާމަވެރިން މިދިޔަ ހަފްތާގައި ވަނީ ރަޝިއާ ސިފައިންނަށް އަމާން ދީފައެވެ. އޭގެކުރިން އާންމުން ވަނީ އެތަނުން ނުކުމެފައެވެ. މިއާއެކު ރަޝިއާއިން ވަނީ ޔުކްރޭންގެ އެންމެ ބާރުގަދަ ލަޝްކަރަށް ނިސްބަތްވާ ދެހާހަށްވުރެ ގިނަ ސިފައިންނާއި ހަނގުރާމަވެރިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައެވެ.

ޔުކްރޭން ހަނގުރާމައިގާ ކިޔޭވް ހިފުމަށް ރަޝިއާ ކުރި މަސައްކަތް ނާކާމިޔާބުވުމުން ފާއިތުވި ދޮޅުމަސްތެރޭގައި ރަޝިޔާއިން އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ދޮންބާސްގައި އޮންނަ ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ދެ ސަރަހައްދު ކަމަށްވާ ލުޣާންސްކާއި ދޮންޔެސްކް އެ ގައުމުގެ ބާރުގެ ދަށަށް ގެނައުމަށެވެ.

ރަޝިއާ ގެ ހަމަލާތައް

ލުހާންސްކާއި ދޮނިޔެސްކަކީ ކުރިންވެސް ޔުކްރޭނުން ވަކިވެގަތުމަށް މަސައްކަތްކުރާ ދެސަރަހައްދެވެ. ރަޝިއާ ސިފައިން ޔުކްރޭންއާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އެ ދެ ސަރަހައްދު ވަނީ މިނިވަން ދެ ގައުމު ކަމަށް އިއުލާނުކޮށްފައެވެ. އަދި ރަޝިއާ ވަނީ ރަޝިއާއާ ތާރީޚީގޮތުންނާއި ސަޤާފީގޮތުންނާ އާބާދީގެ ގޮތުން ގުޅުން ބޮޑު އެ ދެ ސަރަހައްދަކީ މުސްތަގިއްލު ދެ ގައުމުކަމަށް އިއުތިރާފުވެސް ވެފައެވެ.

ޔުކްރޭންގެ އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާ ރަޝިއާ ސިފައިން ބޮޑެތި ކުރިއެރުންތައް ހޯދަމުން ގެންދާއިރު ރަޝިއާ ގެންދަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރޭން ސިފައިންނަށް ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިކަމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕުން ޔުކްރޭނަށް ފޮނުވާ ގިނަ އަދަދެއްގެ ހަތިޔާރު ދަނީ ހަލާކުވަމުންނެވެ. ނަތީޖާއަކީ ޔުކްރޭން ސިފައިންނަށް ހަތިޔާރުގެ ދަތިކަން ފޯރުމެވެ.

ދޮންބާސްގެ ސިޓީއެއް ކަމަށްވާ މެރިއުޕޯލުވެސް މިހާރު ވަނީ ރަޝިޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް އައިސްފައެވެ. ރިޕޯޓްތައް ބުނާގޮތުން ރަޝިއާގެ ސްޓްރެޓެޖީ އަކީ އެ ގައުމުގެ މަގްސަދު ހާސިލް ކުރެވެންދެން ޔުކްރޭން ހަނގުރާމަ ދިގު ދަންމާލުމެވެ. މިހާރު ރަޝިއާ އެންމެ ބޮޑު އިސްކަމެއް ދެނީ ޔުކްރޭންގެ ސިފައިންނަށް ހަތިޔާރު ލިބޭ މަގުތައް ބަންދުކުރުމަށެވެ. މީގެތެރޭގައި ހަތިޔާރުގެ ސަޕްލައިތަކަށް ހަމަލާދިނުމާއި ހަތިޔާރު ގެންނަ މަގުތަކަށާއި ރޭލްތަކަށް ހަމަލާދިނުމާއި ހަތިޔާރު ރައްކާކުރާ ގުދަންތަކަށް މިސައިލުން ހަމަލާތައް ދިނުން ހިމެނެއެވެ.

comment ކޮމެންޓް