އާއްމުންނަށް ނޭނގި ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ކުރަމުން އަންނަ ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.
މެންބަރު ޝަރީފް ވިދާޅުވީ، ވާނުވާ ނޭނގި ޕާޓީތަކުން މީހުން ބަދަލުވާ މައްސަލަތައް އިތުރުވެފައިވާކަމަށާއި އެކަމުގެ ސަބަބުން އިޖުތިމާއި މައްސަލަތައް އިތުރުވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށެވެ.
"ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި، އަދި އެ ފަރާތްތަކުގެ އިމްތިޔާޒުތަކަށް އުނިކަން ލިބޭފަދަ ކަންކަން ކުރިމަތިވުމާއި ނުހައްގު މާލީ ފައިދާ އާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދިއުމާއި، މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް،" އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މި މއްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުން މި މައްސަލަ ބަލައިނުގަތުމަށް 17 މެނަބަރުން ވޯޓުދެއްވިއެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.
މި މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު، ޕާޓީތަކަށް ދަފްތަރު ވާން ފޯމު ހުށަހަޅާ މީހުންގެ މައުލޫމާތު ހާމަކުރަން ނިންމާފައިވާކަން އިއްޔެ އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. މިއީ ޕާޓީތަކުން ދަފްތަރުވާން ހުށަހަޅާ ފޯމުތަކުގެ ސައްޙަކަން ކަށަވަރު ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އީސީން ވަނީ ބުނެފައެވެ.