މުއްދަތު ހަމަވާ ތާރީހު އެނގޭގޮތަށް ބިސް ވިއްކަން އަންގައިފި

މީހަކު ބިސްތަކެއް ހިފައިގެން --- ސަން ފައިލް ފޮޓޯ

މުއްދަތު ހަމަވާ ތާރީހު އެނގޭގޮތަށް ބިސް ވިއްކަން ބަހައްޓަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން މިއަދު އަންގައިފިއެވެ.

ކުނިވެފައި ހުންނަ ކުކުޅު ބިސް ވިއްކުމާ ގުޅޭގޮތުން އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނީ، މާލޭ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.

އެކަމުގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރު ކުރުމާއި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރުން ފަދަ ނުރައްކާތެރި ހާލަތެއް ކުރިމަތި ވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއެކު ބެހެއްޓޭނީ ގިނަވެގެން ތިން މަސް ދުވަހު ކަމަށާއި ފިނި ނުކޮށް ހުންނަ ބިސް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށް ކަން ފާހަގަ ކޮށް، އޮތޯރިޓީން ބުނީ، މުއްދަތު ހަމަވާ ތާރީހު ހަމަވުމުން، ބިސް ކުނިވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އެހެންކަމުން، ބިސް ވިއްކަން ބަހައްޓާއިރު، ރައްކާކުރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށާއި ބިސް ގަންނަ ފަރާތްތަކުން ބިހުގެ މުއްދަތު ހަަމަވާ ތާރީހަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

comment ކޮމެންޓް