އިންޑިއާގެ އިރުއުތުރުގެ ސްޓޭޓްތަކުގައި ފެންބޮޑުވެ 40 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑިއާގެ އައްސާމުގައި ފެންބޮޑުވެފައި

އައްސާމް (23 މޭ 2022) : އިންޑިއާގެ އިރުއުތުރުގެ ސަރަހައްދުތަކަށް ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 40 އަށްވުރެ ގިނަމީހުން މަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އިންޑިއާގެ މީޑިއާ ބުނާގޮތުން އިންޑިއާގެ އިރުމަތީ ސްޓޭޓްތަކުގެ ތެރެއިން ވިއްސާރަ އެންމެ ބޮޑަށް ކޮށްފައިވަނީ ބަންގްލަދޭޝްއާ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނަ އުތުރުގެ ސްޓޭޓެއްކަމަށްވާ އައްސާމް އަށެވެ.

އައްސާމް އަކީ އިންޑިއާގެ އެންމެ ފަގީރު އެއްސްޓޭޓެވެ. 30 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ އައްސާމުގެ 15 މިލިޔަން މީހުންނަކީ ފަގީރުންނެވެ. އައްސާމުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމުގެ ސަބަބުން ފަގީރުން ދިރިއުޅޭ އެތައް ހާސް ޖިފުޑިތަކެއްވަނީ މުޅިން ހަލާކުވެފައެވެ.

އިންޑިއާގެ އައްސާމު ސްޓޭޓްގައި ފެންބޮޑުވެފައި

އިންޑިއާގެ މީޑިއާ ބުނާގޮތުން އިރުއުތުރުގެ އެހެން ބައެއް ސްޓޭޓްތައް ކަމަށްވާ ބިހާރު، އަރޫނާޗަލް ޕްރަދޭޝް އަދި ސިއްކީމް ގެ ބައެއް ސަރަހައްދުތަކަށް ވެސް ވަނީ ބޯކޮށްވާރޭވެހި ފެންބޮޑުވެ ގެދޮރު ހަލާކުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުންފަދަ ގެއްލުންތައް ލިބިފައެވެ. މިގެއްލުންތައްވެސް އެންމެ ބޮޑަށް ލިބިފައިވަނީ އައްސާމް އަށެވެ. އައްސާމުގެ ތިންހާހަށް ވުރެ ގިނަ ގެދޮރުވަނީ ހަލާކުވެފައެވެ.

އިންޑިއާގެ އިރުއުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި މިވަނީ އާދަޔަ ޚިލާފު ގަދަހޫނެއް އެ ސަރަހައްދުތަކަށް އައުމަށްފަހުއެވެ. ހޫނުގަދަވުމުގެ ސަބަބުންވެސް އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އައްސާމު ސްޓޭޓުންނެވެ.

އިންޑިއާގެ އިތުރުން ބަންގްލަދޭޝްގެ އުތުރުގެ ސަރަހައްދުތަކަށްވެސް ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ވަނީ ބޯކޮށް ވާރޭވެހި 15 މީހުން މަރުވެފައެވެ. އަދި ގެދޮރު ހަލާކުވުންފަދަ އެތައް ގެއްލުމެއް ވެސް ބަންގްލަދޭޝްއަށް ވަނީ ލިބިފައެވެ.

comment ކޮމެންޓް