މީޑިއާ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާހެއްނުވި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ މަގާމުން ވަކިކުރުމަށް މިރޭ ނެގި އިތުބާރު ނެތްކަމުގެ ވޯޓު އެކަށީގެންވާ މިންވަރަށް ވޯޓު ނުލިބުމުގެ ސަބަބުން ފާހެއްނުވިއެވެ.

އެކަމާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން ޝަހުބާން ވިދާޅުވީ މިރޭ ކުއްލި މައްސަލައެއްގެ ގޮތުގައި މީޑިއާ ކައުންސިލުން އޭނާއާ ދެކޮޅަށް ވޯޓު ނެގިއިރު އޭނާއަށް އެކަން އެންގީ ޖަލްސާ ފަށަން ވަރަށް ކައިރި ވެފައި ވަނިކޮށް ކަމަށެވެ. އަދި ޖަލްސާގެ ތެރެއިން ޖަވާބުދާރީވުމަށް ފުރުސަތު ދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރޭ ނެގި ވޯޓުގައި ޝަހުބާންއާ އެއްކޮޅަށް ވޯޓުދިނީ ހަތަރު މެމްބަރުންނެވެ. އަދި އޭނާގެ އިތުބާރު ނެތްކަމަށް ވޯޓުދިނީ އަށް މެމްބަރުންނެވެ.

މީޑިއާ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ގޮތެއް ގާނޫނުގައި ނޯވެއެވެ. ނަމަވެސް ރައީސް މެންބަރުކަމުން ވަކިކުރަން ވޯޓު ނެގިދާނެއެވެ. ގާނޫނު ބުނާގޮތުން މީޑިއާ ކައުންސިލްގެ މެންބަރަކު މަގާމުން ވަކިކުރެވޭނީ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

މީޑިއާ ކައުންސިލްގެ ގާނޫނު ބުނާ ގޮތުން އެ ކައުންސިލްގެ ރައީސް މަގާމުން ވަކިކުރެވޭނީ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބިގެންނެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15އެވެ. އެހެންކަމުން އޭނާ މަގާމުން ވަކިކުރުމަށް 10 މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ.

އޭނާ ވިދާޅުވިގޮތުގައި މިރޭ ނެގި ވޯޓުން ހާމަވީ ކައުންސިލްގެ އިތުބާރު އޭނާގެ މައްޗަށް އޮތްކަމެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެއީ އޭނާ ފަރުދީގޮތުން ޒިންމާނަގަންޖެހޭ ކަމެއްކަމަށް މެމްބަރުން ނުދެކޭކަން މިރޭ ނެގި ވޯޓުން ހާމަވާކަމަށް ޝަހުބާން ވިދާޅުވިއެވެ.

"ހަގީގަތުގަ މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް. އެހެންވީމަ އަޅުގަނޑު ހަމަ މިގޮތުގަ ދެމި ހުންނާނަން،" ޝަހުބާން ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުމަކީ އެމީހާ ކުށްވެރިއަކަށް ވާންޖެހޭ ކަމެއް ނޫންކަމަށެވެ.

"ދިވެހި ރާއްޖޭގެ ކޯޓަކުން ކޮށްފަ އޮންނާނެ އަމުރެއް. މީހެއްގެ މައްޗަށް ކުށެއްގެ ދައުވާ ކުރެވުމުން އޭނަ ކުއްވެރިއަކަށް ހަދާ ލޭބަލް ނުކުރާށޭ،" އޭނާ ވިދާޅުވިއެވެ.

ޝަހުބާންގެ މައްސަލަ އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހަޅާފައެވެ.

ޝަހުބާންގެ މައްޗަށް ކުރަނީ އޭނާގެ ހިއްސާ އޮންނަ ފޮރެކްސް ޓްރޭޑިން ކުންފުނިން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ސްކީމެއްގެ ދަށުން މަނީ ލޯންޑާ ކުރުމުގެ ތުހުމަތެވެ.

comment ކޮމެންޓް