މާބައިދޫ ކައުންސިލުން އެދުނު ކަންކަން ކޮށްދޭނަން: ރައީސް

ލ. މާބައިދޫ ކައުންސިލާ ބައްދަލުކުރަށްވަން މިއަދު ރައީސް އޮފީހުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ލ. މާބައިދޫ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި އެރަށު ކައުންސިލުން އެދުނު ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސާ ހިއްސާކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގައި މާބައިދޫގެ ތަރައްގީއަށް މިހާރަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމާބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

ލ. މާބައިދޫ ކައުންސިލާ ބައްދަލުކުރަށްވަން މިއަދު ރައީސް އޮފީހުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި އެ ރަށުގެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް އެދިފައެވެ. އަދި އެ ރަށުގައި އައިސް ޕްލާންޓް ގާއިމްކުރުމަށް ދިމާވެފައިވާ ދަތިތައް ވެސް އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.

މީގެއިތުރުން އެ ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ފަށާފައިވާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން އެ ރަށު ކައުންސިލުން އަލަށް މީހުން އާބާދުކުރަން ވިސްނަވައި ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަޙައްދާ ހަމައަށް ނަރުދަމާ ނިޒާމު ފުޅާކުރުމުގެ މުހިންމުކަން ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ލ. މާބައިދޫ ކައުންސިލާ ބައްދަލުކުރަށްވަން މިއަދު ރައީސް އޮފީހުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަށުގެ ތަރަށްގީއަށް ކުރާ މަސައްކަތްތައް ކުރިއަށްގެންދާނީ ކައުންސިލުގެ ޚިޔާލާއި ވިސްނުމާ އެއްގޮތަށް ކަމަށެވެ. އަދި މާބައިދޫ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން މަސައްކަތް ކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މާބައިދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށް ގެންދާނެ މަޝްރޫއެއްކަމަށާއި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައްވެސް ގާތުން ބައްލަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް