އިސްކަންދަރު ސްކޫލްގެ 61 ވަނަ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި

އިސްކަންދަރު ސްކޫލްގެ 61 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު -- ފޮޓޯ/ އިސްކަންދަރު ސްކޫލް

އިސްކަންދަރު ސްކޫލްގެ 61 ވަނަ އަހަރީ ދުވަސް ވަރަށް ކުލަަގަދަކޮށް ފާހަގަކޮށްފިއެވެ.

އިސްކަންދަރު ސްކޫލްގެ އަހަރީ ދުވަހަކީ ރާއްޖޭގެ ކުޑަކުދިންގެ ދުވަސް ކަމަށްވާ، މެއި މަހުގެ 10 ވަނަ ދުވަހެވެ. ނަމަވެސް މިއަހަރު ތަފާތު ސަބަބުތަކާ ހެދި ސީދާ އެ ދުވަހު ފާހަގަ ނުކުރެވުމުން، އެ ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރީ މިއަދެވެ.

އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ސައީދު މިއަދު "ސަން"އަށް ވިދާޅުވީ، އަހަރީ ދުވަސް ފާހަގަކުރީ ދެ ދަންފަޅިއަކަށް ބަހާލައިގެން، ހެނދުނާއި މެންދުރު ކަމަށެވެ. އެގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް، ޑރ. އަޝްރަފް ޢަބްދުއްރަޙީމް އެވެ.

އިސްކަންދަރު ސްކޫލްގެ 61 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިސްކަންދަރު ސްކޫލް

އެ ރަސްމިއްޔާތުގައި ޑރ. އަޝްރަފް ދެއްކެވި ވާހަކަފުޅުގައި ވަނީ އިސްކަންދަރު ސްކޫލްގެ ތާރީޚަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަަހުން ދިވެހި ބަހަށް އައިސްފައިވާ ބައެއް ބަދަލުތައް ފާހަގަކުރައްވައި، ބަސް ދިރުވައި އާލާ ކުރުމަށް ދަރިވަރުން ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވިއެވެ.

ޕްރިންސިޕަލް ޙުސައިން ސައީދު ވިދާޅުވީ ޑރ. އަޝްރަފްގެ ވާހަކަފުޅުން ބަހުގެ މުހިންމުކަމާއި ބަސް ކުރިއެރުވުމާ ބެހޭ ގޮތުން ކުދިންނަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެން ދިޔަ ކަމަށެވެ.

"އަމިއްލަ ބަހެއް އޮންނާތީ ހަމައެކަނި އެކަމާ މެދު ފަޚުރުވެރި ވުމަށް ވުރެ ބޮޑަށް، ތިމަންނަގެ އަމިއްލަ ބަހުން އެހެން މީހުންނާ މުޚާތަބު ކުރުމަށާއި ބެލެނިވެރިން އަމިއްލަ ދަރިންނާ ވެސް މާދަރީ ބަހުން މުއާމަލާތު ކުރުމަށް ޑރ. އަޝްރަފް ބާރު އެޅުއްވި،" ޙުސައިން ސައީދު ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޭކު ފެޅުން -- ފޮޓޯ/ އިސްކަންދަރު ސްކޫލް

މީގެ އިތުރުން ޕްރިންސިޕަލް ވިދާޅުވީ އިސްކަންދަރު ސްކޫލަކީ ވަރަށް ވަރުގަދަ ތާރީޚެއް އޮތް ސްކޫލެއް ކަމަށާއި ސްކޫލްގެ ނަން ފަނޑުވެގެން ނުދާނެ ގޮތަކަށް މަސައްކަތް ކުރުމަކީ އެ ސްކޫލަށް ނިސްބަތްވާ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށެވެ.

"ދަރިވަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު މިކަމުގަ އަދި ވެރިންގެ މަސްއޫލިއްޔަތު ވެސް، ޚާއްޞަކޮށް އިސްކަންދަރު ސްކޫލްގެ މެނޭޖްމެންޓާއި އެންމެހާ ޓީޗަރުންނާއި މުވައްޒަފުންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެއީ ސްކޫލް މިފަދަ ގޮތެއްގައި ބޭއްވުން،" ޙުސައިން ސައީދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި، ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކުރިއެވެ. އަދި ދަރިވަރުންގެ ހުނަރުތައް ދެއްކުމަށް ޝޯއެއް ބާއްވައި، ކުދިންގެ އަތުކުރެހުންތައް ދައްކަން މައުރަޒެއް ވެސް ބޭއްވިއެވެ.

މިއަދު އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައިވޭ -- ފޮޓޯ/ އިސްކަންދަރު ސްކޫލް

ހަމައެއާއެކު، އަހަރީ ދުވަހާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ލަވައެއް ތައާރަފްކޮށް ކޭކެއް ފެޅިއެވެ. އަދި ސްކޫލްގެ ޕީޓީއޭގެ ބައިވެރިވުމާއެކު މުޅި ސްކޫލް ޒީނަތްތެރިކޮށް، ކޮންމެ ކްލާހެއްގެ ދަރިވަރުން އަމިއްލައަށް އިންތިޒާމުކޮށްގެން ޕާޓީއެއް ވެސް ބޭއްވިއެވެ.

"މިއަދަކީ ދަރިވަރުންގެ ދުވަހެއް. ދަރިވަރުން ވަރަށް އުފާ ފާޅުކުރި. އަދި މި ދުވަހާ ގުޅިގެން ކުދިންނަށް ސްކޫލް ތައްޔާރުކޮށްފައި އޮތުމަކީ އެކުދިންނަށް ލިބިގެންދާ އިތުރު ހިތްހަމަޖެހުމެއްކަން ކުދިން ފާހަގަކުރި،" ޙުސައިން ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް