އަފްޣާނިސްތާނުގައި އަންހެން ޕްރެޒެންޓަރުންގެ މޫނު ނިވާކުރަން އަންގައިފި

ޓީއޯއެލްއޯނިއުސްގެ ޕްރެޒެންޓަރެއް ކަމަށްވާ ސޯނިއާ ނިއާޒީ// ފޮޓޯ: ގެޓީ އިމޭޖަސް

އަފްޣާނިސްތާނުގެ ޓީވީ ޗެނަލްތަކުގައި މަސައްކަތްކުރާ އަންހެން ޕްރެޒެންޓަރުންނާއި ރިޕޯޓަރުން މޫނު ނިވާކުރަން އެގައުމުގައި ވެރިކަން ކުރާ ތާލިބާނުން އަންގައިފިއެވެ.

ތާލިބާނުން އިއްޔެ އެގޮތަށް އެންގި ނަމަވެސް އިއްޔެ ބައެއް ޕްރެޒެންޓަރުން ވަނީ މޫނު ނިވާކުރަން ދެކޮޅު ހަދާފައެވެ. ނަމަވެސް މިއަދު އެ ޕްރެޒެންޓަރުން ޓީވީއަށް އަރާފައި ވަނީ މޫނު ނިވާކޮށްގެންނެވެ.

އެކަމާ ގުޅިގެން ޕްރެޒެންޓަރަކު ބުނެފައިވަނީ ޓީވީ ސްޓޭޝަންތަކުގައި މަސައްކަތްކުރާ އަންހެނުން މޫނު ނިވާކުރަން ދެކޮޅު ހެދިި ނަމަވެސް އެ ސޭޓޭޝަންތަކުގެ ވެރިންނަށް ތާލިބާނުންގެ ފަރާތުން ޕްރެޝަރު ބޮޑުވި ކަމަށެވެ.

އެހެންކަމުން އެގައުމުގެ މަޝްހޫރު ޗެނަލްތައް ކަމަށްވާ ޓީއޯއެލްއޯނިއުސް، ޝަމްޝާދު ޓީވީ އަދި 1ޓީވީ ފަދަ ޗެނަލްތަކުގައި މިއަދު ނޫސްވެރިންނާއި ޕްރެޒެންޓަރުން ޚަބަރާއި އެނޫން ވެސް ޕްރޮގްރާމްތައް ހުށަހަޅާ ދިނީ މޫނު ނިވާކޮށްގެން ތިބެއެވެ.

ޓީއޯއެލްއޯނިއުސްގެ ޕްރެޒެންޓަރު ފަރީދާ ސިއާލް ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާއަކީ މުސްލިމެއް ކަމުން އޭނާ އިސްތަށިގަނޑު ނިވާކޮށް، ބުރުގާ އަޅާ ކަމަށެވެ. ނަމަވެސް ގިނައިރު ވަންދެން މޫނު ނިވާކޮށްގެން ވާހަކަ ދެއްކުމަކީ އުނދަގޫ ކަމެއްކަން އޭނާ ފާހަގަކުރިއެވެ.

އެ ޗެނަލްގެ އެހެން ޕްރެޒެންޓަރެއް ކަމަށްވާ ސޯނިއާ ނިއާޒީ އޭއެފްޕީ ނޫސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުނީ އެ މީހުން މޫނު ނިވާކޮށް، މާސްކު އަޅަން ފުރަތަމަ ދެކޮޅު ހެދި ކަމަށެވެ. ނަމަވެސް އެކަމަށް ދެކޮޅު ހަދާ ނޫސްވެރިން އެހެން ވަޒީފާތަކަށް ބަދަލު ކުރާނެ ކަމަށާއި ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ތާލިބާނުގެ އޮފިޝަލަކު ވަނީ މޫނު ނިވާކުރަން ދެކޮޅު ހަދާ ޕްރެޒެންޓަަރުންގެ މެނޭޖަރުންނާ ވާހަކަ ދައްކާނެ ކަމަށާއި އެމީހުންނަށް އަދަބު ދިނުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގައި 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް ތާލިބާނުން ވެރިކަން ކުރި އިރު އާންމު ތަންތަނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރުކުރިއެވެ.

އޭގެ ފަހުން މިދިޔަ އޮގަސްޓް މަހު ވެރިކަމާ ހަވާލުވެ، ދާދި ފަހުން އަނެއްކާ ވެސް ތާލިބާނުން ވަނީ އަންހެނުން އާންމު ތަންތަނުގައި އުޅޭއިރު މޫނު ނިވާ ކޮށްގެން އުޅުން މަޖުބޫރު ކޮށްފައެވެ.

comment ކޮމެންޓް