އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ޗައިނާގެ ޝިންޖިއާންގަށް ވަޑައިގަންނަވަނީ

ރޮއިޓާސް ފޮޓޯ: ޑެނިސް ބާލީބޯޔޫސް

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު މިޝެލް ބެެޝެލެޓް މާދަމާ ޗައިނާގެ ޝިންޖިއާންގަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ބެޝެލެޓްގެ އޮފީހުން ބުނީ މި ދަތުރަކީ ކުރީގެ ކޮމިޝަނަރު ލުއީޒް އާބޯ 2015 ވަނަ އަހަރު ޗައިނާއަށް ވަޑައިގެންނެވި ފަހުން، އދ.ގެ އިންސާނީ ހައްގުތަކާބެހޭ އިސްވެރިޔަކު ޗައިނާއަށް ކުރައްވާނެ ފުރަތަމަ ދަތުރު ކަމަށެވެ.

ބެޝެލެޓް ހަ ދުވަހަށް ކުރައްވާ ދަތުރުގައި، ޗައިނާގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބެޝެލެޓްގެ އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.

ދެހާސް އަށާރަ ވަނަ އަހަރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ބެޝެލެޓް ވަނީ ޗައިނާގެ ހުރިހާ ސަރަހައްދަކަށް ވަނުމަށް ހުއްދަ ދިނުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އޭނާ ވަނީ ޝިންޖިއާންގައި މުސްލިމުންނަށް ބޮޑެތި އަނިޔާތައް ލިބެމުންދާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ތުހުމަތު ކުރާ ގޮތުގައި ޗައިނާގައި މުސްލިމުން އެންމެ ގިނަ އަދަދަކަށް ދިރިއުޅޭ ޝިންޖިއާންގައި އެގައުމުގެ ސަރުކާރުން ދަނީ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ނަމުގައި މުސްލިމުންނަށް އަނިޔާ ކުރަމުންނެވެ. އެގޮތުން، މަޖުބޫރުން އާއިލާތައް ވަކިިކޮށް، ކޭމްޕްތަކުގައި މީހުން ބަންދުކޮށް، ދަރިން ނުލިބޭ އޮޕަރޭޝަންތައް ކުރަމުންދާ ކަމަށް އެ ޖަމިއްޔާތަކުން ތުހުމަތުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް