ޕާޓީތަކަށް ދަފްތަރުވާން ހުށަހަޅާ ނަންތައް އިއުލާން ކުރަން ފަށައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު-- ސަން ފައިލް ފޮޓޯ

ޕާޓީތަކަކަށް ދަފްތަރު ވާން ފޯމު ހުށަހަޅާ މީހުންގެ މައުލޫމާތު އިލެކްޝަން ކޮމިޝަނުން އިޢުލާން ކުރަން ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކޮށްފައިވާ އިޢުލާންގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ފޯމް ދަފްތަރު ކުރުމުގެ ކުރިން، ކޮމިޝަނަށް ހުށަހެޅިފައިވާ ފޯމުތަކަކީ ސައްހަ ފޯމެއްތޯ ކަށަވަރު ކުރުމަށްޓަކައި ފޯމް ހުށަހަޅައިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރު ކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި ދެން އިޢުލާން ކުރަމުން ދާނެ ކަމަށެވެ.

އަދި މީގެ އިތުރުން ފޯމުގައި ދަފްތަރުވާން އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މޯބައިލް ނަމްބަރަށް މެސެޖަކުން އެކަން އަންގާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަންގެ އިޢުލާނުގައި ވެއެވެ.

އެގޮތުން އޭގެ ފުރަތަމަ ލިސްޓް މިއަދު ވަނީ އިއުލާން ކޮށްފައެވެ. މިއަދު އާއްމުކޮށްފައިވާ ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް އަންނަ އާދިއްތަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް އެކަން އެންގުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އެދިފައެވެ.

މިއަދު އާއްމުކުރެވިފައިވާ ލިސްޓުގައި އިއުލާނު ކުރެވިފައި ވަނީ އަލަށް ޖުމްހޫރީ ޕާޓީގައި ދަފްތަރުވާން ބޭނުންވާ 23 މީހުންނާއި ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ)ގައި ދަފްތަރުވާން ހުށަހަޅާފައިވާ 105 ފަރާތެއްގެ އިތުރުން މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމް.އެން.ޕީ) ގައި ދަފްތަރުވުމަށް ހުށަހަޅާފައިވާ 245 މީހުންގެ ނަމެވެ.

comment ކޮމެންޓް