ވަކި ގައުމެއް ބޭރުކުރަން ގޮވާލާ މަގުމަތީގައި ހަޅޭއްލެވުމަކީ ތާއީދު ކުރާ ކަމެއް ނޫން: ނާޒިމް

މޯލްޑިވްސް ނެޝަނަލްް ޕާޓީގެ ރައީސް ކާނަލް ނާޒިމް--- ސަންފޮޓޯ/ ނާއިލް ހުސައިން

ވަކި ގައުމެއް ބޭރަށްދާން ގޮވާލާ މަގުމަތީގައި ހަޅޭއްލެވުމަކީ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)އިން ތާއީދު ކުރާ ކަމެއް ނޫން ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެ ޕާޓިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ވަކި ގައުމެއް ބޭރުކުރަން ގޮވާލުމަކީ ތާއީދު ކުރާކަމެއް ނޫން ކަމަށެވެ. އަދި ހަމަ އެފަދައިން ވަކި ބަޔަކަށް ބަރޯސާ ވެގެން ތިބުމަކީވެސް އެ ޕާޓީން ގަބޫލުކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން ކުރިއަށްގެންދާ 'އިންޑިއާ އައުޓް' ކެމްޕެއިނަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ އެކަހަލަ އަމަލުތައް ކުރާކަމުގައިވާނަމަ އެކަން ހުއްޓުވުމުގެ ބާރު ފުލުހުންނަށް ލިބޭ ކަމަށެވެ.

"ފުލުހުންގެ ގާނޫނުގައި ބަޔާންކުރޭ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް އަދި ދިވެހިރާއްޖެއާއި ބޭރުގެ ގައުމުތަކުގެ ގުޅުންތަކަށް ބުރޫއަރާކަމެއް ކުރާނަމަ އެކަމެއް ހުއްޓުވި ދާނެ ކަމަށް. ފުލުހުންގެ މައްޗަށް އެބަ ލާޒިމު ކުރޭ އެކަހަލަ އަމަލެއް ހިންގަންޏާ އެކަން ހުއްޓުވަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މި ބާރު ފުލުހުންނަށް އޮތް ނަމަވެސް އޭގެ ބޭނުން ހިފާތަން ނުފެންނަ ކަމަށެވެ. މީގެ އިތުރުން އެ ހަރަކާތް ހުއްޓުވުމަށް ފުލުހުންނާއެކު ސިފައިން މަގުމައްޗަށް ނެރެމުންދާތީ އެކަމަށް އޭނާ ފާޑުވިދާޅުވިއެވެ.

"މަގެއްގެ މައްޗަށް ވިއްސަކަށް ތިރީހަކަށް މީހުން ނުކުތުމަކީ ސިފައިން ނުކުމެގެން އެކަމުގައި އުޅެންޖެހޭ ވަރުގެ ކަމެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މި މައްސަލާގައި ފުލުހުންނާއި ސިފައިން ނުކުމެ ހިންގަންޖެހޭ ވަރުގެ އޮޕަރޭޝަނެއް އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިއަދު ފެންނަމުން ދަނީ ފުލުހުންނަށް ގާނޫނުން ލިބިދީފައިވާ ބާރު ބޭނުން ކުރުމުގެ ބަދަލުގައި އެ ބާރު ބޭނުން ކުރުމަށް ފުލުހުން ފަސްޖެހި، ގަރާރެއްގެ ތެރެއިން އެކަން ކުރަމުންދާތަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގަރާރާ ބެހޭ ގޮތުން އެމްއެންޕީން ބުނީ އެއީ ގާނޫނު އަސާސީއާ މުޅިން ޚިލާފު ގަރާރެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މެނުވީ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ އެއްވެސް ހައްގެއް ހިފެހެއްޓިދާނެ ކަމަކަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށް ވެސް ބުންޏެވެ.

މިދިޔަ މަހުގެ 21ގައި ރައީސް ސޮއި ކުރައްވާ ނެރުއްވި "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ގައުމަށް ނުރައްކާ އޮތް ކަމަށް ގަރާރުގައިވެއެވެ.

އަދި "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ގެއްލި، އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި ދާނެ ކަމަށްވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.

އެ ގަރާރު ނެރެފައިވީ ނަމަވެސް އިދިކޮޅުން ދަނީ ހުއްޓުމެއްނެތި އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގޭގޭގައި ބެނާ ދެމުމާއި ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމާއި "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސް މަގުމައްޗަށް އެޅުން ފަދަ ކަންތައްތައް އެ ކެމްޕޭންގެ ބައިވެރިން ދަނީ ކުރަމުންނެވެ.

ޕީޕީއެމްއިން ބުނަނީ ރައީސްގެ ގަރާރަކުން އެ ކެމްޕޭން ނުހުއްޓުވޭނެކަމަށެވެ. އަދި އެ ކެމްޕޭން ފުޅާކުރާނެކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

comment ކޮމެންޓް