އޮސްޓްރޭލިއާގެ އާންމު އިންތިޚާބުގައި ބޮޑުވަޒީރު ބަލިވެ، އިދިކޮޅު ކާމިޔާބު ހޯދައިިފި

ނާކާމިޔާބުވި ބޮޑުވަޒީރު ސްކޮޓް މޮރިސަން

ކޭންބެރާ (22 މޭ 2022): އޮސްޓްރޭލިއާގައި ބޭއްވި އާންމު އިންތިޚާބުގައި އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ލިބެރަލް ޕާޓީ ބަލިވެ އިދިކޮޅު ލޭބާ ޕާޓީން އިންތިޚާބު ކާމިޔާބުކޮށްފިއެވެ.

ވޯޓު ގުނުމުގެ ކަންތައް ނިމިފައިވާއިރު ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ލިބަރަލް ޕާޓީ ހިމެނޭ ބޮޑު ކޯލިޝަނަށް ލިބިފައިވަނީ ޕާލަމެންޓްގެ 151 ގޮނޑީގެ ތެރެއިން 51 ގޮނޑިއެވެ. ކޯލިޝަންގެ ޕާޓީތަކަށް ބަލާއިރު މޮރިސަންގެ ލިބަރަލް ޕާޓީއަށް ލިބުނީ އެންމެ 21 ގޮނޑިއެވެ.

އިދިކޮޅު ލޭބާޕާޓީވަނީ 73 ގޮނޑި ހޯދައިގެން ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދުމާ ވަރަށް ގާތުގައެވެ. ނަމަވެސް އަޣްލަބިއްޔަތެއް ނުލިބެއެވެ. 151 ގޮނޑި ހިމެނޭ އޮސްޓްރޭލިއާގެ ޕާލަމެންޓްގެ ތިރިގޭގޭ އެންމެ ހަނި އަޣްލަބިއްޔަތަކީ 76 ގޮނޑިއެވެ.

މި ނަތީޖާއަށްފަހު ބޮޑުވަޒީރު މޮރިސަންވަނީ ބަލި ގަބޫލުކުރައްވައި ކޮންޒަވެޓިވް ޕާޓީގެ ޒައީމުކަމުން އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ލޭބާޕާޓީގެ ލީޑަރު އެންޓަނީ އަލްބަނީސްއަށް މަރުހަބާ ވިދާޅުވެފައެވެ.

އޮސްޓްރޭލިއާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ލީޑަރު އެންޓަނީ އަލްބަނީސް

އޮސްޓުރޭލިޔާގައި ފާއިތުވި ނުވަ އަހަރު ވެރިކަންކުރީ މޮރިސަންގެ ލިބެރަލް ޕާޓީ އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަނުންނެވެ. ރިޕޯޓްތައް ބުނާގޮތުން ވެރިކަންކުރާ ލިބެރަލް ޕާޓީއަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް ސަރުކާރުން އެކަށީގެންވާވަރަށް މަސައްކަތް ނުކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ވަރަށް ބޮޑަށް އިހުމާލުވުމެވެ.

ފާއިތުވި ހަތަރުވަރަކަށް އަހަރުތެރޭގައި އޮސްޓްރޭލިއާއަށްވަނީ ތިމާވެށީގެ ރޮނގުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ. މީގެތެރޭގައި އެގައުމުގެ އެކި ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް ފެންބޮޑުވުމާއި ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދައިގެންގޮސް އާންމުން މަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުން ހިމެނެއެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް މޮރިސަންގެ ސަރުކާރުން އެދެވޭ މަސައްކަތް ނުކުރާކަމުގެ ޝަކުވާ އޮސްޓްރޭލިއާގެ އާންމުން ކުރަމުން ގެންދާތާ ދެތިން އަހަރު ވެއްޖެއެވެ. މިއީ މިފަހަރުގެ އިންތިޚާބުގައި މޮރިސަންއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބު ކަމަށްވީނަމަވެސް އެނޫން ސަބަބުތައްވެސް އޭނާގެ ނާކާމިޔާބީގެ ފަހަތުގައި ހިމެނޭކަމަށްވެއެވެ.

އޮސްޓްރޭލިއާގެ އާންމު އިންތިޚާބުގައި ލޭބާ ޕާޓީއަށްވެސް އަޣުލަބިއްޔަތު ނުލިބުމުން އެޕާޓީއަށް ޖެހޭނީ މުސްތަގިއްލު ކެންޑިޑޭޓުން ނޫނީ ކުދި ޕާޓީތައް ހިމަނައިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލާށެވެ.

comment ކޮމެންޓް