ޔާމީންގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ނަގަން ކުރި އަމުރު ބާތިލްކުރަން ހައިކޯޓަށް ހުށަހަޅައިފި

ހ. ދޫވެހީގައި ހަރުކޮށްފައި ހުރި 'އިންޑިއާ އައުޓް' ބެނާ ފުލުހުން ވަނީ ނަގާފަ -- ސަން ފޮޓޯ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހީގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރަން ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޔާމިން ދިރިއުޅުއްވާ ގެކޮޅަށް ވަދެ، ބެނާ ނެގީ މިދިޔަ މަހުގެ 21ގައެވެ.

ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޣައިރު ޤާނޫނީ އަމުރެއްކަމަށް ޕީޕީއެމްގެ މެންބަރުން ދަނީ ބުނަމުންނެވެ.

އިދިކޮޅު ޕީޕީއެމްއިން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ބޮޑު ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، ހިންގާ ކެމްޕޭނެކެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ.

"އިންޑިއާ އައުޓް" ހުއްޓުވުމަށް ރައީސް ނެރުއްވި އެ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު އެ ގަރާރުން ހަނިވާ ކަމަށް ބުނެއެވެ.

comment ކޮމެންޓް