އެމެރިކާގެ ރައީސް ދެކުނު ކޮރެއާގައި، މައިގަނޑު އަމާޒަކީ ޗައިނާ

އެމެރިކާއާއި ދެކުނުކޮރެއާގެ ރައީސުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ސޯލް (22 މޭ 2022): އުތުރު ކޮރެއާ ކުރިމަތިކުރާ ނުރައްކާތަކާ ބެހޭގޮތުންނާއި ބާރުގެ ބޭނުންކޮށްގެން ގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ބަދަލުކުރުމާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ދެކުނު ކޮރެއާގެ އައު ރައީސް ޔޫން ސުކް ޔޯލާ އާއި އެމެރިކާ ރައީސް ޖޯ ބައިޑެން މުހިންމު މަޝްވަރާތަކެއް ކުރައްވައިފި ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ބައިޑެންއާއި ޔޫން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރެއްވި ނަމަވެސް ދެބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފުސީލު ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ދެ ގައުމުން ގުޅިގެން ބާއްވައި އަސްކަރީ ތަމުރީނުތައް އިތުރަށް ފުޅާކުރުމަށާއި ދެކުނު ކޮރެއާއަށް އިތުރު ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަށް އެއްބަސްވިކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.

މީގެ އިތުރުން ދެކުނު ކޮރެއާގެ ދިފާއުގައި ކޮރެއާ ސަރަހައްދަށް އެމެރިކާގެ ސްޓްރެޓީޖިކް ހަތިޔާރުތައް ފޮނުވާނެކަމަށާއި މީގެ ތެރޭގައި ދުރު ރާސްތާގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކާއި ސަބްމެރީނާއި އަސްކަރީ މަނަވަރުތައް ހިމެނޭނެ ކަމަށް ވެސް ވައިޓް ހައުސްއިން ބުނެފައިވެއެވެ.

ބައިޑެންއާއި ޔޫންގެ ރަސްމީ މަޝްވަރާތަކަށްފަހު ދެ ގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ އަސްކަރީ ބާރު ބޭނުންކޮށްގެން ގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ބަދަލުކުރުމާ އެދެގައުމު ދެކޮޅު ހަދާކަމުގައެވެ. މިއީ ރަޝިއާއިން ޔުކްރޭންއާ ދެކޮޅަށް ކުރާ ހަނގުރާމައަށާއި ޓައިވާން ޗައިނާއާ އެއްކޮށްލާނެކަމަށް ބުނެ ޗައިނާ ދޭ އިންޒާރުތަކަށް ކުރި އިޝާރާތެއްކަމަށް ވަނީ ބެލެވިފައެވެ.

ބައިޑެން ދެކުނު ކޮރެއާއަށް ކުރައްވާ ދަތުރުފުޅާ ދެކޮޅަށް އުތުރުކޮރެއާގެ ރަސްމީ މީޑިއާވަނީ ފާޑުކިޔާފައެވެ. އުތުރުކޮރެއާގެ ސެންޓްރަލް ނޫސް އެޖެންސީ ބުނިގޮތުގައި އެމެރިކާގެ މަގްސަދަކީ އުތުރުކޮރެއާށް ބިރު ދެއްކުމާއި ކޮރެއާ ސަރަހައްދަށް އަސްކަރީ ބާރުތައް ފޮނުވައިގެން ސަރަހައްދުގެ ހަމަޖެހުން ނަގާލައި އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައި އެސަރަހައްދު ބޭއްވުމެވެ.

އެމެރިކާއަކީ ނުރައްކާތެރި ހަތިޔާރު އުފައްދައިގެން އެއިން ގައުމުތަކަށް ބިރުދައްކަމުން ގެންދާ އިސްތިއުމާރީ ބާރެއްކަމަށްވެސް އުތުރުކޮރެއާގެ ރަސްމީ މިޑއާއިންވަނީ ސިފަކޮށްފައެވެ. އެމެރިކާގެ ބިރު ދެއްކުންތަކުގެ ކުރިމަތީގައި ފަހަތަށް ނުޖެހި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އުތުރުކޮރެއާއަށް އޮންނާނެކަމަށާ އަމިއްލަ ނަފްސު ދިފާއިކުރުމަށް ބޭނުންވާ އަސްކަރީ ހުރިހާ ބާވަތެއްގެ ހަތިޔާރުވެސް އުފައްދައި އެތަކެތި އިތުރަށް ތަރައްގީ ކުރުންމަތީ ދެމިއޮންނާނެކަމަށްވެސް އުތުރުކޮރެއާގެ ރަސްމީ މިޑިއާ ބުނެފައިވެއެވެ.

އެމެރިކާއިން ދެކުނު ކޮރެއާގައި 40 ހާހަށްވުރެ ގިނަ ސިފައިން ބައިތިއްބައި ގިނަ އަދަދެއްގެ ބަރުހަތިޔާރު ރުކުރުވާލާފައިވާއިރު އެމެރިކާއާ އެތަށް ހާސް ކިލޯމީޓަރެއްގެ ދުރުގައި މިހާވަރުގަދައަށް އެމެރިކާ ހަރަކާތްތެރިވާ މައިގަނޑު ސްޓްރެޓެޖީއަކީ ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅޭނެ ގޮތެއްވޭތޯ ބެލުންކަމަށް މުހައްލިލުން ދެކެއެވެ.

ޗައިނާގެ ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ކުރިއެރުމަކީ އެމެރިކާގެ ބާރާއި ކޮންޓްރޯލް އޭޝިއާ ސަރަހައްދުގެ އިތުރުން މުޅި ދުނިޔޭގައިވެސް ކުޑަވެގެންދާނެ ކަމެއްކަމަށް އެމެރިކާ ދެކެއެވެ. ނަމަވެސް ރަޝިއާގެ ފަރާތުން ޔޫރަޕްގައި އެމެރިކާއަށް ކުރިމަތިވާ ގޮންޖެހުންތަކާ އަދި ޔުކްރޭން ހަނގުރާމާ ގުޅިގެން ރަޝިއާ އެކަހެރިކޮށްލުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތްތަކަށް އޭޝިއާ ހިމެނޭގޮތަށް ދުނިޔޭގެ ގިނަގައުމުތަކުގެ އެއްބާރުލުން ނުލިބޭތީ އެމެރިކާވަނީ ކަންބޮޑުވެފައެވެ.

އަދި ޗައިނާއާއި އިންޑިއާއިން ރަޝިއާއާ ގާތްގުޅުންތަކެއް ބާއްވަމުން ގެންދާއިރު އެކަން ހުއްޓުވުމުގެ ބާރު އެމެރިކާއަށް ނެތުމުގެ އިތުރުން އާސިޔާންގެ ގައުމުތައް ރަޝިއާއާ ދެކޮޅަށް ނެރުމުގައިވެސް އެމެރިކާވަނީ ނާކާމިޔާބުވެފައެވެ. މިއާއެކު ޔޫރަޕަށް އެމެރިކާ ހިންގާ ބާރާއި ނުފޫޒު އޭޝިއާގެ ގައުމުތަކަށް ނުހިންގޭކަންވަނީ ދުނިޔެއަށް ހާމަވެފައެވެ.

ދެކުނު ކޮރެއާއަށް ފަހު ބައިޑެން ދެން ވަޑައިގަންނަވާނީ ޖަޕާނަށެވެ.

comment ކޮމެންޓް