ރެއާލް މެޑްރިޑަށް ނޫނެކޭ ބުނުމަށްފަހު އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމައިފި

އެމްބައްޕޭ އަދި ލިއޮނަލް މެސީ ---

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ދުނިޔޭގެ ގަދަބާރު ރެއާލް މެޑްރިޑަށް ނުގޮސް ޕީއެސްޖީގައި މަޑުކުރާނެކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

މި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެންމެ ގިނަ ބަޔަކު އުންމީދުކުރަމުން އައީ އެމްބާޕޭ ރެއާލަށް ބަދަލުވާނެ ދުވަހަކަށެވެ.

ނަމަވެސް ދުނިޔޭފެ ފުޓުބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނާ ގޮތުގައި އޭނާ މި ސީޒަނުގައި ޕީއެސްޖީގައި މަޑުކުރާނެއެވެ.

އޭނާ މިއަދު ކުރި ޓްވީޓެއްގައި ވަނީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރާނެކަމަށެވެ. އަދި ރެއާލް މެޑްރިޑަށް ބަދަލުނުވާނެކަމަށް ވެސް އޭނާ ބުންޏެވެ. އެ ޓީމުގެ ރައީސް ފޮލޮރެންޓީނޯ ޕެރޭޒް އާ ވާހަކަދެއްކުމަށް ފަހު ރެއާލަށް ބަދަލުވުމާ ގުޅޭ ރަސްމީ ނިންމުން ވަރަށް އަވަހަށް އިއުލާންކުރާނެކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.

މިއަދު ޕެރޭޒްއަށް ފޯނުން ގުޅައި އެމްބާޕޭ ޕީއެސްޖީގައި މަޑުކުރާނެކަމަށް އޭނާ ބުނެފައިވާކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.

ނަމަވެސް އެމްބާޕޭގެ ކޮންޓްރެކްޓްގެ މުއްދަތުތަކާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި ވަނީ ރެއާލާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް ސްޕެއިންގެ ކުޅިވަރު ނޫސް މާސާއިން ރިޕޯޓުކޮށްފައިވެއެވެ. އެ ނޫހުން ބުނާގޮތުގައި އެ ކޮންޓްރެކްޓުގެ ތެރޭގައި ބޯނަހުގެ ގޮތުގައި 130 މިލިއަން ޔޫރޯ އޭނާއަށް ދިނުމަށާއި، އިމޭޖް ރައިޓްސްގެ އިތުރުން ބޮޑު އާމްދަނީއެއް ލިބޭ މުސާރައެއް ދޭން އެެއްބަސްވެފައިވެއެވެ.

މިއީ 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް ޕީއެސްޖީއަށް އެމްބާޕޭ ދިޔަ ފަހުން ރެއާލްއަށް ނޫނެކޭ ބުނި ދެވަނަ ފަހަރެވެ.

comment ކޮމެންޓް