އެޗްޕީއޭގެ "މަދިރި ހޯހޯ" ކެމްޕޭން އިފްތިތާހުކޮށްފި

މަދިރި ހޯހޯ ކެމްޕޭން އިފްތިތާހުކުރުުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލެ ސަރަހައްދުގައި މަދިރި މަދުކުރުމަށް "މަދިރި ހޯހޯ"ގެ ނަމުގައި އެޗްޕީއޭއިން ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލާ ގުޅިގެން ހިންގާ އެ ކެމްޕޭނު މިއަދު އިފްތިތާހުކޮށްދެއްވީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެކަމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު އެކެއްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މަދިރި އާލާވާ މިންވަރު މަދުކުރުމަށް ޓަކައި ފަރުދީ ޒިންމާ ނެގުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ސަރުކާރުގެ މުއައްސަސާތައް ނޫނީ ސްކޫލުތަކުގެ ކުދިން ނޫނީ އެމްއެންޑީއެފް، ޕޮލިސް، މި ތަންތަނުން އެކަނި ނުކުމެ މިހެން ނުކުމެ ފާހަގަކޮށްލެވޭ ދުވަހެއްގެ ވަގުތުކޮޅެއްގަ ސާފުކޮށްލަމަކުން މިކަމެއް ހައްލެއް ނުވާނެ" މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އެފަދަ ޕްރޮގުރާމްތަކުގެ މަގްސަދު ހާސިލުވާނީ އަމިއްލަ ފަރުދީ ޒިންމާ ނެގުމަށް މަސައްކަތްކުރަން ފެށިއްޖެއްޔާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން، އެފަދަ ސައިޓުތަކުގައި ހުންނަ ފެން ހަރުލާ ކަހަލަ ތަންތަން ސާފުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އުޅުއްވާ ހުރިހާ ފަރާތްތަކެއް، އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ތަންތަނުގެ ވެރިން ވެސް ޒިންމާވާގޮތަށް އެބަޖެހޭ މިކަމުގައި ސީރިއަސް، އޯގަނައިޒްޑް މަސައްކަތްތަކެއް ކުރަން" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ އެކްޝަން ޕްލޭންގައި ހިމެނޭ "ޗާލު މާލެ ސިޓީ" އަމާޒަށް ވާސިލުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް މުއިއްޒު އިލްތިމާސް ކުރެއްވިއެވެ.

"ކޮންމެ މީހަކު ވެސް ގެއިން ނެރޭ ކޮތަޅު މަގުމަތީ ބެހެއްޓީމަ އެކަމުން އަދި މި ކަމެއް ހާސިލެއް ނުވޭ" އޭނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް ދެ މޫސުން ބަދަލުވާ ދުވަސްކޮޅަކީ މަދިރި ގިނަވެ، އޭގެ ޒަރީއާއިން ޖެހޭ ބަލިތައް އިތުރުވާ ދުވަސްކޮޅެކެވެ. މަދިރިން ރައްކާތެރިވުމަށް ފެން ހަރުލާނެހެން ގޭގޭގައި ހުންނަ ތަންތަން ސާފުކުރުމަށާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް