ނިކަން ލޯބިން... ފަޚުރާއި ޝުކުރާ އެކު...

"ނިކަން ލޯބިން" ޕްރޮގްރާމުގެ ތެރެއިން

ފާއިތު ވެދިޔަ ރަމަޟާން މަހުގެ ތެރޭގައި ޓީވީ މޯލްޑިވްސްއިން "ނިކަން ލޯބިން" މި ނަމުގައި އުފައްދައި ގެނެސްދިން މަދަޙަ ޕްރޮގްރާމުގެ އެޕިސޯޑުތައް ފެނުމުން ލިބިގެން ދިޔައީ ވަރަށް ބޮޑު އުފަލެކެވެ. އެތައް ސަބަބަކާ ހުރެއެވެ. އެއް ސަބަބަކީ، އަޅުގަނޑުމެންގެ އިސްލާމީ ސަގާފަތުގެ އެންމެ މުހިއްމު އެއް ކަންތައް ކަމުގައި ވާ މަދަޙަ ކިޔުމުގެ ފަންނަށް، އަޅުގަނޑުމެންގެ ޒުވާން ފަންނާނުންގެ އަތްމަތީގައި އިތުރު ދިރުން ލިބެމުން އެ ފަންނު އާލާ ވަމުން އަންނަ މަންޒަރު ފެނުމެވެ. ޒުވާން ފަންނާނުން މަދަޙަ ކިޔާތަން ފެނުމެވެ. ދެވަނަ ސަބަބަކީ، ދިވެހި ޒުވާން ފަންނާނުންގެ ލަވަ ކިޔުމުގެ ފެންވަރަށް އައިސްފައި ވާ ހެޔޮ ބަދަލު ފެނުމެވެ. ތިންވަނަ ސަބަބަކީ، ދިވެހީންގެ ތެރޭގައި ގިނަ ބަޔެއްގެ ލޯބި ލިބިފައި ވާ ކުރީގެ ރީތި މަދަޙަތައް އެއްލައިނުލެވޭކަމާއި، އެ މަދަޙަތަކަށް އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި ޤަދަރު ކުރެވޭކަން އެނގުމެވެ.

ދިވެހިރާއްޖޭގެ މިޔުޒިކީ ފަންނުގެ ތެރޭގައި، މަދަޙަ އަކީ ވަރަށް ޚާއްޞަ އެއްޗެކެވެ. އަލްމަރްޙޫމް ހޮޅުދޫ ޢަބްދުﷲ ޙަސަނާއި، ކ. ކާށިދޫ މުޝްތަރީ ކުލަބުގެ ޢީސާ މޫސާ އާއި އިސްމާޢީލް މޫސާ އާއި، އަލްމަރްޙޫމް މުޙައްމަދު ރަޝާދު ފަދަ މޫސީގާރުންގެ އަޑުން ދިވެހީންނަށް ވަނީ ނުހަނު ރީތި އެތައް މަދަޙައެއް ހަދިޔާ ކުރައްވައިފައެވެ. އެ މަދަޙަތައް ދިވެހިރާއްޖޭގެ އަޑުންނާއި ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމުތަކުން އަޑު އަހަމުން ބޮޑު ވި އަޅުގަނޑުމެން ފަދަ ޖީލުތަކަށް ޓަކައި، އެ މަދަޙަތަކަކީ ދިވެހިއްޔަތުގެ ބައެކެވެ. ދިވެހިވަންތަކަމުގެ އުންސުރެކެވެ. ދިވެހި ޤައުމީ ސަގާފަތުގެ އެންމެ ލޮބުވެތި އެއް ބައެވެ. އެ މަދަޙަތަކުން ދައްކައިދެނީ ދިވެހީން މާތް ވެގެންވާ އިސްލާމް ދީން ދެކެ ލޯބި ވާ ވަރެވެ.

"ނިކަން ލޯބިން" ޕްރޮގްރާމުގައި މަދަޙަ ކީ ކުދީންގެ ފަންނީ ފެންވަރު ވެސް ރަނގަޅެވެ. މީގެ ފަނަރަ ވިއްސަކަށް އަހަރު ކުރިޔާ ހަމަޔަށް ބެލިޔަސް، ދިވެހިރާއްޖޭގައި އެ ޢުމުރުގައި އެ ފެންވަރަށް ލަވަ ކިޔާނޭ ކުދީންނެއް ނުތިބެއެވެ. ނަމަވެސް މިހާރު ފެނިގެން މި ދަނީ، ދިވެހި ޒުވާން ލަވަ ކިޔުންތެރީން ވެސް މި ސަރަޙައްދުގެ އެހެން ޤައުމުތަކުގެ ޒުވާން ލަވަ ކިޔުންތެރީންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތު ކޮށްފާނޭކަމުގެ ހެކިތަކެވެ. ދިވެހި ފަންނާނުންނަކީ ވެސް ސަރަޙައްދުގެ އެހެން ފަންނާނުންނާ ވާދަ ކޮށްލުމުގެ ޤާބިލިއްޔަތު ހުރި ބައެއްކަމުގެ ހެކިތަކެވެ. ބޭނުން ވަނީ އެމީހުންނަށް ފަންނީ ތަމްރީނުތައް ހެޔޮ ގޮތުގައި ދިނުމެވެ. ހަމައެކަނި މަދަޙަ ކީ ކުދީންނެއް ނޫނެވެ. މަދަޙަތަކަށް ހަދައިފައި ހުރި ޕިއާނޯ މިޔުޒިކާއި، ޕިއާނޯ ކުޅެފައި ހުރި ގޮތް ވެސް ވަރަށް ފުރިހަމައެވެ. ރާއްޖޭގައި ޕިއާނޯ ކުޅުމާއި ޕިއާނޯގެ މިޔުޒިކު އުފެއްދުމުގެ ފެންވަރު އިހުއްސުރެ ހުރި ގޮތަށް ބަލާ އިރު، "ނިކަން ލޯބިން" ޕްރޮގްރާމުން ފެނިގެން ދިޔައީ އުފާ ކުރާން ޖެހޭ ވަރުގެ ތަރައްޤީއަކާއި ކުރިއެރުމެއް ކަމަށް ދެކެމެވެ.

"ނިކަން ލޯބިން" ޕްރޮގްރާމުގައި، މަދަޙަ އާއި ސަނާ އާއި ދުޢާގެ ޅެންތައް، ރީތި މިޔުޒިކާ އެކު ހުށައަޅައިލެވިގެން ދިޔަ ދިޔުމުން ފެންނަ އަނެއް ކަމަކީ، މިޔުޒިކާއި ލަވަ ކިޔުމަކީ "އެނިމަލިޒަމް" ނުވަތަ "ޙައިވާނިއްޔަތު" ގެ ދަރަޖައިގައި "އެނިމަލިޒަމް" ގެ މަގުގައި ނޫނަސް ތަރައްޤީ ކުރެވިދާނޭ އެއްޗެއްކަމެވެ. ރީތި މިޔުޒިކެއް ކުޅުމަށް ޓަކައި، މިޔުޒިކު ކުޅޭ މީހާ ބަނގުރާ ބޮއި މަސްތު ވެގެން އުޅޭ ބަނގުޅިއެއް ފަދައިން ތެޅިފޮޅޭކަށް ނުޖެހެއެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑު ޖަންގަލީގެ ތެރޭގައި ހެދިފައި އޮންނަ ވާވެލެއް ފަދައިން މުޅި ބޮލާއި މޫނުމައްޗަށް އެޅިފައި އޮންނާކަށެއް ނުޖެހެއެވެ. އޭނާގެ ކަންފަތާއި ނޭފަތާއި ދެންވެސް އެތަންމިތަން ތޮރުފައި، އެ ތަންތަނުގައި އެކި ކަހަލަ މަޢުދަނުގެ ފޮތިތަކާއި ބޮޅުތައް އެލުވައިފައި ހުންނާކަށެއް ނުޖެހެއެވެ. އޭނާގެ މުޅި ގައިގައި ޓެޓޫ ކުރަހައި، ކަށްބޮލާއި ޖަނަވާރުތަކުގެ ތަސްވީރުތައް ކުރަހައިފައި ހުންނާކަށެއް ނުޖެހެއެވެ. ލަވަ ކިޔުމަށް ޓަކައި، ކަރުތެރެއިން ޙިމާރެއްގެ އަޑު ކަހަލަ މަކުރޫހަ އަޑުތައް ނެރެގެން ވައްތަރުތައް ޖައްސަޖައްސައިފައި އުޅޭކަށެއް ނުޖެހެއެވެ. ލަވަ ކިޔާ މީހާގެ ހަށިގަނޑުގެ ބޮޑު ބައި ދައްކައިގެން، މުޑުދާރު ގޮތްތަކާއި ވަޙުޝިއްޔަތު އޭގެ ތެރޭގައި ހިމަނާކަށެއް ނުޖެހެއެވެ.

އެއާ ޚިލާފަށް، މިޔުޒިކަކީ އިންސާނީ ޝަރާފަތާއި ކަރާމަތާ އެކަށޭނަ ގޮތެއްގައި ވެސް ތަރައްޤީ ކުރެވިދާނެ ފަންނެކެވެ. ރިވެތި އަޚްލާޤާއި ހެޔޮ އުޅުންތެރިކަމުގެ ހަމަތަކާ އެއްގޮތަށް ވެސް ލަވަ ކިޔައި މިޔުޒިކު ކުޅެވިދާނެއެވެ. މިޔުޒިކަކީ ފާޙިޝްކަމާއި ވަޙުޝިއްޔަތަށް އޮންނަ ވަސީލަތަކަށް ނުވަތަ މަގަކަށް ހެދުމުގެ ބަދަލުގައި، އެއީ ހެޔޮކަމަށް އޮތް ވަސީލަތަކަށް ވެސް ހެދިދާނެއެވެ. އާދެ، އެއީ އިސްލާމީ ހެޔޮ ސަގާފަތުގެ މުހިއްމު ބައެއް ކަމުގައި ހެދުމަކީ އަޅުގަނޑުމެންގެ ޒުވާން ފަންނާނުންގެ ވާޖިބެއް ކަމަށް ދަންނަވާން ޖެހެއެވެ.

"ނިކަން ލޯބިން" ޕްރޮގްރާމުގައި ފާޑު ކިޔާން ޖެހޭ އެއްވެސް ކަމެއް ނެތެކޭ ނުދަންނަވާނަމެވެ. އެއް ކަމަކީ، ބައެއް ކުދީން ލަވަ ކިޔުމުގައި ދިވެހި އަޑުމަޚްރަޖު ގެންގުޅެފައި ހުރި ގޮތުގައި ހުރި ކުދިކުދި ބައެއް މައްސަލަތަކެވެ. ސާފު އަދި ޚާލިޞް ދިވެހި އަޑުތައް ބައެއް ފަހަރު ނުނެރެވޭ މައްސަލައެވެ. މިއީ ކުދީންނަށް ކިޔައިދީ ބުނެދޭން ތިބި ބަޔަކު ކުޑަކުޑަ މަސައްކަތެއް ކޮށްލަނިކޮށް ރަނގަޅު ކުރެވޭނޭ ކަމެއްކަން ޔަޤީނެވެ. ހަމައެހެންމެ، އަޅުގަނޑުމެންގެ ދަރީންނަށް މަދަރުސާތަކުގައި ދިވެހި ބަސް ކިޔަވައިދިނުމުގެ ނިޒާމު އިޞްލާޙު ކޮށްލުމުން ވެސް، މި މައްސަލައަށް ދުރު މުސްތަޤުބަލުގައި ފުރިހަމަ ޙައްލެއް ލިބިދާނެއެވެ. އިޞްލާޙު ކޮށްލާން ޖެހޭ ދެވަނަ ކަމެއްގެ ގޮތުގައި، ޕްރޮގްރާމުގެ އިސްލާމީ ޝަޚްޞިއްޔަތު އިތުރަށް ވަރުގަދަ ކުރުން ފާހަގަ ކުރެވެއެވެ. ދީނީ ޢިލްމުވެރީންގެ އިރުޝާދުތައް ހޯދައިލުމުން، މިކަން ކުރާނޭ ގޮތުގެ ތަފްޞީލުތައް ވަރަށް ފަސޭހައިން ލިބޭނޭކަން ޔަޤީނެވެ. މި ކަހަލަ ބައެއް ކަންކަން ރަނގަޅު ކޮށްލާން ޖެހޭ އިރު، ޖުމުލަ ގޮތެއްގައި، "ނިކަން ލޯބިން" ޕްރޮގްރާމް އަޅުގަނޑު ބަލައިގަންނަނީ ފަޚުރާއި ޝުކުރާ އެކުގައެވެ.

އުއްމީދަކީ، "ނިކަން ލޯބިން" ޕްރޮގްރާމަކީ ކުރީގެ ރީތި މަދަޙަތަކަށް ދިރުން ގެނެސްދޭ ޕްރޮގްރާމެއްގެ ގޮތުގައި ކުރިޔަށް ގެންދެވޭ ޕްރޮގްރާމަކަށް ވުމެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި މިޔުޒިކް "އިސްލަމައިޒް" ކުރުމަށް ކުރެވޭ މަސައްކަތެއްގެ ބަޔަކަށް ވެގެން ދިޔުމެވެ. މިޔުޒިކީ ފަންނުން "އެނިމަލިޒަމް" ގެ ނުބައި ވިހަޔާއި ޒަހަރު ނެއްތައިލައި، އަޅުގަނޑުމެންގެ ފަންނާނުންނަކީ އިސްލާމީ ހެޔޮ ނަމޫނާތަކެއްގެ ގޮތުގައި ތިބެގެން، އިސްލާމް ދީނުގެ ރިވެތި އަޚްލާޤާއި އިޙްސާންތެރިކަމުގެ އިމުގެ ތެރޭގައި ތިބެގެން، މިޔުޒިކަކީ "ހެޔޮކަމަށް އޮތް ބާރެއް" ކަމަށް ދެކެގެން މަސައްކަތް ކުރާ ބަޔަކަށް ވުމެވެ. އެމީހުންނަކީ ވަޙުޝިއްޔަތާއި ފާޙިޝްކަމާއި ނާޖާއިޒު ނާޗަރަންގީ އާއި ޝައިޠާނީ ޕާޓީތަކުގެ ޒީނަތަކަށް ވުމުގެ ބަދަލުގައި، ދީނީ، ޤައުމީ މައުޟޫޢުތަކަށާއި، ތިމާވެށި ރައްކައުތެރި ކުރުމާއި، ކުޑަކުދީންގެ ޙައްޤުތައް ފަދަ، މުޖުތަމަޢަށް އިޞްލާޙު ގެނައުމަށް ބޭނުންވާ ދާއިރާތަކުގައި އެމީހުންގެ ފަންނުގެ ވަސީލަތުން ހެޔޮކަމަށް މަސައްކަތް ކުރާ ބަޔަކަށް ވުމެވެ.

މި ވާހަކަ ދެކެވޭ އިރު، މިޔުޒިކަކީ އިސްލާމް ދީނުގައި "ޙަރާމް" އެއްޗެއް ކަމަށް ވިދާޅުވާ ބެއިފުޅުންތަކެއް ތިއްބެވިކަން އަޅުގަނޑު ހަނދާނަކުން ނެއްތައެއްނުލަމެވެ. ޤަބޫލު ކުރެވޭ ގޮތުގައި، މިޔުޒިކަކީ ޙަރާމް އެއްޗެއް ކަމަށް އެފަދަ ބެއިފުޅުން ޤަބޫލު ކުރައްވާން ޖެހޭ ސަބަބު ވެސް މައިގަނޑު ގޮތެއްގައި ގުޅިފައި ވަނީ، މިޔުޒިކުގެ ފަންނު "އެނިމަލިޒަމް" ގެ ޝިކާރައަކަށް ވެފައި އޮންނައޮތުމެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މި މައްސަލަ އޮތީ ވަރަށް ބޮޑުކޮށެވެ. މި މައްސަލަ ރަނގަޅު ކުރެވި، މިޔުޒިކުގެ ފަންނު "އިސްލަމައިޒް" ކުރެވިއްޖެއްޔާ، މިޔުޒިކަކީ ޙަރާމް އެއްޗެކޭ ވިދާޅުވާ ބައެއް ބެއިފުޅުން މިޔުޒިކަކީ އިސްލާމް ދީނުގެ ތަޢުލީމާތާ އެއްވެސް ފުށުއެރުމެއް ނެތް، އިންސާނީ ފިޠުރަތުގައި އޭގެ އަސާސް ވާ ފަންނެއްކަން ޤަބޫލު ކުރައްވައިފާނޭ ކަމަށް ފެނެއެވެ. ދެން އޮތީ، އެއްވެސް ޙާލެއްގައި މިޔުޒިކަކީ ހުއްދަ ނުކުރެވޭނޭ އެއްޗެއްކަމަށް މުޠުލަޤުކޮށް ވިދާޅުވާ ބެއިފުޅުންގެ ވާހަކައެވެ. އެ ބެއިފުޅުންނަށް ވެސް އަޅުގަނޑު އިޙްތިރާމު ކުރަމެވެ. އެ ބެއިފުޅުންގެ ވިސްނުންފުޅަކީ ވެސް މުސްލިމް ޢިލްމުވެރީންގެ ތެރޭގައި އޮތް ރައުޔަކަށް ވާތީއެވެ. އެދޭ ކަމަކީ، އެ ބެއިފުޅުން ވެސް، މިޔުޒިކު ހުއްދަ ވުމާއި، ހެޔޮ ގޮތުގައި އެ ފަންނު ތަރައްޤީ ކުރެވިއްޖެ ޙާލަތެއްގައި އެއީ ވެސް ހެޔޮ އިސްލާމީ ސަގާފަތެއްގެ ބައެއް ކަމަށް ދެކެވަޑައިގަންނަވާ ބޮޑެތި ބޮޑެތި ޢާލިމުން ވެސް މި އުއްމަތުގައި، އެއިރު ވެސް އަދި މިހާރުވެސް، ތިއްބަވާކަމުގެ އިންކާރު ނުކުރެވޭނޭ ޙަޤީޤަތަށް ހެޔޮ ހިތްޕުޅުން އިޙުތިރާމު ކުރެއްވުމެވެ. މި މައްސަލައަކީ އަޅުގަނޑުމެންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދާ ކަމަކަށް ނުހެއްދެވުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް