ލަންކާގައި ތެލުގެ ދަތިކަން ބޮޑުވެ ސްކޫލަތައް ބަންދުކޮށްފި

ފޮޓޯ: އޭޕީ

އަވަށްޓެރި ސްރީލަންކާގައި ތެޔޮ ލިބުން ދަތިވުމުން، ސަރުކާރު އޮފިޝަލުން މަސައްކަތަށް ނުނިކުތުމަށް އަންގައި، ސްކޫލްތައް ބަންދުކޮށްފިއެވެ.

ލަންކާގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ މަސައްކަތްތެރިން ނޫން އެހެން ސަރުކާރުގެ އޮފިޝަލުން މިއަދު ގޭގައި މަޑުކުރުމަށް އެދިފައެވެ. އަދި ޕްރައިވެޓް ސްކޫލްތަކާއި ސަރުކާރު ސްކޫލްތަކެއް ވެސް މިއަދު ބަންދުކޮށްފައިވެއެވެ.

އިގްތިސާދީ ފުންވަޅުގަޑަކަށް ސްރީލަންކާ ވެއްޓިފައިވާއިރު ތެލާއި ގޭސް އަދި ޒަރޫރީ ތަކެތި އެތެރެކުރުމަށް ފައިސާ ހޯދުމަށް ސަރުކާރަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.

ލަންކާގެ ބޭރުގެ ދަރަނި މިހާރު ވަނީ 51 ބިލިއަން ޑޮލަރަށް އަރާފައެވެ. އޭގެ ތެރެއިން ހަތް ބިލިއަން ޑޮލަރު އެގައުމުން މިއަހަރު ދައްކަން ޖެހޭ ނަމަވެސް ލަންކާއިން ވަނީ އެ ލޯނުތަކަށް ފައިސާ ދެއްކުން މެދުކަނޑާލާފައެވެ.

ލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހޯމަ ދުވަހު ވިދާޅުވީ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ޓަކައި މިވަގުތު 75 ބިލިއަން ޑޮލަރު ބޭނުންވާކަމަށެވެ. ނަމަވެސް މި ދަނޑިވަޅުގައި އެއް ބިލިއަން ޑޮލަރު ވެސް ހޯދުމަށް ދަތިވެފައިވާކަން ރަނިލް ފާހަގަކުރެއްވިއެވެ.

އެ މައްސަލަތަކުގެ ސަބަބުން ލަންކާގެ ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. އަދި ދާދި ފަހަކާ ޖެހެންދެން ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސައަށް މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެ މުޒާހަރާތައް ފުޅާވެ، ހަމަނުޖެހުންތައް އުފެދުމުންނެވެ.

comment ކޮމެންޓް