ލަންކާއަށް އެހީ ހޯދައިދޭ މެދުވެރިއަކަށް ރައީސް ނަޝީދު ހަމަޖެއްސީ އެކަމަށް އެދިލެއްވުމުން: ރަނިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ --

ސްރީލަންކާއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް ފައިސާ ހޯދައިދިނުމުގެ މެދުވެރިއަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހަމަޖެއްސީ، ރައީސް ނަޝީދުގެ އެދިލެއްވުމަކަށް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ޙަސަން ޒިޔާއު އިއްޔެ "ސަން"އަށް ވިދާޅުވީ ރަނިލް އިއްޔެ ރައީސް ނަޝީދަށް ފޯނުން ގުޅުއްވިކަމަށެވެ.

އެ ފޯނު ކޯލުގައި ދެ ބޭފުޅުން ލަންކާގެ ހާލަތާ ބެހޭގޮތުން ވާހަކަ ދެއްކެވި ކަމަށާއި، އެ ގައުމަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ބޭރު ގައުމުތަކުގެ އެހީ ހޯދުމަށް ޓަކައި ރައީސް ނަޝީދުގެ އެހީތެރިކަން ބޭނުންވާކަމަށް ރަނިލް ވިދާޅުވިކަމަށް، ޒިޔާއު ވިދާޅުވިއެވެ.

އެހެންކަމުން، ރަނިލް އެދިލެއްވި ގޮތަށް، ލަންކާއަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވި ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ނަމަވެސް ރޭ ރަނިލް ކުރެއްވި ޓުވީޓެއްގައިވާ ގޮތުން ލަންކާއަށް އެހީ ފޯރުކޮށްދިނުމުގައި މެދުވެރިއަކަށް ވުމަށް ރައީސް ނަޝީދު އައްޔަން ކުރީ ރައީސް ނަޝީދުގެ އެދިލެއްވުމަކަށެވެ.

"ލަންކާގެ އިގުތިސާދު އަލުން ކޮޅަށްޖެހުމަށް އެހީފޯރުކޮށްދެއްވުމުގެ ގޮތުން، ބޭރުގެ އެހީ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ވިލަރެސް ކުރެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން، އަޅުގަނޑު އެ ހުށަހެޅުން ގަބޫލުކޮށްފިން،" ރަނިލް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ރަނިލް ވިދާޅުވި ގޮތުގައި ލަންކާއަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމަށް ޓަކައި އެގައުމަށް ވީހާވެސް އަވަހަކަށް 75 ބިލިއަން ޑޮލަރު ބޭނުންވެއެވެ. ނަމަވެސް ގައުމުގެ ޓްރެޝަރީއަށް ވަނީ އެއް ބިލިއަން ޑޮލަރު ހޯދަން ވެސް ދަތިވެފައެވެ.

ކޮވިޑް-19އިން ސަލާމަތްވުމަށް ޓަކައި ލަންކާއިން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ދެ އަހަރެއްހާ ދުވަހަށް އެ ގައުމުގެ ސަރަހައްދީ ރޮނގުތައް ބަންދުކުރުމުން ފަތުރުވެރިކަން ހުއްޓި، އެ ގައުމު ވަނީ ބަނގުރޫޓުވާން ކައިރިވެފައެވެ.

އޭގެ ސަބަބުން، ކާބޯތަކެއްޗާއި ތެޔޮ ފަދަ އަސާސީ ތަކެތި ހޯދުމަށް ލަންކާގެ ރައްޔިތުން ދިގު ކިޔޫތައް ހަދަން ޖެހޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި ބޭރު ފައިސާ ނުލިބުމުގެ ސަބަބުން އެގައުމަށް ތަކެތި އެތެރެ ކުރެވޭ މިންވަރު މަދުވެ، އުފެއްދުންތެރިކަމަށް ވަނީ ބުރޫ އަރާފައެވެ.

އެ މައްސަލަތަކުގެ ސަބަބުން މިދިޔަ މާޗު މަހު ލަންކާގެ ރައްޔިތުން ރައީސް ގޮތަބަޔަ ރާޖަޕަކްސަ އާއި އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ފެށިއެވެ. އެ މުޒާހަރާތައް މަތަކުރުމުގެ ގޮތުން އެގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް، ކާފިއު ހިންގި ނަމަވެސް މުޒާހަރާތައް ހުއްޓާލަން މީހުން ދެކޮޅުހެދިއެވެ.

އެހެންކަމުން، މިމަހުގެ ނުވައެއްގައި ބޮޑުވަޒީރު މަހިންދަ މަގާމުން އިސްތިއުފާ ދެއްވިއެވެ. އަދި މިމަހުގެ 12ގައި ރަނިލް އެ މަގާމަށް އައްޔަންކުރިއެވެ.

comment ކޮމެންޓް