ހަނިމާދޫ އަލަށް އާބާދުވި ސަރަހައްދުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ފަށައިފި

ހަނިމާދޫ އަލަށް އާބާދުވި ސަރަހައްދުގައި އިމާރާތްކުރާ މިސްކިތުގެ ކުރެހުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ހދ. ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ޙަސަންއެވެ.

މި މިސްކިތް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ އެރަށުގައި އަލަށް އާބާދުވާން ފެށި ހިސާބުގައެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު "ސަން" އަށް ވިދާޅުވީ، މިވަގުތު އެރަށުގައި ހުރީ ކުޑަ އެއް މިސްކިތާއި ބޮޑު ދެ މިސްކިތް ކަމަށެވެ. ނަމަވެސް ބައެއް ދުވަސްވަރު ރަށުގައި މީހުން ގިނަވުމުން، ދަތިތައް ކުރިމަތިވާ ކަމަށެވެ.

"މި މިސްކިތުގެ މަސައްކަތް ނިމި، ބޭނުން ކުރެވޭ ހިސާބަށް ދިޔައީމަ، ގާތްގަނޑަކަށް ކުރިއަށް އޮތް 10 ވަރަކަށް އަހަރަށް، އާބާދީއަށް ބަލާފައި މެނޭޖް ކުރެވޭވަރު ވާނެ،" އޭނާ ވިދާޅުވިއެވެ.

ޖުމުލަ 500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 11.9 މިލިއަން ރުފިޔާއަށެވެ.

މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ. އެއް އަހަރުގެ މުއްދަތެއް ދީފައިވާ މި މަސައްކަތް ނިންމުމުގެ ފަހު ތާރީޚަކީ އަންނަ އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހުއެވެ.

ހަނިމަދޫގައި މިވަގުތު ހުރީ 400 މީހުންގެ ޖާގައިގެ މިސްކިތަކާއި، 700 މީހުންގެ ޖާގައިގެ މިސްކިތަކާއި 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އެ ރަށުގެ ޖުމުލަ އާބާދީ 2،387 އަށް އަރާއިރު، ހަނިމާދޫގައި މިހާރު ދިރިއުޅޭ މީހުންގެ އަދަދު 3000 އަށް ވުރެ ގިނަވާނެ ކަމަށް އެރަށު ކައުންސިލްގެ ރައީސް ލަފާކުރައްވައެވެ.

ހަނިމާދޫގައި އަލަށް އިމާރާތް ކުރާ މިސްކިތް، އަންނަ ރޯދަ މަހުގެ ކުރިން ނިންމުމަށް ކޮންޓެކްޓަރާ ވާހަކަ ދައްކާފައި ވާނެ ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.

comment ކޮމެންޓް