ގިނަގިނައިން ޛިކުރު ކުރުމަށް ރަސޫލާ އުންމަތަށް އިރުޝާދު ދެއްވި

ނަސްރުގެ ދުވަހު ސިފައިން ޖަމާއަތުގައި ނަމާދު ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގިނަގިނައިން ޛިކުރު ކުރުމަށް ކީރިތި ރަސޫލާ އުންމަތަށް އިރުޝާދު ދެއްވާފައިވާކަން ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ، މާތް ނަބިއްޔާގެ ޚުލްގުފުޅުން ނަމޫނާ ލިބިގަތުމަށް ހާއްސަ ކޮށްފިއެވެ.

ޚުޠުބާގައި ބުނީ، ރަސޫލާއަކީ ޛިކުރު ކުރެއްވުމުގައި އެފަދަ ދެވަނައެއް ނުވާ ނަމޫނާ ބޭކަލެއް ކަމަށާއި އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅަކީ ޛިކުރު ކަމަށެވެ.

ޛިކުރުކުރާ މީހާއާއި ޛީކުރު ނުކުރާ މީހެއްގެ މިސާލު ޖައްސަވާފައި ވަނީ، ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލުން ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، އަހަރެމެންނަށް ދުނިޔެއާއި އާޚިރަތުގެ ސަލާމަތުގެ މަގު ދެއްކެވުމަށްޓަަކައި އަހަރެމެންގެ ގާތަށް ފޮނުއްވި ރަސޫލާގެ ސީރަތުން ފިލާވަޅާއި ދަރުސްތައް ހާސިލު ކުރަން ޖެހޭ ކަމަށެެވެ.

މުސްލިމުންގެ ދިރިއުޅުމުގެ ހަޔާތުގައި، ބަލަންޖެހޭ އެންމެ ފުރިހަމަ ނަމޫނާއަކީ މުޙައްމަދުގެފާނު ކަމަށާއި އެކަލޭގެފާނަށް ކިޔަމަން ގަތުމަށް، މާތް ﷲ އަހަރެމެންނަށް އަންގަވާފައިވާކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ކީރިތި ރަސޫލާގެ މުޅި ޙަޔާތްޕުޅަކީވެސް އަހަރެމެންނަށްވާ ނަމޫނާއެއް ކަމަށެވެ.

"އެކަލޭގެފާނުގެ މަތިވެރި ޝަޚްސިއްޔަތުގެ ކޮންމެ ފަރާތަކަށް ބެލިކަމުގައި ވިޔަސް، އެއީ ލާމަސީލު ނަމޫނާއެއް. ރަސޫލެއްގެ ގޮތުން ވިޔަސް، ޒައީމެއްގެ ގޮތުން ވިޔަސް، ބަފައިކަލެއްގެ ގޮތުން ވިޔަސް، ފިރިކަލެއްގެ ގޮތުން ވިޔަސް، އެދުރެއްގެ ގޮތުން ވިޔަސް، އޯގާތެރިކަމާއި މާފުކުރެއްވުމާއި ދީލަތިފުޅުކަމަށް ބެލިޔަސް އެއީ އިންސާނިއްޔަތަށް ލިބިގެންވާ މަތިވެރި ނަމޫނާއެއް،" ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ރަސޫލާ އަހަރެމެންނަށް އަންގަވާފައި ވަނީ، ރިވެތި އަޚުލާޤުން ޒީނަތްތެރި ވުމަށް ކަމަށާއި ހިނިތުންވުމާއެކު އަނެކުންނާ ބައްދަލު ކުރުމަށް ކަމަށެެވެ.

ކީރިތި ރަސޫލާ މުސްލިމުންނަށް ގޮވާލައްވާފައި ވަނީ ކުރާ ކޮންމެ ކަމެއް ރަނގަޅަށް، ފުރިހަމައަށް ކުރުމަށް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ކުރާ މަސައްކަތްތައް ރަނގަޅަށް ދަސްކޮށްގެން ކުރުމަށް ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

އޭގެ ތެރޭގައި، ކުރާ މަސައްކަތްތައް ވަގުތަށް ނިންމުމާއި ގަޑިނުޖެހި މަސައްކަތަށް ދިއުން ހިމެނޭ ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، ރަސޫލާއާއި އެކަލޭގެފާނުގެ ވެރިރަސްކަލާނގެއާ ދެމެދު އޮންނަ ގުޅުންތަކަކީވެސް އަހަރެމެންނަށް ލިބިގެންވާ ލާމަސީލު ނަމޫނާއެއް ކަމަށެވެ.

"އެ މައިދާނަށް ބަލާއިރު، އެއީ ޢިބާދާތާއި، ޛިކުރުކުރުމާއި، ދުޢާކުރުމުގައި އަހަރެމެން ތަބާވާންވީ ސަރާސަރު ތަނަވަސް މައިދާން،" ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ނަމާދު ވަގުތު ޖެހުމުން، އެހެން ހުރިހާކަމެއް ބަހައްޓަވާފައި ނަމާދު ކުރުމަށް ރަސޫލާ އަވަސްވެ ވަޑައިގަންނަވާ ކަމަށެވެ.

"ފުރަމެންދަމުގައި ދެ ފައިންޕުޅު ދުޅަވަންދެން ﷲ އަށް އަޅުކަން ކުރެއްވި. ﷲ ދެކެ ބިރުފުޅުން އެކަލޭގެފާނުގެ ދެ ލޯފުޅުން ކަރުނަފުޅު އޮހޮރިގެން ފައިބާ. އެކަލޭފާނު ރޯދައަށް ނުހުންނަވާ ދުވަހެއް ނެތޭ ބުނެވޭ މިންވަރަށް ރޯދަފުޅު ހިއްޕެވި،" ޚުޠުބާގައި ބުންޏެވެ.

comment ކޮމެންޓް