ލަމްހާއާ ދެކޮޅަށް 100 އަށްވުރެ ގިނަ ހެކި ހުށަހަޅައިފި

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ލަމްހާ ---

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ދިވެހި ނަރުސް ހަލީމަތު ލަމްހާއާ ދެކޮޅަށް ދައުލަތުން 100 އަށްވުރެ ގިނަ ހެކި ހުށަހަޅައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ މާވިން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މޭރީގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިންއަށް ވަނީ މަރުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވަނީ ހެކި ހުށަހަޅާފައެވެ. އެގޮތުން ދައުލަތުން ވަނީ, މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް 110 ހެކި ހުށަހަޅާފައެވެ. މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް 18 ހެއްކެއް ހުށަހެޅިއެވެ. އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރި ކަން ސާބިތުކުރުމަށް 18 ހެއްކެއް ހުށަހެޅިއެވެ.

ލަމްހާގެ ފަރާތުން ދިފާއުގައި ވަނީ 11 ހެއްކެއް ހުށަހަޅާފައެވެ.

އޭގެތެރޭގައި އައިޖީއެމްއެޗްގެ ޑިރެކްޓަރު ޖެނެރަލް އޮފް ފާމަސިސްޓްއާއި މެޑިކަލް އޮފިސަރު ޑރ. ޔޫސުފް ޝާންގެ އިތުރުން ޕޯސްޓްމޯޓަމް ތައްޔާރު ކުރި ޑޮކްޓަރުން ވެސް ދިފާއުން ވަނީ ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ.

ދިފާއުން ވަނީ ސަން އޮންލައިންގެ ނޫސްވެރިޔާ އަހްމަދު ސާއިލް އަލީ ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ. އެއީ އެ މައްސަލައާ ގުޅިގެން ލަމްހާ, ސަންއަށް ދިން އިންޓިވިއު ނަގާފައިވާ ގޮތް ދެނެގަތުމަށް ކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ.

ލަމްހާގެ ގޭގައި ދިރިއުޅޭ ދެ މީހަކު ވެސް ވަނީ ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ. އެއީ އެ ގެއަށް މާވިންއާ މޭރީގެ ދަރިފުޅު, ލަމްހާއާ އެކު އަންނަކަން ސާބިތުކޮށްދިނުމަށެވެ.

ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދިވެހި ނަރުސް ހަލީމަތު ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވަނީ އެ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

comment ކޮމެންޓް