12 ކިލޯ ޑްރަގް މައްސަލަ: ދެ މީހަކަށް ދައުވާކޮށްފި

12 ކިލޯގެ މަސްތުވާތެކީގެ މައްސަލައިގައި ހައްޔަރުކުރި މީހުން--- ފޮޓޯ/ ޕޮލިސް

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާޗް މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ނ.ވެލިދޫ، މަރިޔާޒް، މުޙައްމަދު ޢަބްދުއްލަޠީފްއާއި، އިންޑިއާ ރައްޔިތެއް ކަމަށްވާ ސުމޭޝް ކޭއޭ ކްރިޝްނަން ކުޓީގެ މައްޗަށް ކަމަށެވެ.

އޭގެ ތެރެއިން ސުމޭޝްގެ މައްޗަށް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މުޙައްމަދު ޢަބްދުއްލަޠީފްގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އޭގެ ތެރެއިން ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް އިތުރުކޮށްފައެވެ. ނަމަވެސް މުޙައްމަދު ޢަބްދުއްލަޠީފް ވަނީ ދޫކޮށްލާފައެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކުރި ބަންގްލަދޭޝްގެ ކަވްސަރު އަލަމްގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެހެންކަމުން އޭނާއަށް ދެން ރާއްޖެއަށް ނާދެވޭގޮތަށް ޑީޕޯޓްކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަންގައި އެދުމަށް، ފުލުހަށް ލަފާދީފައިވާކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ޙުސައިން ޞަބާހުގެ ބައި އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ލަފާދީފައެވެ.

ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

އެ އޮޕަރޭޝަނުގައި، މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައިވާނެ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް