ރިޟްވާންގެ ނަން ބޭނުންކޮށްގެން ކުރި މުޒާހަރާތަކަކީ ވެރިކަން ހޯދަން ޖެއްސި މަޅިއެއް: ބައްޕަ

ރިލްވާން ގެއްލުނުތާ 3 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރިލްވާންގެ އާއިލާ އާއި ރަހުމަތްތެރިން އޮގަސްޓް 2017ގައި ބޭއްވި ހިނގާލުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲއަށް އިންސާފު ހޯދައިދިނުމަށް އަޑުއުފުލުމަށް ކަމަށް ބުނެ އެމްޑީޕީން ބޭއްވި މުޒާހަރާތަކަކީ ވެރިކަން ހޯދަން ޖެއްސި މަޅިއެއް ކަމަށް އޭނާގެ ބައްޕަ ޢަބްދުﷲ މޫސާ ބުނެފިއެވެ.

ޗެނަލް13އަށް ދިން އިންޓަވިއުއެއްގައި ރިޟްވާންގެ ބައްޕަ ޢަބްދުﷲ ބުނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފޮތިގަނޑު ހިފައިގެން ހިންގެވި ހިންގެވުމަކީ ވޯޓު ހޯދުމަށް ޖެއްސެވި މަޅިއެއްކަމަށެވެ. އަދި މަގާމު ލިބުމުން ރައީސް ނަޝީދު ވެސް "ގެއްލުނު" ކަމަށް އޭނާ ބުންޏެވެ.

ޢަބްދުﷲ ބުނީ ރައީސް ނަޝީދަށް އޭނާ ފޮނުވި ސިޓީއެއްގެ ޖަވާބު އަދިއަދަށް ދާންދެންވެސް ނުލިބޭ ކަމަށެވެ. އެ ސިޓީގެ ޖަވާބު ހޯދުމަށް އެތައް ފަހަރެއްގެ މަތިން މަޖިލީސް ކުރާގެއަށް ދިޔަ ނަމަވެސް އެއްވެސް މީހަކާ ބައްދަލުނުވާ ކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ މަޖިލީހުން އެކަމާމެދު އެދެވޭ ޖަވާބެއް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑު ދިޔައިން 20، 30 ފަހަރު. ދިޔަނަމަވެސް އަޅުގަނޑު އެދޭކަހަލަ ޖަވާބެއް ނުލިބޭ،" ރިޟްވާންގެ ބައްޕަ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ވެރިކަމަށް އައުމުގެ ކުރިން މި ސަރުކާރުން ވަނީ، ވެރިކަން ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ރިޟްވާނަށް އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އެއީ އޭނާ ވެރިކަމަށް އަންނަން ދެއްކި ވާހަކަތަކެކޭ. އަޅުގަނޑުމެން ލައްވާ ފޮތިގަނޑު ދަމައިގެން ހިނގާ ހެދީ،" ޢަބްދުﷲ ބުންޏެވެ.

ރިޟްވާންގެ ބައްޕަ ބުނީ ސަރުކާރަށް އޮތް އިތުބާރު މިއަދު މުޅިން ގެއްލިފައިވާ ކަމަށާއި މި ސަރުކާރަށް އޭނާގެ ދަރިފުޅަށް އިންސާފު ހޯދައިދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ރިޟްވާނަށް އިންސާފު ހޯދުމަށް ގޮވާލައި ކުރި މުޒާހަރާއެއްގެ ތެރެއިން --- ފޮޓޯ އެމްޑީޕީ

އޭނާއަކީ ވަރަށް ކުރިން ފެށިގެން ވެސް އެމްޑީޕީއާއެކުގައި މަސައްކަތް ކުރަމުން އައި މީހެއް ކަމަށާއި ދަރިފުޅު މަރުވި ހިސާބުން ޕާޓީން އޭނާ މުޅިން ބާކީކޮށްލާފައިވާ ކަމަށް ރިޟްވާންގެ ބައްޕަ ބުންޏެވެ.

"އަޅުގަނޑަކީ އެންމެންނަށް ވެސް އެނގޭ ދަންނަ މޫނެއް. އަޅުގަނޑު މިއީ އެމްޑީޕީއަށް 3000 މީހުން ވޯޓު ދިން މީހެއް،" ރިޟްވާންގެ ބައްޕަ ބުނެފައިވެއެވެ.

ޢަބްދުﷲ ކިޔައިދިން ގޮތުގައި އެމްޑީޕީގެ ހަރުގެއަށް އޭނާ ވަނުމަށްވެސް އެ ޕާޓީން ނޭދެއެވެ. އެގޮތުން ހަރުގެއަށް ދިއުމާއެކު އެތަނުގައި މަސައްކަތް ކުރަމުންދިޔަ މީހަކު ވަނީ ޢަބްދުﷲ އެތަނަށް ނުވަނުމަށް އަންގާފައި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ހަރުގެއަށް ނުވެއްދުމުން ގިނަ ބަޔަކު ސުވާލުކުރި. އެ މީހުން ބުނީ އަޅުގަނޑު ހަރުގެއަށް ވަންނަން އަމުރެއް ނެތް ކަމަށް،" ރިޟްވާންގެ ބައްޕަ ބުންޏެވެ.

ރިޟްވާން ރަހީނުކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.

އެ މައްސަލާގައި ތިން މީހަކަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރިއެވެ. އެއީ ހ. ހިލްޓަން، އަޙްމަދު އާލިފް ރައޫފް އާއި ސ. ހުޅުދޫ، އަތިރީއާގޭ، މުޙައްމަދު ސުއައިދު އާއި ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރައްދީނެވެ. އެ މީހުންގެ ތެރެއިން ސުއައިދު ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެހެންކަމުން ޝަރީއަތް ކުރިއަށް ގެންދިޔައީ އާލިފް އާއި ނޫރައްދީނުގެ އެކަންޏެވެ. އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރިޟްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އެކަން ކުރުމަށްޓަކައި މަރަލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ނަމުގައި ކޮމިޝަނެއް ވެސް އުފެއްދިއެވެ. ނަމަވެސް މިއަދާހަމައަށް ވެސް އެކަން ކުރެވިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް