ވޯލްޑް ބޭންކުން ލަންކާއަށް 160 މިލިއަން ޑޮލަރު ދީފި

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ -- ފޮޓޯ/ ރޮއިޓާސް

ވޯލްޑް ބޭންކުން ސްރީލަންކާއަށް ދިން 160 މިލިއަން ޑޮލަރު ލިބިއްޖެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ޕާލިމެންޓުގައި އިއްޔެ ބޮޑުވަޒީރު ރަނިލް ވިދާޅުވީ ވޯލްޑް ބޭންކުން ދިން ފައިސާގެ ކޮންމެވެސް މިންވަރެއް ތެޔޮ ގަންނަން ބޭނުން ކުރެވޭނެ ގޮތެއް ހެދުމަށް ސަރުކާރުން މަަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތެޔޮ ގަންނަން ވޯލްޑް ބޭންކްގެ ފައިސާ ބޭނުން ނުކުރެވޭ. ނަމަވެސް ތެލުގެ ދަތިކަން ހައްލު ކުރުމަށް އެ ފައިސާގެ ކޮންމެވެސް މިންވަރެއް ބޭނުން ކުރުމުގެ ހުއްދައަށް އަޅުގަނޑުމެން އެދޭނަން،" ރަނިލް ވިދާޅުވިއެވެ.

ރަނިލް އެހެން ވިދާޅުވި އިރު، އިއްޔެގެ ޕާލިމެންޓް ބައްދަލުވުމުގައި ލަންކާގެ އެނާޖީ މިނިސްޓަރު ކަންޗަނަ ވިޖެސެކަރަ ވަނީ އެގައުމުން ޕެޓްރޯލް ހުސްވެ ކުރިއަށް އޮތް ދެ ދުވަހު ޕެޓްރޯލް ނުލިބޭނެ ކަަމަށް ވިދާޅުވެފައެވެ. ނަމަވެސް ހަފްތާ ބަންދު އަންނަންވާ އިރަށް އެ މައްސަލަ ހައްލު ވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ، ބޭރު ފައިސާ ނުލިބުމުގެ ސަބަބުން އެގައުމު ވަނީ ތެޔޮ ގަތުމަށް ނުކުޅެދިފައެވެ. ހަމައެއާއެކު އެގައުމުގައި ކާބޯތަކެއްޗާއި ބޭސް ލިބުން ދަތިވެ، ކަރަންޓުގެ ޚިދުމަތާއި ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ.

އޭގެ ސަބަބުން މިއަހަރުގެ ކުރީކޮޅު ލަންކާގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ފުޅާވެ، ހަމަނުޖެހުންތައް އުފެދުނު ފަހުން، މި މަހުގެ ނުވައެއްގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

މީގެ ކުރިން ފަސް ފަހަރަކު ބޮޑުވަޒީރުކަން ކުރައްވާފައިވާ ރަނިލް އަނެއްކާވެސް އެ މަގާމަށް އައްޔަން ކުރީ މިމަހުގެ 12ގައެވެ.

comment ކޮމެންޓް