މުޙައްމަދު އިސްމާޢީލް ދޫކޮށްލައިފި، ތަކަނޭގެ ބަންދަށް ފަސް ދުވަސް

މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢިލް ދޫކޮށްލައިފިއެވެ.

މުޙައްމަދު އިސްމާޢީލްގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ ޢަލީ ނަސީމް (ތަކަނޭ) އިއްޔެ ހައްޔަރުކޮށްފައިވަނީ, އިންޑިއާ އައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، އެކަމުގައި އިތުރު މީހުން ބައިވެރިކުރުވާ ކަމުގެ ތުހުމަތުގައެވެ. އަދި އެ ހަރަކާތް ހުއްޓުވަން ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ގޮންޖަހައި ހުރަސްއަޅަމުންދާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލަ ކޯޓަށް ހާޒިރުކޮށް, ދައުލަތުން އެދުނީ މުޙައްމަދު އިސްމާޢިލްގެ ބަންދަށް 15 ދުވަސް އިތުރުކޮށްދިނުމަށެވެ. ނަމަވެސް ކޯޓުން ނިންމީ މުޙައްމަދު އިސްމާޢީލްގެ ބަންދުގެ މުއްދަތު އިތުރުކޮށްނުދީ ދޫކޮށްލުމަށެވެ. އެއީ އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރު ނުދައްކާ ކަމަށް ދިފާއުން ފާހަގަކޮށްފައިވާތީއެވެ.

މުޙައްމަދު އިސްމާޢީލް ދޫކޮށްލި ނަމަވެސް އެ މައްސަލައިގައި ދެން ހައްޔަރުކުރި ތަކަނޭގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި، އެ ގަރާރު ތަންފީޒު ކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކާއި މުއައްސަސާތަކަށް އަންގާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 48 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް