އެސްޓީއޯއިން ވިއްކާ އުފެއްދުންތަކުގައި "ހަކަތަރި" ލޭބަލް ޖަހަން ފަށައިފި

އެސްޓީއޯއިން ވިއްކާ އުފެއްދުންތަކުގައި ހަކަތަރި ލޭބަލް ޖެހުން ފައްޓަވައިދެއްވަނީ --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ކަރަންޓު އާލަތްތަކުގެ ސަމަކާރަމިން (އެފިޝެންސީ) ދައްކުވައިދިނުމަށް އެންވަޔަރަމެންޓް މިނިސްޓްރީން އުފައްދާފައިވާ "ހަކަތަރި" ލޭބަލް އެސްޓީއޯއިން ވިއްކާ އުފެއްދުންތަކުގައި ޖަހަން ފަށައިފިއެވެ.

މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި ބޭއްވި ހަފްލާއެއްގައި މިކަން ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު އަދި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެެ.

މި ލޭބަލްގެ ޒަރީއާއިން ގޭބީސީތަކުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ އާލާތްތައް ކަމުގައިވާ އޭސީ، ފްރިޖު އަދި ދޮންނަމެޝިނުން ގަޑިއަކު މަސައްކަތްކުރާ މިންވަރާއި، އަހަރަކު ހަކަތަ ބޭނުންކުރާ މިންވަރު އެނގޭނެއެވެ. އަދި، ފަސް ތަރީގެ މިންގަނޑަކުން އެ އުފެއްދުމެއްގެ ސަމަކާރަމިން ވެސް ފެންނަން ހުންނާނެއެވެ.

އެސްޓީއޯއިން ވިއްކާ އޭސީއެއްގައި ހަކަތަރި ލޭބަލް --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

މިނިސްޓަރު ޝައުނާ ވިދާޅުވީ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.

"ރިނިއުބަލް އެނާޖީ އިންވެސްޓްމެންޓުގެ އިތުރުން އަޅުގަނޑުމެންގެ ގޭގޭގަޔާ ވިޔަފާރިތަކުގައި ބޭނުންކުރާ އިލެކްޓްރިކަލް އިކުއިޕްމަންޓްސް ތަކަކީ އެނާޖީ އެފިޝަންޓް އުފެއްދުންތައް ކަމުގައި އެބަ ވާންޖެހޭ،" ޝައުނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދަ އުފެއްދުންތައް ބޭނުންކުރުމުން އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ވެސް އެހީއަކަށް ވާނެ ކަމަށެވެ.

"ހަކަތަރި" ލޭބަލް އެސްޓީއޯއިން ވިއްކާ އުފެއްދުންތަކުގައި ޖެހުމުގެ ހުއްދަ މިނިސްޓްރީން އެ ކުންފުންޏަށް ދޫކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މިއީ މި ލޭބަލް ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް