ގަލޮޅު ސްކޫލްގެ ޖިންސީ އަނިޔާގެ މައްސަލައިގެ ނިންމުން މުރަޖައާކޮށްދޭން ޕީޖީގައި އެދިއްޖެ

ގަލޮޅު ސްކޫލް ކައިރީ އެ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންތަކެއް --- ސަން ފައިލް ފޮޓޯ

ގަލޮޅު ސްކޫލުގެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް މިދިޔަ އަހަަރުގެ އޮކްޓޫބަރު މަހު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން މުރަޖައާކޮށް ދިނުމަށް އެ ކުއްޖާގެ މައިންބަފައިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 63 އަަހަރުގެ އަންހެނަކު ހައްޔަރު ކުުރުމަށް ފަހު އޭނާ ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލަފާ ދިނުމުންނެވެ. އެ އަންހެން މީހާއަކީ އެ ސްކޫލްގެ މަސައްކަތު މީހެކެވެ.

އެ މައްސަލައާ ގުޅިގެން ގަލޮޅު ސްލޫކުން މިދިޔަ ބުރާސްފަތި ދުވަހު ނޫސްބަޔާނެއް ނެރެފައިވެއެވެ. ނަމަވެސް ކުއްޖާގެ އާއިލާގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ސްކޫލްގެ ބަޔާނުގައި ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ހިމަނާފައިވާކަމަށް ބުނެފައެވެ.

އެގޮތުން ސްކޫލުން ނެރުނު ބަޔާނުގައި، އެ ހާދިސާއާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅި ކަމަށާއި ސްކޫލުން އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަން ބަޔާނުގައި ބުނެފައިވާ ކަމަށް ކުއްޖާގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނުގައިވެއެވެ.

އެ އާއިލާގެ ބަޔާނުގައި ވަނީ، ކަން ހިނގި ގޮތް ހާމަކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭކަމަށާއި އެ މައްސަލަ ސްކޫލަށް ރިޕޯޓް ކުރުމުން އެކަށީގެންވާ އަވަސް މިނެއްގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

މީގެ އިތުރުން، ސްކޫލުގެ ފަރާތުން ފިޔަވަޅު އަޅާފައިވަނީ، އެ ހާދިސާ ހިނގައި ދިޔަގޮތް ބެލުން ލަސްވަމުން ދާތީ އެކި ފަރާތްތަކުން މީޑިއާތަކުގައި ކަންބޮޑުވުން ފާޅުކުރަން ފެށުމުންކަމަށްވެސް ކުއްޖާގެ މައިންބަފައިން ނެރުނު ބަޔާނުގައިވެއެވެ.

"މި ހާދިސާއާ ގުޅިގެން ވަކި މީހަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ހޯދިފައި ނެތުމަކީ ސްކޫލުން ކުއްޖާއަށް އަނިޔާ ނުލިބޭ ކަމަށް ނިންމޭނެ ކަމެއް ނޫން. އަދި ކިޔެއްތަ، އެކަމުން ދޭހަވަނީ ޖިނާއީ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަން،" އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ ހާދިސާއާ ގުޅިގެން އެއްވެސް މުވައްޒަފަކާ ދެކޮޅަށް ދައުވާ ކުރެވޭނެ މިންވަރަށް ހެކި ހޯދިފައި ނެތުމަކީ މި މައްސަލާގައި އެއްވެސް މުވައްޒަފެއްގެ ޝާމިލުވުން ނެތްކަން ދަލީލުކޮށްދޭ ކަމެއް ނޫންކަމަށް ބުނެފައެވެ.

ހަމައެއާއެކު، މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭނެ މިންވަރަށް ހެކި ހޯދިފައި ނުވާ ސަބަބު ކުއްޖާގެ މައިންބަފައިންނަށް އަންގާފައި ނުވާ ކަމަށް ބުނެ އެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޖިނާއި ދައުވާއެއް ނުކުރުމަށް ޕީޖީން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހުމުން، އެ ނިންމުން މުރަޖައާކޮށްދޭން ޕީޖީ އޮފީހުގައި އެދިފައިވާނެކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ އާއިލާއިން ވަނީ އެ މައްސަލައާ ގުޅިގެން ސްކޫލުގެ ފަރާތުން އާއިލާއަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި ބައްދަލުކޮށްގެން ވެސް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށް ބުނެފައެވެ.

އެ މައްސަލަ ފެންމަތިވުމުން ގަލޮޅު ސްކޫލުން އެ ސްކޫލް ތެރޭގައި ކެމެރާ ހަރުކޮށް، ހުރިހާ މަސައްކަތު އަންހެނުން ވަޒީފާއިން ސަސްޕެންޑުކުރިއެވެ. އޭރު އެ ފިޔަވަޅު އެޅީ، އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ ސީދާ އެތަނުން ކާކު ކަން ނޭނގޭތީ ކަމަށް ގަލޮޅު ސްކޫލުން ބުންޏެވެ.

އެ ސްކޫލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ވަނީ އެ ސްކޫލްގެ މުވައްޒަފެއްގެ ފަރާތުން ދަރިވަރަކަށް ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނެ އޮކްޓޫބަރު މަހު ނޫސްތަކާއި ސޯޝަލް މީޑިއާގައި ދައްކާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ. އަދި އެ މައްސަލައިގެ ތަހުގީގުން، މުވައްޒަފާ މެދު އެއްވެސް ކަންބޮޑުވުމެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ފައިލްކޮށްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް