ކައުންސިލްތަކަށް ގެސްޓްހައުސްގެ ވިޔަފާރި ކުރުމާއި ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފި

ކ. ދިއްފުށީގެ ގެސްޓްހައުސެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާބެހޭ ގަވާއިދުގެ ދަށުން ގެސްޓްހައުސް ހިންގުމާއި އަސާސީ ތަކެތި ވިއްކާ ފިހާރަތައް ހުޅުވުމަށް ހުއްދަ ދީފިއެވެ.

އެ ގަވައިދަށް ގެނައި އިސްލާހު އިކޮނޮމިކް މިނިސްޓްރީން އާންމު ކޮށްފައިވާއިރު ގަވައިދުގައިވާ ގޮތުން ކުންފުނިން ފައިސާ ބަލައިގަނެ، ފައިސާ ޚަރަދުކުރަންވާނީ، ކުންފުނީގެ
މުޢާމަލާތުތަކަށް ހުޅުވައިފައިވާ ބޭންކު އެކައުންޓު މެދުވެރިކޮށެވެ.

މީގެ އިތުރުން ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ހިންގާ ވިޔަފާރި ހަރަކާތްތައް ބެހިގެންދާނީ ދެބަޔަކަށް ކަމަށް އިސްލާހުގައިވެއެވެ. އެގޮތުން ސިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިނުކުރާ ދާއިރާތައް ހިމެނޭހެން ޖުމްލަ 15 ހަރަކާތެއް އެކުލެވޭ ޖަދުވަލެއް އިސްލާހުގައި ވެއެވެ. އޭގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލްތަކަށް ހުއްދަ ވިޔަފާރި ހަރަކާތްތައް ހިންގޭނެއެވެ.

އޭގެ ތެރޭގައި ތައުލީމު ދޭ ތަންތަން، ހޮސްޕިޓަލު، ކްލިނިކް، ގެސްޓްހައުސް ނުވަތަ ޓޫރިސްޓު ހޮޓެލް، އެއާޕޯޓު ހިންގުން، ފާމަސީ ހިންގުން އަދި އަސާސީ ތަކެތި ވިއްކާ ފިހާރަ ހިންގުން ހިމެނެއެވެ.

ދެވަނަ ބާވަތުގެ ވިޔަފާރި ހަރަކާތަކީ އެ ސިޓީއެއް، ރަށެއް އަދި އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރި ކުރި ނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތަކެވެ.

އޭގެތެރޭގައި ތައުލީމު ދޭ ތަންތަން، ކުނި މެނޭޖް ކުރުން، ހޮސްޕިޓަލް އަދި ކްލިނިކް ހިންގުން ހިމެނެއެވެ.

އެ ދެބާވަތުގެ ވިޔަފާރި ހަރަކާތްތައް ހިންގަން އުފައްދާ ކުންފުންޏެއްގައި ވެސް ކައުންސިލުތަކުގެ 100 އިންސައްތަ ހިއްސާ ވެވޭނެކަމަށް ގަވައިދުގައި ބަޔާން ކޮށްފައިވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމަށްޓަކައި ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމުގެ ބާރު ލިބެއެވެ.

comment ކޮމެންޓް