"ކީރިތި ގުރުއާނުގައި ނުވަދިހަ ފަހަރު ކެތްތެރިވުމަށް އަންގަވާފައިވެއެވެ. އެތައް ފަހަރު ތަކުރާރުކޮށް ކެތްތެރިވުމަށް އަންގަވާފައިވަނީ އެ އަމަލުން ތިބާ ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުވެ އަދި ކާމިޔާބުގެ މަގާއި ހަމަޔަށް ވާސިލު ވާނެތީއެވެ. ކެތްތެރިވުމުން އުފާވެރިކަން ލިބެއެވެ. ނަމަވެސް ކެތްތެރިވުމަކީ އިންސާނާއަށް ކުރަން ދަތިއުދަގޫކަމަކަށް ވުމުން އެކަމުގެ އަޖުރު ހިސާބެއް ނެތް ވަރަށް ދެއްވައެވެ."

***

ކެތްރީންއާއި މާކް އެނބުރި އައުމަށްފަހު ސިއާރާ ގެއްލުނުކަން އެނގި ޝޮކެއްލިބުނެވެ. އެރިކްއާއި އަސްލަން ހަގީގަތް ސިއްރުކުރިއެވެ. މުސްލިމަކާއި ކައިވެނިކޮށްގެން ފިލައިގެން ދިޔައީކަމުގައި ބުނެފިއްޔާ އިތުރަށް ހިތް ހަލާކުވާނީ ނޫންހެއްޔެވެ؟ ފަހަރެއްގައި ގެއްލުންވެސް އެއަށްވުރެ އެމީހުންނަށް ރަގަޅުވެދާނެއެވެ. ވީ ހަމަ އެކައްޗެއް ނޫންހެއްޔެވެ؟ ސިއާރާ އެމީހުންގެ ހަޔާތުން ދުރަށް ގޮސްފިއެވެ.

***

ސިޓިންރޫމްގައި އަސްލަންގެ އާއިލާއާއި އެރިކް އިށީދެލައިގެން ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ މާޔޫސްކަމާއި ނުތަނަވަސްކަމެވެ. ޚާއްސަކޮށް އަސްލަންގެ ރީތި ދެލޮލުގައިވާ މަޑުމޮޅިކަމަކީ އޭނަގެ މިޒާޖުގައި ކުރިން ހުންނަ ކަމެއް ނޫނެވެ. އެފަދަ ހިތާމަވެރި ޝުއޫރުތައް ފޮރުވަން އޭނަ ކިތަންމެ ކުޅަދާނަވިޔަސް މިއަދު އެލޯ ކިޔައިދެނީ ހިތާމަވެރި ފަސާނާއެކެވެ.

"ސިއާރާ ގެއްލުނީ. ކިހާ ދެރަ. ދުވަހަކުވެސް ދެން ނުފެންނާނީތަ؟އަހަންނާއި ހާދަ ކްލޯޒްއޭ މިފަހުން.." ޚައިރާ ދެކޮޅަށް ހިނގަން ހުރެފައި އަތްތިލަ އުނގުޅައިލައެވެ." ސިއާރާ މުސްލިމް ވީމަ އެހާ ޝޮކިން އެއް ނޫން. ސަބަބަކީ ދީނުގެ ރީތިކަން އެނގުނީމަ ހިތް ލެނބޭގޮތްވާތީ. އަޅުގަނޑުވެސް މުސްލިމްވާން ހިތަށް އަރާ...."

"ޚައިރާ......" މާކްގެ އަޑު ގުގުމައިލިއެވެ.

"ބައްޕާ އައިމް ސޮރީ އެކަމަކު އިސާއީ ދީނުން ވަރަށް ހަމަނުޖެހޭ ތަންކޮޅު ފާހަގަކުރެވޭ. މި ޓްރިނިޓީ އެކްސްޕްލެއިން ކޮށްދޭން ފަސޭހަގޮތަކަށް މި ބުނެދެނީ ގޯޑްއަކީ ޑިވައިން ޓީމެއްކަމަށް. ފާދާ ސަން އެންޑް ހޯލީ ސްޕިރިޓް އެކޯ....އައި ފައުންޑް ދިސް ފަނީ..އެއްގޮަތަކަށްވެސް ހަމަނުޖެހޭ ބުއްދިއާއި އަރައިރުންވާ އެއްޗެއް ކަމުގައި ވީ........." ޚައިރާގެ ތުންފަތަށް މަޖާ ހިންޏެއް ވެރިވިއެވެ. ސިޓިން ރޫމް ތެރޭގައިވި ހިމޭންކަން ފުންވިއެވެ. އަސްލަން ތެދުވެގެން އައިސް ޚައިރާއާއި ކައިރިވެލީ އެކިޔާ އެއްޗެއް އެހުމަށެވެ.

"ޚައި......ދަރުސް އަޑުއަހާ ހިތްވެއްޖެ..." އަސްލަން ހަށަން ބަދެލިއެވެ.

"ބައެއް މިހުން އޮޅުވައިލަން ކިޔާ އެއްޗަކި އީސާއީ އަދި އިސްލާމްދީނުގެ މި މުގައްދަސް ދެފޮތުގައިވަނީ ދާދި އެކައްޗެކޭ އެކަމަކު މައްސަލަ އުފެދެނީ މިބުނާ ޓްރިނިޓީ ތަންކޮޅުންނޭ. އެތަންކޮޅު އެހާ ބޮޑު އިޝޫއެއް ނޫންކަމަށްބުނެ އަގީދާ ބަލިކަށި މުސްލިމުން ހައްލައިލަން މަސައްކަތްތައް ކުރެވެމުން ދޭ، އެކަމަކު އަޅުގަނޑު ލެކްޗާއަކުން އަޑުއެހީ މުސްލިމުންގާތު ޖީސަސްއަކީ ރަސޫލެކޭ. އެއީ އިލާހީ ސިފަ ލިބިގެންވާ ފަރާތެއްނޫނޭ. ހެއްދެވި ފަރާތާއި އެހެން އެއްވެސް ފަރާތެއް ބައިވެރިކުރުން އެވަނީ ޝިރުކަކަށް. އެ ފާފަ ނުފުއްސަވާނެ........." އެންމެންގެ ހިމޭންކަމުން ފޯރި ލިބި ޚައިރާ ވާހަކަދައްކަމުން ދިޔައިރު އޭނައަށް ހުރެވުނީ ހުރިހާ އެހެން ކަމެއް ހަނދާން ނެތިފައެވެ.

"އައި ހޭވް ފިއަރ...ވަރަށް ބޮޑަށް. ނަރަކައަށް ދާކަށް ބޭނުމެއްނޫން. މި ދިރިއުޅުމަކީ ކުޑަ ދުވަސްކޮޅެއްގެ އުފަލެއް. އެލީއަށް ވީ ކިހިނެއް؟ އެ ކުއްލި މަރުން ހަނދާންކޮށް އެދިނީ މިއީ ހަމަ އިމްތިހާނުކަމާއި އަޅުގަނޑުމެން ދުނިޔޭގައި އުޅުމުގެ ދުވަސްތައް ގުނެމުންދާކަން......"

"އިސްލާމް ދީނުގައި ގަދަރުގެ ވާހަކަ ގެނެސްދީފައި އޮތްގޮތް ވަރަށް ކަމުދޭ...އިސްލާމްގައި އޮންނަނީ މިންވަރުފުޅަށް ރުހެން. ބަގަރާ ސޫރަތުގެ......އާޔަތެއްގައި މިގޮތަށް އޯލްމައިޓީ ސެޑް...... "އަދި ތިޔަބައި މީހުން ނުރުހޭ ކަމެއް އެއީ ތިޔަބައި މީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައި މީހުން ރުހޭ ކަމެއް، އެއީ ތި ޔަބައި މީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. "

ޚައިރާއަށް ހައްތާ ހީވަނީ އެ ހިތްގައިމު އަޑުން ކަންފަތް ކައިރީ ދަރުސްގެ ތަންކޮޅުތައް ކިޔަމުން ދާ ހެންނެވެ. ސިކުނޑީގައި އެ ޖުމްލަތައް ބިންވަޅު ނެގިފައިވީ އެހާވެސް ބޮޑަށެވެ. ވަށައިގެންވާ އެހެން ކަމަކަށް ސަމާލުކަމެއް ނުދެވުނެވެ.

"އިނަފް......" ކުއްލިއަކަށް މޫނަށް އެރި ދިލަ ތަދާއެކު ޚައިރާގެ މޫނު ގެއްލި ލޮލަށް ފުސްވެގެން ދިޔައެވެ.މޫނާއި ހަމަޔަށް ގެންދެވުނު އަތްތިލައިގާ ހޫނު ދިޔާ އެއްޗެއްހޭކުނެވެ. އޭނަގެ ލެޔެވެ. އަސްލަންގެ ރުޅިވެރި މޫނު ދާދި ކައިރިން ފެނުނެވެ.

ޚައިރާ ގަބޫލުކުރުން ދަތިގޮތަކަށް އޭނަގެ ބޭބެގެ މޫނުން ފެށިގެން ބައްޕަ އަދި އެރިކްއާއި ކެތްރީންގެ މޫނަށް ބަލައިލިއެވެ. ބައްޕަގެ މޫނުމަތިންވެސް ފެނުނީ ރުޅިވެރިކަމާއި ނުރުހުމެވެ. އަސްލަން އެކުރި އަނިޔާއަށް ބައްޕަގެ ތާއީދާއި ރުހުން ލިބުނުފަދައެވެ. ރައްދުގައި ޚިޔާރުކުރީ ހިމޭންކަމެވެ. އެރިކްއަށް އެ މަންޒަރު ބަލަން ކެތްނުކުރެވިގެން ގާތަށް އައިސް އަސްލަން ދުރުކުރަން އުޅުނެވެ.

"މި ނުލަފާ ކުއްޖާ ކީކޭ ހިތަށް އަރައިގެން؟ އެލީއަށް ތި ބުނާ މީހުން ހެދިގޮތް ހަދާން ނެތުނީތަ؟"

ޚައިރާގެ ލޯ ކަރުނުން ފުރުނެވެ." ޔޫ ޑޯންޓް އަންޑަސްޓޭންޑް. އެމީހުން އެންމެން ނުލަފާއެއްނޫން......"

"އަދިވެސް..." އަސްލަން ލޯ އަޅައިލަމުން ކުރިއަށް ޖެހިލިއެވެ. އެރިކް އެދޭތެރެއަށް ވަނެވެ." ޚައި ބުމަ ފަޅައިގެން ލޭ ތިއަންނަނީ. ބޭސްއަޅަން ހިނގާ...."

"ގޯ އަވޭ. އަހަރެން އެކެއްގެ ހަމްދަރުދީއެއްވެސް ބޭނުމެއްނޫން..." ޚައިރާ ދުއްވައިގަތީ ކާކޮޓަރިއާއި ދިމާލަށެވެ.

އެރިކް ފަހަތުން ގޮސް ޚައިރާއަށް އެހީތެރިވެދިނެވެ. ޚައިރާ މައިތިރިވިއެވެ. އެރިކްގެ ލޮލަށް ބަލައިލެވުމުން ހީވީ ހަމަ ހާރިސް ފެނުނުހެންނެވެ. އެ ތުންފަތާއި ނޭފަތެވެ. ހާރިސްގެ ތުނބުޅި ނެތްނަމަ އެރިކްއާއި ދެމީހުން ވަކިކުރަން ނޭގޭނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ޚައިރާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކާއެކު އެރިކް ގާތުގައި ދެއްކީ ދީނުގެ ވާހަކައެވެ. އޭނަ މަރުދެކެ ބިރުގަންނަން ފަށައިފިކަމަށާއި ކާފިރެއްގެ ގޮތުގައި ހުރެ މަރުވާން ނޭދޭކަމުގައެވެ. އިސްލާމް ދީނަށް ވަންނަން ބޭނުންކަމަށެވެ. އެކަމަކު އޭނަ ބައްޕައާއި ބޭބެ އޭނަ މަރައިލަފާނެކަމުގައި މިހާރު ހީވާން ފަށައިފިކަމުގައެވެ. ޚައިރާއަށް ކަރުނަތައް ހުއްޓައެއްނުލެވުނެވެ. އެތައް ސަބަބުތަކާއިހުރެއެވެ. ހާރިސްއަށްޓަކާވެސް އޭނަ ކަރުނަ އޮހޮރިއެވެ. ނަމަވެސް އެރިކް ގާތު އޭނަ ހާރިސްދެކެ ލޯބިވާ ވާހަކަ ބުނަން ކެރޭނީ ކޮން ދުލަކުން ހެއްޔެވެ؟ ނަމަވެސް އޭނަ ގެ ހިތުގައި އުފެދުނީ ހަމައެކަނު ހާރިސްގެ ލޯތްބެއް ނޫނެވެ. އިސްލާމްދީނަށްޓަކާވެސް އެހިތުގައި ލޯބި އުފެދިއްޖެއެވެ. ނަމަވެސް ހިދާޔަތް ދެއްވުމުގެ ސަބަބަކަށްވީ ހާރިސް އޭނަގެ ދިރިއުޅުމަށް އައުމެވެ. އެހެންނޫންނަމަ އޭނަވެސް ގެއްލިފައިވާ މީހުންގެ ތެރޭގައި ހިމެނުނީސްކަން ޔަގީނެވެ.

***

އަސްލަން ބެލްކަނީގައި ހުރިއިރު ދުރުދުރުން އިމާރާތްތަކުގެ އަލިތައް ފެނެއެވެ. އަދި ފުރާޅުމަތީގައިވިދާ ހުދުކުލައިގެ ސްނޯތަކުގެ ސަބަބުން އިތުރު ހިތްގައިމުގޮތަކަށް ދައްކުވައިދެއެވެ. ގަސްތަކުގައި ނިރުތައް ފަޅަމުންދާއިރު ބަގީޗާގެ ހުދުކަމުގެ ތެރެއިން ފެހި ނިރުތަކާއި ކުލަކުލައިގެ މާމެލާމެލިވެސް ބަހާރުމޫސުމަށް މަރުހަބާ ކިޔަނީއެވެ. ފިނި ވައިރޯޅިއެއް މޫނުގައި ބީހިލުމާއެކު އޭނަގެ އިސްތަށިގަނޑުވެސް ކުޑަކޮށް ވިހުރުވާލައިފިއެވެ. އަތްދިގު މެރޫންކުލައިގެ ގަޔަށް ހިފާފައިވާ ޓީޝާޓަކާއި ޖިންސާއެކު ހުރުމުން ހީކަރުވާގޮތްވިނަމަވެސް ޚިޔާލުވަނީ އެހެން ދިމާލެއްގައެވެ.

ސިއާރާ އޭނަ ދޫކޮށް އަބަދަށް ދިޔައީއެވެ. ހިތުގައި ދާއިމީ ރިހުމެއް ހިފާލާފައިވިއެވެ. ދެން ހުރީ ހާރިސްއެވެ. ހާރިސް އޭނަގެ ކޮއްކޮގެ ސިކުނޑި ދޮވެލުމުން އޭނަގެ އަތުން އެ ކޮއްކޮއަށް އަނިޔާދެވިއްޖެއެވެ. އެއީ ވާންވީ ގޮތެއްވެސް ނޫނެވެ. އަސްލަންގެ ލޮލުން ދިލަނެގިއެވެ. އޭނައަށް އުފާވެރިކަމެއް ހަމަޖެހުމެއް ނުލިބިގެން އުޅެނީ ކީއްވެހެއްޔެވެ؟

"ޚައިރާ މުސްލިމްވެއްޖެއްޔާ ހާރިސް ކައިވެނިކޮށްފާނެއްނު. އޭރުން ފަހަރެއްގައި ޚައި ހައްލާލައިގެން އަހަންނަށް ސިއާރާ ހުރިތަނެއް ހޯދޭނެއްނު..." ޚިޔާލީ އޮއިވަރުގައި ބެހެމުން ދަނިކޮށް ރަގަޅު މަންޒިލަކަށް ވާސިލް ވެވިއްޖެއެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. ޚައިރާ މެދުވެރިކޮށް އޭނަ ސިއާރާ ހުރިތަނެއް ހޯދުމަށް އަޒުމް ކަނޑައެޅިއެވެ.

***

މާކް ކްރޯފޯޑް ރުޅި އިސްކުރުމުގެ ބަދަލުގައި އަމިއްލަ ނަފުސަށް ވިސްނައިދިނީ ކެތްތެރިވުމަށެވެ. ޚައިރާގެ ސިކުނޑި ދޮންނަން އެހެން މީހުން މަސައްކަތްކުރާއިރު އޭނައަށް އަޅާނުލެވުނީއެވެ. އޭނަގެ ދީނުގެ މުގައްދަސް ފޮތް ހިފައިގެންގޮސް ޚައިރާގެ އެނދުގެ މަގަތުގައި އިށީދެ އެކި ބައިތައް ކިޔައިދޭންފެށިއެވެ. ޚައިރާއަށް އެކަމުުން އުދަގޫވިއެވެ. އެއިން ކޮންމެ ޖުމްލައަކުން ޚައިރާއަށް އެ ފޮތަކީ އިންސާނުން ލިޔެފައިވާ ފޮތެއްކަން ޔަގީންވުން ނޫންކަމެއް ނުވިއެވެ. ނަމަވެސް ބައްޕައާއި ޖަދަލުކުރަން އެވަގުތު މޫޑެއްނެތެވެ. ބައްޕަ ރުޅިއައިސްގެން ކޮށްފާނެކަމެއް އެނގެނީއެއް ނޫނެވެ. ދީނީ ކަންތައްތަކުގައި ބައްޕައަކީ ހަރުކަށި މީހެކެވެ. ޚާއްސަކޮށް އެލީސާގެ ސަބަބުންނެވެ.

"މި ފޮތާއި މި މުސައްލާ މިއީ ކާކުގެ އެއްޗެއް؟" އަލަމާރި ހުޅުވާލާފައި ކުޑަކޮށް ހާވާލުމަށްފަހު މާކް ސުވާލުކުރިއެވެ.

"ފްރެންޑެއްގެ....."

"ޚައި މުސްލިމް ވީތަ؟ ނޫނީ ވާން ޚިޔާލުކުރީތަ؟"

"އަދި ނުވަން...."

"ގުޑް....." މާކް ކުޑަކޮށް ހީލިއެވެ." ދަރިފުޅު މިހާރު އޯކޭތަ؟ އެރިކް ބޭސް އަޅާދީފި ދޯ....."

"ލައްބަ...." ޚައިރާ ރަޖާގެ ތެރެއިން ކުޑަކޮށް މޫނު ދައްކާލައިގެން ބަލަން އޮތެވެ. މަޑުމަޑުން ބޭސްގަނޑުގައި އަތް ޖައްސައިލުމުންވެސް ހަނދާނަށް އައީ ހާރިސްއެވެ.

"ބޭބެ ރުޅިއައީމަ އެހެން ވާނެކަން ޚައިވެސް ދަނޭދޯ، ބޮޑަށް އެހެން އެވަނީ އެލީގެ މަރާއި ގުޅުން ހުރި ބަޔަކަށް ޚައިގެ ހިތް ލެނބެން ފެށީމަ..." އެދެމީހުން ވާހަކަދައްކަން ތިއްބާ އަސްލަންވެސް އެކޮޓަރިއަށް އައިސް ޚައިރާގެ ފަރާތުން މާފަށް އެދުނެވެ. އެގޮތަށް ޖެހުނީތީ ހިތާމަކުރާކަމުގައި ބުނެ އޭގެ ބަދަލުގައި ޚައިރާ އެދުނު ކޮންމެ ކަމެއް ކޮށްދޭނެކަމުގައި ވައުދުވުމުން ޚައިރާއަށް ހީލެވުނެވެ. އާއިލާގެ މީހުންނަށްވުމުން ޖަޒުބާތުގެ އޮއިވަރުގައި ޖެހޭނެއެވެ. ރުޅި އައުމާއިއެކު މާފުވެސް ދެވޭނެއެވެ. އަރައިރުންވުމަށްފަހު އިރުގަނޑަކުން ތިބޭނީ އެކަތިގަނޑަކަށްވެފައެވެ. އަސްލަންއަކީ ހުރި ހަމައެކަނި ބޭބެއަށްވުމުން ޚައިރާއަށްވެސް އެބޭބެދެކެ ރުޅިއައިސްގެން ހުރެވޭނީ ކިހިނެއްހެއްޔެވެ؟ އަސްލަންއާއި މާކް ކްރޯފޯޑްވެސް ޚައިރާ ނިދެންދެން ވާހަކަދައްކަން ތިބިއިރު އެރިކް އޭނަގެ މަންމަ ގާތުގައި ސިޓިން ރޫމްގައި އެކި ވާހަކަތައް ދައްކާ މާޒީގެ ދުވަސްތައް ހިއްސާކުރުމުގައި ގިނަ ވަގުތު ހޭދަކުރިއެވެ.

ހާރިސްގެ އެކި ވާހަކަތައްވެސް ކެތްރީން އެހިއެވެ.

ދަރިފުޅުގެ މާފު ހޯދަން ހަދާނެގޮތަކާއިމެދު ކެތްރީން އަށް އެރޭ ވަރަށް ގިނައިރުވާންދެން ވިސްނުނެވެ.

"ސިއާރާ ދިޔަތަނެއް ހާރިސްއަށް އެނގޭނެތަ؟" ކުއްލިއަކަށް ކެތްރީންގެ ހިތުގެ ކަނަކުން ސުވާލުކުރުމާއެކު ޖަވާބު ވަގުތުން ލިބިގަންނަން ބޭނުންވިއެވެ. ނަމަވެސް ހާރިސްއާއި ބައްދަލުވާނީ ކިހިނެއްހެއްޔެވެ؟

***

ކެތްރީން މަސްޖިދު ބައިތުލް އަހަދު ހުންނަ މަގުން ލާފައި ދިޔައިރު އިސްތަށިގަނޑު ފޮރުވާފައި އޮތީ ފްލޯރަލް ސްކާފަކުންނެވެ. ދަރިފުޅު ހާރިސްދެކޭހިތުން މިހާ ބޮޑަށް ހިތް ބޭގަރާރުވީ ދުވަހެއް ނާދެއެވެ. އެ ދަރިފުޅު މޭގައި ޖައްސައިލަން ބޭނުންވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު