ޓްރެވަލް އޭޖެންސީއަކާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބެލުމަށް އެއްބާރުލުން ނުދިނުމުން އެ އޭޖެންސީއަށް ދޫކޮށްފައިވާ ޓްރެވަލް އޭޖެންޓުކަން ކުރުމުގެ ހުއްދަ ހިފަހައްޓައިފިއެވެ.
މިއަދު އެ މިނިސްޓްރީން ސަސްޕެންޑުކުރީ "އެކްސްޕްލޯ އިން މޯލްޑިވްސް"ގެ ނަމުގައި ހިންގަމުން އަންނަ ޓްރެވަލް އޭޖެންސީއެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޢަބްދުﷲ ޝަރީފް "ސަން"އަށް ވިދާޅުވީ އެ އޭޖެންސީއާ ބެހޭ ގޮތުން މަކަރާއި ހީލަތް ހެދުމާއި އޮޅުވާލުމުގެ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށެވެ.
"ބައެއް ފަރާތްތަކުން އެބަހުރި ޕޭމަންޓުތައް ލަސްވެގެން [ޝަކުވާ ކޮށްފަ]. ދެން އަނެއްބައި ފަރާތްތަކުން ރިސޯޓު ބުކިން ކޮންފާމްކުރުމަށް ފަހު، ހަމަ އެ ބުކިން ކެންސަލް ކުރުމުގެ މައްސަލަތަކެއް ވެސް އެބައުޅޭ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދެއްކުމަށް އެ ކުންފުންޏާ މުއާމަލާތް ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ލައިސަންސް ހިފެހެއްޓުމަށް ނިންމީ އެއްވެސް ގޮތަކުން ނުގުޅިގެން ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި ވާގޮތުން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ މުހައްމަދު ހަމްޒާ އަދި އާއިޝަތު ފަރިޔާޒެވެ.