ކަނޑުއޮތްގިރި ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް

ކަނޑުއޮތްގިރި ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ އެމްޓީސީސީ

ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ކަނޑުއޮތްގިރިއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ބެލުމުގެދަށުގައި އޮންނަ ރަށެކެވެ.

މި މަޝްރޫއު ހަވާލު ކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރުއެވެ.

ކަނޑުއޮތްގިރި ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ އެމްޓީސީސީ

މިފްކޯއިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ކަނޑުއޮތްގިރި ބޭނުން ކުރެއެވެ. އެގޮތުން ކަނޑުއޮތްގިރީގައި މިހާރު ގާއިމްކޮށްފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ފެސިލިޓީއެއްކަމުގައި ވީނަމަވެސް ކަނޑުއޮތްގިރީގެ ބަނދަރު ތިލަވެ އެއްގަމު ތޮށި ހަލާކުވެފައިވުމާއެކު، އޮޑިދޯނިފަހަރަށް މި ބަނދަރު ބޭނުންކުރުމާއި މި ފެސިލިޓީގެ ފުރިހަމަ ބޭނުން ހިފުމަށް މިހާރު ދަތިތަކާ ކުރިމަތިވެއެވެ.

ބަނދަރު ތަރައްޤީކޮށް ނިމުމާއެކު، މިފްކޯގެ އިތުރުން މަސްވެރިންގެ އޮޑިދޯނިފަހަރަށްވެސް މި ބަނދަރު ބޭނުންކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި ރައްޖޭގެ މަސްވެރިކަމުގު ސިނާއަތަށް ހެޔޮބަދަލެއް އަންނާނެކަމަށް ބެލެވޭ ކަމުގައި އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 10،000 މީޓަރުގެ ނެރު ފުންކުރުމާއި، 125
މީޓަރު އެއްގަމު ތޮށި އަދި 50 މީޓަރުގެ ބޭރުތޮށި ލުން ހިމެނެއެވެ.

މީގެ އިތުރުން، 63 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 215 މީޓަރުގެ ޝީޓް ޕައިލް ކުރުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުން އަދި ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އަޅައި، އީއައިއޭ ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މިއީ 36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ތެރޭގައެވެ.

comment ކޮމެންޓް