ކުޅިވަރުން ކުދިންގެ ޖިސްމާނީ ހަށިހެޔޮކަމާއި ނަފްސާނީ އަދި ސިއްޙީ ދުޅަހެޔޮކަން ލިބޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --

ކުޅިވަރުން ކުދިންގެ ޖިސްމާނީ ހަށިހެޔޮކަމާއި ނަފްސާނީ އަދި ސިއްޙީ ދުޅަހެޔޮކަން ލިއްބައިދޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސިޔާސަތު އިފްތިތާހުކޮށްފައި މިވަނީ ކުޑަކުދިން ހިމާޔަތްކުރުމަށް ވަރަށް ބޮޑަށް އަޑު އުފުލަމުންދާ ދުވަސްވަރެއްގައި ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުރިހާ ދާއިރާއަކުން އަދި ހުރިހާ މައިދާންތަކެއްގައި ވެސް، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް މި ސިޔާސަތު އެހީތެރިވެދޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވަރަށް ފަހަކާ ޖެހެންދެން ވެސް ކުޑަކުދިންގެ ކުޅިވަރުތައް ރޭވިފައި އޮންނަނީ އެކުދިންގެ ހުސް ވަގުތު ފުރައިލަދޭ ކަމެއްގެ ގޮތުގައި ނުވަތަ ފޫހިފިލުވައިދޭން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް ހަގީގަތުގައި ކުޅިވަރުގެ ސަބަބުން ކުދިންގެ ވިސްނުމުގެ ފެންވަރު މަތިކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ސަރުކާރުން އަޅާ ފިޔަވަޅަކީ ކުޅިވަރުގެ މައިދާނުގައިވެސް، އަދި ކުޑަކުދިން ޝާމިލްވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައިވެސް، އެ ކުދިންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، އާންމު މުޖްތަމައުން އެކަހެރިވެ، ކުށުގެ ވެއްޓާ ލާމެހިފައިވާ ކުދިންތަކެއް މަދުން ނަމަވެސް އުޅޭކަން ފާހަގަކުރައްވާފައެވެ.

"މިފަދަ ކޮންމެ ހާލަތަކީ އެކުދިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ހުރަސްއެޅޭ ހާލަތްތައް. އަދި އެކުދިންނަށް ލިބެންވާ ހަގީގީ ހިމާޔަތާއި ރައްކާތެރިކަން ލިބުމަށް ވެސް ހުރަސްތައް ކުރިމަތިވާނެ ހާލަތްތަކެއް،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، އާއިލާއާއި ގާތްތިމާގެ މީހުންނާ އެކުގައި އުޅޭ ކުދިންނަށް ވެސް، އެތައް ނުރައްކާތަކެއް އެބަ ކުރިމަތިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ އިތުރުންވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ އެތައް ނުރައްކާތަކެއް، މުޖުތަމައުގައި އެބަހުރި ކަމަށެވެ.

ނަމަވެސް މިއަދު އިފްތިތާހުކުރި ޗައިލްޑް ސޭފްގާޑިން ޕޮލިސީ ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފެށުމުން، މިފަދަ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ސިޔާސަތުގެ ބޭނުމަކީ، ކުޅިވަރުގެ މައިދާންތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން އެކަނި ނޫންކަމަށާއި އެ ސިޔާސަތު ތަންފީޒުކުރަން ފެށުމުން، އެކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު އެކުދިންގެ ހޭލުންތެރިކަން ވެސް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ދާއިރާއިން، ކުޅިވަރުގައި ހަރަކާތްތެރިވާ ބޮޑެތި މީހުން ބާރުވެރިކުރެވިގެންދާނެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ގާބިލްކަން ވެސް އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސިޔާސަތަކީ މުޅި ރާއްޖޭގައިވެސް ގައުމީ ފެންވަރުގައި ތަންފީޒު ކުރާނެ ސިޔާސަތެއް ކަމަށާއި ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް އަމަލުކުރާނެ ސިޔާސަތެއް ކަމަށެވެ.

ރައީސް ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސްނަގައިގެން، އާކްގެ ބައިވެރިވުމާއެކު އެފަދަ މުހިންމު ސިޔާސަތެއް އެކުލަވައިލެއްވި ކަމަށްޓަކައި، އޮލިމްޕިކް ކޮމިޓީއަށާއި އާކްގެ އިސް ވެރިންނަށް ޝުކުރު ދަންނަވާފައެވެ.

comment ކޮމެންޓް