ހުޅަނގުގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ޗައިނާއިން އިންޑިއާ ދިފާއުކޮށްފި

ބެއިޖިން (18 މޭ 2022): އިންޑިއާއިން ގޮދަން އެކްސްޕޯޓް ކުރުން މަނާކުރުމާއެކު ސިނާއީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ހުޅަނގުގެ ހަތް ގައުމު ހިމެނޭ ޖީ7އިން އެކަމަށް ފާޑުކިޔުމުން ޗައިނާ އެގައުމުތަކަށް ރައްދު ދީފިއެވެ.

ޗައިނާގެ ރަސްމީ މިޑިއާ ބުނިގޮތުގައި ޔުކްރޭން ހަނގުރާމައާ ގުޅިގެން ޖީ7ގެ ގައުމުތަކުންވެސް ގޮދަނާއި ގޮދަންފުށް ދުނިޔޭގެ މާކެޓަށް ނެރެން ފަސްޖެހިފައިވާއިރު މިމައްސަލާގައި އެހެންގައުމަކަށް ފާޑުކިޔަން ހުޅަނގުގެ ބޮޑު ހަތް ބާރު ލަދުގަންނަން ޖެހޭނެއެވެ.

ޗައިނާގެ ރަސްމީ ނޫސް އޭޖެންސީން ބުނިގޮތުގައި ހުޅަނގުގެ ބާރުތަކުން އެގައުމުތަކަށް ބޭނުންވާ މިންވަރަށް ބެލުމަށްފަހު ގޮދަން އެކްސްޕޯޓް ކުރުން މަޑުޖައްސާލާނަމަ އިންޑިއާއަށްވެސް އަދި އެހެން ގައުމުތަކަށްވެސް އެގައުމުތަކުގެ އެތެރޭގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު އެގޮތަށް ކަންކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ޗައިނާ ބުނާގޮތުން ޖީ7ގެ ގައުމުތަކުންނާއި އިންޑިއާއިން ގޮދަނާއި ގޮދަން ފުށް ނުލިބުނު ނަމަވެސް ޗައިނާގެ ބޮޑު އާބާދީއަށް ބޭނުންވާވަރަށް ގޮދަނާއި ގޮދަނުގެ ބާވަތްތައް ލިބެމުންދެއެވެ. ޗައިނާއަކީވެސް ވަރަށް ގިނައިން ގޮދަން އުފައްދާ ގައުމެކެވެ. ނަމަވެސް ޗައިނާއިން ގޮދަން އިންޕޯޓްވެސް ކުރެއެވެ.

އިންޑިއާގެ ގޮދަން އުފައްދާ ދަނޑެއް

ޔުކްރޭން ހަނގުރާމައާއެކު އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާއާއި އެހެން ގައުމުތަކާމެދު ހިނގާ ގޮދަނުގެ ވިޔަފާރިއަށް ހުރަސްއެޅުނު ނަމަވެސް ރަޝިއާއާއި ޗައިނާ ދެމެދު އެދެގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރަމުން ގެންދާތީ ރަޝިއާއިން ޗައިނާއަށް އެކްސްޕޯޓްކުރާ ގޮދަނުގެ ސަޕްލައިއަށް އެއްވެސް ހުރަހެއް އެޅިފައެއް ނުވެއެވެ.

ދުނިޔޭގައި އެންމެ ގިނައިން ގޮދަން އެކްސްޕޯޓް ކުރާ ދެގައުމަކީ ރަޝިއާއާއި ޔުކްރޭން އެވެ. ތިންވަނައަށް އެންމެ ގިނައިން ގޮދަން އެކްސްޕޯޓް ކުރާ ގައުމަކީ އިންޑިއާއެވެ.

އިންޑިއާ ސަރުކާރުން މިދިޔަ ހަފްތާގައިވަނީ އާދައިގެ ގޮދަންފުށާ އަދި އެންމެ ކޮލިޓީ ގޮދަންފުށް ހިމެނޭ ގޮތަށް ގޮދަނުގެ ހުރިހާ ބާވަތެއް އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. ނަމަވެސް އިންޑިއާއަށް ބަރޯސާވާ އަވަށްޓެރި ގައުމުތަކަށާއި އިންޑިއާގެ ޒަމާންވީ ވިޔަފާރީގެ ބައިވެރިންނަށާއި ކާބޯތަކެތީގެ ދަތިކަންފޯރާ ގައުމުތަކަށް ގޮދަނާއި ގޮދަން ފުށް ވިއްކާނެކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވެއެވެ.

ޔުކްރޭން ހަނގުރާމައާއެކު ރަޝިއާއާއި ޔުކްރޭންގެ ގޮދަނުގެ ސަޕްލައިއަށް ލޮޅުން އެރުމުން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ އިންޑިއާއަކީ ދުނިޔެއަށް ކާބޯތަކެތި ސަޕްލައި ކުރެވޭ މިންވަރަށް ކާބޯތަކެތި އުފައްދާ ބާރެއްކަމަށް ސިފަކުރައްވާފައެވެ. މިގޮތުން މޯދީވަނީ ހަނގުރާމަ ތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައިއަށް އަރާ މިފަދަ ލޮޅުންތައް އިންޑިއާއަށް ފަސޭހައިން ފޫބެއްދޭނެކަމަށް ވިދާޅުވެފައެވެ.

އިންޑިއާއަކީ އެގައުމުގެ އާބާދީގައި ހިމެނޭ 1.4 ބިލިއަން މީހުންނަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމުގެ އިތުުރުން ދުނިޔޭގެ އެހެން ގައުމުތަކަށް ސަޕްލައި ކޮށްދެވޭ ވަރަށްވެސް ކާބޯތަކެތި އުފައްދާ ފެންވަރަށް ދަނޑުވެރިކަން ފުޅާކޮށްފައިވާ ގައުމެއްކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާއަކީ ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައިއަށް އަރާ ކޮންމެ ލޮޅުމެއް ފޫބެއްދޭ ފެންވަރުގެ ގައުމެއްކަމަށްވެސް އެދުވަސްވަރު މޯދީ ވަނީ ސިފަކުރައްވާފައެވެ.

އިންޑިއާގެ ގޮދަން އުފައްދާ ދަނޑުތައް ހޫނުގަދަވުމުގެ ސަބަބުން ހަލާކުވަނީ

ނަމަވެސް މިދިޔަ ހަފްތާގައި އިންޑިއާއިން ގޮދަނުގެ ހުރިހާ ބާވަތެއް އެކްސްޕޯޓްކުރުން ކުއްލި ގޮތަކަށް ހުއްޓާލުމުން އިންޑިއާއަކީ މޯދީ ވިދާޅުވެފައިވާ ފެންވަރުގެ ދަނޑުވެރިކަމުގެ ބާރެއްކަމާމެދު ޖީ7ގެ ގައުމުތަކުންވަނީ ސުވާލު އުފައްދާފައެވެ.

އިންޑިއާއަކީ ދުނިޔެއަށް ބަލާއިރު ތިން ވަނައަށް އެންމެ ގިނައިން ހަނޑުލާއި ގޮދަނުގެ ބާވަތްތައް އުފައްދާ ގައުމެވެ. އިންޑިއާ ސަރުކާރު ބުނާގޮތުން އެގައުމުގައި އާންމު ގޮތެއްގައި ހަނޑުލާއި ގޮދަނުގެ 74 މިލިއަން ޓަނުގެ ސްޓޮކެއް އަބަދުވެސް ހުރެއެވެ. އޭގެތެރެއިން 21 މިލިއަން ޓަނަކީ އިންޑިއާގެ ސްޓްރެޓީޖިކް ރިޒާވް އަދި ޕަބްލިކް ޑިސްޓްރިބިއުޝަން ސިސްޓަމް އަށް ޚާއްސަކޮށްފައި ހުންނަ ސްޓޮކެކެވެ.

މިއީ އިންޑިއާއަކީ ދުނިޔޭގައި ފަގީރުންގެ އަދަދު އެންމެ ބޮޑުގައުމުކަމަށްވާތީ ފަގީރުންނަށް އާދަޔާ ޚިލާފު ހެޔޮ އަގެއްގައި ކާބޯތަކެތީ ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ހިންގާ މަޝްރޫއަށް ޚާއްޞަކޮށްފައިވާ ސްޓޮކެކެވެ. އިންޑިއާގެ ފަގީރުންގެ އަދަދު ގާތްގަނޑަކަށް 650 މިލިޔަނަށް އަރާކަމަށް ތަފާސްހިސާބުތައް ބުނެއެވެ.

އިންޑިއާގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ 150 ގައުމަކަށް އިންޑިއާއިން ހަނޑޫ ސަޕްލައިކޮށްދެއެވެ. އަދި 68 ގައުމަކަށް ގޮދަން އެކްސްޕޯޓް ކޮށްދެއެވެ.

އިންޑިއާއިން ކުއްލި ގޮތަކަށް ގޮދަން އެކްސްޕޯޓްކުރުން މަނާކުރީ އިންޑިއާގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ހިލާފު ހޫނުގެ ސަބަބުން ގޮދަން ހައްދާ ގިނަ އަދަދެއްގެ ދަނޑުތައް ހަލާކުވުމުގެ ސަބަބުން ކަމަށް އެގައުމުން ބުނެއެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން 48 ޑިގްރީ ސެލްސިއަސް އަށްވުރެވެސް މައްޗަށް ގޮސްފައިވާއިރު މިއީ ފާއިތުވި 80 ވަރަކަށް އަހަރު ތެރޭގައިވެސް އިންޑިއާ ތަހަންމަލުކޮށްފައި ނުވާވަރުގެ ވަރުގަދަ ހޫނެއްކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިންވަނީ ބުނެފައެވެ.

comment ކޮމެންޓް