ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަސް ދިރާގުން ފާހަގަކޮށްފި

ޓެލެކޮމިއުނިކޭޝަން ދުވަސް ފާހަގަކުރުމަށް ދިރާގުން ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން --- ފޮޓޯ/ ދިރާގު

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޯމޭޝަން ސޮސައިޓީ ދުވަސް ފާހަގަކުރުމަށް ދިރާގުން ޚާއްޞަ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.

ކޮލެޖް ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަންގައި ލީޑަޝިޕް ޓީމްގެ ބައެއް މެންބަރުންނާއެކު މެނޭޖިން ޑިރެކްޓަރު، އިސްމާޢީލް ރަޝީދުވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާ ގުޅިގެން ޑިޖިޓަލް ކޮމިއުނިޓީތައް ބާރުވެރިކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމުގައި ދިރާގުގެ ދައުރާ ބެހޭ މަޢުލޫމާތު ހިއްސާކުރުމެވެ.

ދިރާގުން ބުނީ އެ ކުންފުނިން ގަބޫލުކުރަނީ ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފާނެ، މާދަމާގެ ލީޑަރުން ކަމަށެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި މި ސެޝަންގައި ވާހަކަ ދައްކަވަމުން އެމްޑީ އިސްމާއީލް ރަޝީދު ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދަތުރާއި ދިރާގުގެ މުސްތަގުބަލުގެ ތަސައްވުރާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއްވާފައެވެ.

ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދުގެ އިތުރުން ޑިސްކަޝަންގެ ޕެނަލްގައި ހިމެނެނީ:

  • މުޙައްމަދު މުސްއަދު، ޗީފް ޓެކްނޮލޮޖީ އެންޑް އިންފޯމޭޝަން އޮފިސަރު
  • އާތިފާ އަލީ، ޑިރެކްޓަރު، ކޯޕަރޭޓް އެފެއާޒް
  • ރޮބިން ވޯލް، ޗީފް ފައިނޭންޝަލް އޮފިސަރު

މި އަހަރުގެ ޓެލެކޮމިއުނިކޭޝަން ދުވަސް ފާހަގަކުރަނީ "އުމުރުން ދުވަސްވީ މީހުންނަށާއި ދުޅަހެޔޮކަމާއެކު މުސްކުޅިވުމަށް ޑިޖިޓަލް ޓެކްނޮލޮޖީތައް" މި ޝިއާރުގެ ދަށުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް