ފިރިމީހާ މަރުވުމުން 36 އަހަރުވަންދެން އަންހެން ދަރިފުޅު ބެލީ ފިރިހެނެއްގެ ސިފައިގައި

ފޮޓޯ: ވީޑިއޯގްރެބް

އިންޑިއާގެ ޓެމިލް ނާޑޫގައި އުމުރުން 57 އަހަރުގެ އަންހެނަކު 36 އަހަރު ވަންދެން ފިރިހެނެއްގެ ސިފައިގައި އޭނާގެ އަންހެން ދަރިފުޅު ބަލައި، ބޮޑުކޮށްފިއެވެ.

ޓެމިލް ނާޑޫގެ ކަޓޫނަޔަކަންޕައްޓީ އަވަށަށް ނިސްބަތްވާ ޕެޗިއަމްމަލްގެ އުމުރުން އެންމެ 20 އަހަރުގައި، ކައިވެންޏަށް 15 ދުވަސް ނުފުރެނީސް އޭނާގެ ފިރިމީހާ ވަނީ މަރުވެފައެވެ. އަދި ކައިވެނީގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައިި ބަލިވެ އިނުމުގެ ސަބަބުން އޭނާއަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.

ޒުވާން އުމުރުގައި މައެއްގެ ޒިންމާ އެކަނި އުފުލަން ޖެހުމުގެ ސަބަބުން ޕެޗިއަމްމަލްގެ ޒަރޫރީ ބޭނުންތައް ފުއްދަން ދަތިތަކާ ކުރިމަތި ލާން ޖެހުނެވެ. އެހެންކަމުން އޭނާއަށް މަޖުބޫރުވީ މަސައްކަތުގެ މާހައުލަށް ނުކުންނާށެވެ. ނަމަވެސް އަންހެނަކަަށްވުމުގެ ސަބަބުން ބޭރަށް ނުކުމެ މަސައްކަތް ކުރަން ފެށުމުން އޭނާއަށް ކުރިމަތިލާން ޖެހުނީ އަވަށު މީހުންގެ މަލާމާތާއެވެ. އެމީހުންގެ މަލާމާތާއި ފުރައްސާރައިގެ ސަބަބުން ފިރިހެނެއްގެ ސިފައިގައި މަސައްކަތްކުރަން ޕެޗިއަމްމަލްއަށް މަޖުބޫރުވިއެވެ.

ނިއު އިންޑިއަން އެކްސްޕްރެސް ނޫހާ ވާހަކަ ދައްކަމުން އޭނާ ބުނީ ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި މަސައްކަތުގެ މާހައުލަށް ނުކުތުމުގެ ސަބަބުން ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނުކަމަށެވެ.

އޭނާގެ އަވަށުގައި ދިރިއުޅޭ މީހުންގެ ފަރާތުން ލިބެމުން ދިޔަ ފުރައްސާރައިގެ ސަބަބުން އޭނާ ނިންމީ އިސްތަށިގަނޑު ކޮށާލާ ފިރިހެނަކަށް ބަދަލުވާށެވެ. އަދި ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނެސް އޭނާގެ ނަންވެސް "މުތޫ"އަށް ބަދަލުކުރިއެވެ.

"އަހަރެން ހުރިހާ ބާވަތެއްގެ ވަޒީފާތައް އަދާކުރިން. އެގޮތުން، ކުރެހުންތެރިއެއްގެ ގޮތުގައާއި ސައި ހަދާ މީހެއްގެ ގޮތުގައާއި، ޕެރޮޓާ މާސްޓާއެއްގެ ގޮތުގައިވެސް މަސައްކަތްކުރިން. އަޅުގަނޑުގެ އަންހެން ދަރިފުޅަށް އަމާން، ރައްކާތެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި އަޅުގަނޑު ހޯދި ކޮންމެ ފައިސާ ފޮއްޗެއްވެސް ސަލާމަތްކުރިން،" އޭނާ ބުންޏެވެ.

މިހާރު ޕެޗިއަމްމަލްގެ އަންހެން ދަރިފުޅު ވަނީ ކައިވެެނިކޮށް އަމިއްލަ ދިރިއުޅުމެއް ފަށާފައެވެ. އެހެންކަމުން މިހާރު އޭނާގެ ނަން އަސްލު ނަމަށް ވަނީ ބަދަލުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު