ރައީސް ނަޝީދުގެ ތުހުމަތާ ގުޅިގެން ހުށަހެޅި މައްސަލަ ކޮމިޓީން ބަލައިގެންފި

ރައްޔިތުންގެ މަޖިލީުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީ -- ފޮޓޯ/ މަޖިލިސް

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސްއަޅުއްވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެން މެންބަރު ހުސައިން ހުށަހަޅުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ބަލައިގަނެފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި އެ މައްސަލަ ބަލައިގަތުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވުމާއެކު އެކަމަށް ތާއީދު ކުރައްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

އެ މައްސަލަ ބެލުމަށް ނިންމާފައި ވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ކުރި ބަހުސްގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މިއީ ކޮމިޓީން ކޮންމެހެންވެސް ބަލައިގަންނަން ޖެހޭ މައްސަލައެއް ކަމަށާއި މައްސަލަ އެހެން ތަނަކަށް ފޮނުވާނީ އެއަށް ފަހުގައި ކަމަށެވެ.

"ހުށަހަޅަން ބޭނުންވޭ މި މައްސަލަ އަޅުގަނޑުމެން ބަލައިގަންނަން. މައްސަލައިގައި ކަންކަން ކުރިއަށް ގެންދެވޭނީ ކިހިނެއްކަން ވެސް އެނގޭނީ މި މައްސަލަ ބަލައިގަނެވިގެން،" މެންބަރު ސަނީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ އަދުން ހުސައިން އެ ހަމަލާގެ މައްސަލަ ފޮރުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އަދުން ހުސައިން އެކަން ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ކަމަށް ދޭހަވާހެން ވެސް އެމަނިކުފާނު ވާހަކަދެއްކެވިއެވެ.

އެމަނިކުފާނަށް ރައްދު ދެއްވަމުން އަނދުން ހުސައިން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުމަކީ އޭނާއަށް ކުރެވޭނެ ކަމެެއް ނޫންކަން ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

comment ކޮމެންޓް