އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި

އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނުކޮށްފިއެވެ.

އެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕާޓީގެ ޗެއާޕާސަންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކާމިޔާބު ކުރެއްވީ 27،470 ވޯޓުންނެވެ. ފައްޔާޒުއާ ވާދަކުރެއްވި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް ލިބިފައިވަނީ 20،051 ވޯޓެވެ.

ފައްޔާޒުއާއެކު އަންހެނުން ރޫހުގެ ރައީސާކަމަށް ވާދަކުރެއްވި ރޮޒައިނާ އާދަމް އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 11،708 ވޯޓާއެކުގައެވެ. އަދި ރޮޒައިނާއާ ވާދަކޮށް މި އިންތިޚާބުގައި ނާކާމިޔާބުވި ސަފާހަތް އަޙްމަދަށް ލިބިފައިވަނީ 7،961 ވޯޓެވެ.

މިފަހަރު އިންތިޚާބުގެ ފޯރި ގަދަވެގެން ދިޔައީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންތަކުގެ ވާދަވެރިކަމުގެ ތެރެއިންނެވެ. އެގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވި ފައްޔާޒުގެ ފަހަތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުންނެވި އިރު، ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވީ އިންތިއާ އެކުއެވެ.

ކެމްޕެއިންގެ ފޯރީގެ ތެރެއިން ދެފަރާތުންވެސް ވަނީ ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. އެގޮތުން އިމްތިޔާޒް ފަހުމީއަށް ވުރެ، ޕާޓީ "ހިންގާލަން" މާ މޮޅުވާނެ ކަމަށް، ފައްޔާޒް ގެންދެވީ ވިދާޅުވަމުންނެވެ.

އެމްޑީޕީ ދެ ފެކްޝަނުގެ ކޯޅުން ބޮޑުވި ދަނޑިވަޅުގައި ރައީސް ނަޝީދުވަނީ ސަރުކާރު ދަނީ ފެތެމުންކަމަށް ދޭހަވާފަދަ މޭރުމަކުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް ނަޝީދު ގެންދެވީ ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑުވިދާޅުވަމުނެވެ.

ނަމަވެސް އިންތިހާބު ނިމުމާއެކު ބަލި ގަބޫލުކުރައްވާ، ނަތީޖާ ގަބޫލުކުރާކަމަށް އިއުލާނުކޮށް ރައީސް ނަޝީދު ވަނީ ފައްޔާޒަށް މަރުޙަބާ ދަންނަވާފައެވެ. އަދި ފައްޔާޒުގެ ޗެއާޕާސަންކަމުގެ ދަށުން އެމްޑީޕީއަށް އިތުރު ކުރިއެރުންތަކެއް ހޯދޭނެކަމާމެދު ޝައްކު ނުކުރާކަމަށް ވެސް ނަޝީދު ވަނީ މަރުޙަބާގެ ޓުވީޓުގައި ވިިދާޅުވެފައެވެ.

comment ކޮމެންޓް