އަހަރެމެންނަށްޓަކައި މަލާއިކަތުން ކޮށްދެއްވާ މުހިންމު ދެކަމެއް

މާލޭ ހުކުރު މިސްކިތް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން އެއްރުކުނެވެ. މަލާއިކަތުންނަށް އީމާންވުމާނުލައި އީމާންކަން ފުރިހަމައެއްނުވާނެއެވެ. މަލާއިކަތުންގެ އާލަމަކީ އަހަރެމެންގެ ލޯތަކަށް ފެނުމެއްނުވާ، ޣައިބުގައިވާ މަތިވެރި އާލަމެކެވެ. ނަމަވެސް މިފަދައިން ޣައިބުގައިވާ ފަރާތަކަށް އެއްވެސް އިންކާރު ކުރުމެއްނެތި އީމާންވާ މީހުންނަށް ﷲ މަދަޙައިގެ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ. އެއީ އެމީހުންނަށް މަލާއިކަތުން ފެނުމަކާނުލައި، ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަލާއިކަތުންނާ ބެހޭގޮތުން ދެއްވަވާފައިވާ ޚަބަރު ތެދުކުރި ކަމަށްޓަކައެވެ.

ޤުރުއާނާއި ސުންނަތުން ސާބިތުވާގޮތުގައި އާދަމުގެ ދަރިންނަށްޓަކައި ބައެއް ކަންތައްތައް ކުރެއްވުމަށް، މަލާއިކަތުންނާ ހަވާލުކުރައްވާފައި ވެއެވެ. އޭގެތެރޭގައި ހިމެނޭ ވަރަށް މުހިންމު ދެކަމެއް މިތަނުގައި ބަޔާން ކުރަމެވެ.

އިންސާނާގެ ރޫޙަށް ހައްގާއި ހެޔޮކަންތައްތަކަށް ގޮވައިލެއްވުން:

ﷲ ގެ އަމުރުފުޅަށް މަލާއިކަތުން އިންސާނާގެ ރޫޙަށް ހެޔޮ ކަންތައްތަކަށް ގޮވައިލައްވައި ހެޔޮ ކަންތައްތަކާ ދިމާއަށް އޭނާ މިސްރާބު ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ހަދީސްގައި އައިސްފައިވެއެވެ. އިބުނު މަސްޢޫދު - ރަޟިޔަﷲ ޢަންހު - ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. "ހަމަކަށަވަރުން އާދަމުގެ ދަރީންނަށް ޝައިޠާނާގެ ކިބައިން لمة އެއްވެއެވެ. (އެބަހީ: ނިކަން އަވަހަށް އާދަމުގެ ދަރިޔާގެ ހިތަށް އެއްޗެއް އަރުވައިލުމުގެ ފުރުސަތު ލބިގެންވެއެވެ.) އަދި މަލާއިކަތުންގެ ފަރާތުން (ވެސް) އާދަމުގެ ދަރިޔާއަށް لمة އެއްވެއެވެ. ޝައިތާނާގެ ފަރާތުން އަންނަ لمة އަކީ ފަހެ ޝައިތާނާ ނުބައިކަންތަކަށް ވަޢުދުވެ ހައްގު ދޮގުކުރެއެވެ. (ނުވަތަ ޙައްޤު އޮޅުވާލައެވެ.) އަދި މަލާއިކަތުންގެ ފަރާތުން އަންނަ لمة އަކީ ފަހެ މަލާއިކަތުން ހެޔޮކަންތަކަށް ވަޢުދުވެވަޑައިގެން ޙައްޤު ތެދުކުރައްވައެވެ. މިއިން ކަމެއް ފެނުނުމީހާ ފަހެ އެކަމެއް އެއީ ﷲ ގެ ހަޒުރަތުން އައިކަމެއްކަމުގައި ދެކޭހުށިކަމެވެ. އަދި (އެކަމަށްޓަކައި) ﷲ އަށް ޙަމްދު ކުރާހުށިކަމެވެ. އަދި ދެން އޮތްކަންތަކުގެ ތެރެއިން (އެބަހީ: ކުރީން ބަޔާންކުރެވުނު) ކަމެއް ފެނުނު މީހާ ފަހެ ޝައިތާނާގެ ކިބައިން ރައްކާތެރި ކޮށްދެއްވުމަށް ﷲ ގެ ހަޒުރަތުން އެދޭހުށިކަމެވެ." ދެން އެއަށްފަހުގައި އެކަލޭގެފާނު (ބަޤަރާ ސޫރަތުގެ 268 ވަނަ އާޔަތް) ވިދާޅުވިއެވެ. މާނައީ: "ޝައިތާން، ކަލޭމެންނަށް ފަގީރު ހާލު ޖެއްސުމުގެ މަސައްކަތުގައި ދެމިހުރެ، ހަޑިހުތުރު ކަންތައްކޮށް އުޅުމަށް ކަލޭމެންނަށް އަމުރުކުރެއެވެ. ނަމަވެސް ﷲ ކަލޭމެންނަށް ވަޢުދުވެވޮޑިގަންނަވަނީ އެކަލާނގެ ކިބައިން މަޣުފިރަތާއި ދީލަތި ތަނަވަސްކަން ދެއްވުމަށެވެ. އަދި ﷲ އަކީ ނުހަނު ތަނަވަސްކަން ދެއްވާ، ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."(ތިރުމިޒީ: 2991)

މުއުމިނުންނަށް ދުޢާ ކޮށްދެއްވުން:

ﷲ ވަޙީކުރައްވާފައިވެއެވެ. وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ (ޣާފިރު: 7) މާނައީ: "... އަދި އެއުރެން، އީމާންވެއްޖެ މީސްތަކުންގެ ކުށްފާފަތައް ފުއްސަވައި ރައްކާތެރިކުރެއްވުން އެދި (އެކަލާނގެ ރަސްކަންފުޅަށް) ދަންނަވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަޙްމަތާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ފެތުރި ތަނަވަސްވެގެންވެއެވެ. ވީއިރު، އިބަރަސްކަލާނގެ ކިބަޔަށް ތައުބާވެ އިބަރަސްކަލާނގެ އެންގެވި މަގަށް ތަބަޢަވާމީހުންގެ ކުށްފާފަތައް ފުއްސަވައި ނަރަކައިގެ އަޒާބުން މުއްތި ކުރައްވާފާނދޭވެ!" މިއާޔަތުގައި އެވަނީ މަލާއިކަތުންގެ ދުޢާގެ ވާހަކަ އެވެ.

އަބޫ ހުރައިރާ - ރަޟިޔަﷲ ޢަންހު - ގެ އަރިހުން ރިވާވެގެންވާ ހަދީސެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. مَا مِنْ يَوْمٍ يُصبِحُ العِبادُ فِيهِ إِلَّا مَلَكَانِ يَنْزِلانِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا (متفق عليه) މާނައީ: "އެދުވަހެއްގައި އަޅާއަށްޓަކައި ދުޢާ ކޮށްދެއްވުމުގައި ދެމަލާއިކަތުންނުވާގޮތުގައި އެއްވެސް ދުވަހެއް (އަޅާ) ފަތިސްނުކުރެއެވެ. އެ ދެމަލާއިކަތުންގެ ތެރެއިން އެއްމަލާއިކަތަކު ވިދާޅުވާނެތެވެ. ހޭދަކުރާމީހާއަށް، އޭނާ އެ ހޭދަ ކުރި އެއްޗަކަށްވުރެ ބޮޑުވެގެންވާ ހެޔޮކަމުން އޭގެ ބަދަލު ދެއްވާނދޭވެ! އަދި އަނެއް މަލާއިކަތާ ވިދާޅުވާނެތެވެ.

ހޭދަނުކޮށް ހިފަހައްޓައިގެން ހުންނަމީހާއަށް ހަލާކުވެގެންދާ ފަދަ އެއްޗެއް ދެއްވާނދޭވެ!" މިބަޔާންކުރެވުނު ދަލީލުތަކާއި އަދިމިނޫންވެސް އިތުރު ދަލީލުތަކުން އެނގޭ ގޮތުގައި ﷲ ގެ އަމުރުފުޅަށް، މުއުމިނުތަކުންނަށް ދުޢާ ކޮށްދެއްވުމަށް މަލާއިކަތުން ތިއްބަވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް