މިއަހަރު ޤައުމީ ފެންވަރުގެ ތިން ވޮލީ މުބާރާތެއް، ޤައުމީ ލީގު ވާދަވެރިވާނެ: ވީއޭއެމް

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވޮލިބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިއަހަރު ޤައުމީ ތިން ވޮލީ މުބާރާތެއް ބާއްވަން ހަމަޖެހިފައިވާކަމަށް އެ އެސޯސިއޭޝަންއިން ބުނެފިއެވެ.

ހެންވޭރު ބޯޅަ ގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ މިއަހަރު ބާއްވާ ތިން މުބާރާތް ވެސް ބައްޓަން ކޮށްފައިވާނީ ސީޒަނެއްގައި ކުޅެވޭ ތިން މުބާރާތުގެ ގޮތުގައިކަމަށެވެ.

އެހެންކަމުން އެއް މުބާރާތުން ނެރޭ ނަތީޖާ އަނެއް މުބާރާތަށް ކޮލިފައިވުމަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން މުބާރާތުގެ ފޯރި އިތުރުވެ މުބާރާތް އިތުރަށް ވަރުގަދަވެ ހަރުދަނާ ވާނެކަމަށް ވެސް ރަނޭޝް ވިދާޅުވިއެވެ.

"އެއް މުބާރާތް އަނެއް މުބާރާތަކީ އަޅުގަނޑުމެން މިފަހަރު ބައްޓަން ކޮށްފައި އޮތް ގޮތުން ގުޅުންތަކެއް ހުންނަ މުބާރާތްތަކަކަށް ވާނެ،" ރަނޭޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ސީޒަނުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އެސޯސިއޭޝަން ކަޕާއި، ޤައުމީ ލީގުގެ އިތުރުން ޤައުމީ މުބާރާތްކަމަށެވެ.

މީގެއިތުރުން މިއަހަރުގެ ޤައުމީ ލީގަކީ ފާއިތުވި އަހަރުތަކާ ޚިލާފަށް ޓީމުތަކުގެ ވާދަވެރިކަން ފެންނާނެ މުބާރާތެއްކަމަށް ރަނޭޝް ވިދާޅުވިއެވެ. ވީއޭއެމްގެ ޓެކްނިކަލް ޓީމުން މިއަހަރުގެ ލީގު ފޯމެޓަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކުޅުންތެރިންގެ ކުރިއެރުމަށް ފަހި ފުރުސަތުތަކެއް ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭނާ ވިދާޅުވީ ލީގު ވަރުގަދަކުރުމަށް ކުރަންހުރި ކަންކަން ކުރުމަށްފަހު މިއަހަރުގެ ލީގު ފެށޭއިރު ލީގުގެ ފިރިހެން ޑިވިޝަންގައި އެއް ފެންވަރުގެ ހަ ޓީމު ބައިވެރިވާނެކަމަށެވެ. އަދި އަންހެން ޑިވިޝަންގައި 10 ޓީމު ބައިވެރިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މީގަ ވާދަވެރިކަމެއް އެބައުޅޭ. ކުރީގަ މި އުޅެނީ އެންމެ މޮޅު ދެ ޓީމެއް. ނަމަވެސް މިއަހަރުގެ ފޯމެޓަށް ގެނައި ބަދަލާއެއްކޮށް ވަރަށް ވަރުގަދަ ހަ ޓީމެއް ފެނިގެންދާނެ،" ރަނޭޝް ވިދާޅުވިއެވެ.

މިއަހަރުގެ ފޯމެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި މީގެކުރިން ކޮންމެ ޓީމެއްގައި ބިދޭސީ އެއްކުޅުންތެރިއަކު ނުވަތަ ދެކުޅުންތެރިއަކު ހިމެނެއެވެ. ނަމަވެސް މިއަހަރު ޓީމަށް އިތުރުކުރާނީ އެ ކުޅުންތެރިން ކުޅޭ މަޤާމުތައްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިގަ ވާގޮތަކީ އަޅުގަނޑުމެންނަށް ބައެއް ޓީމުތަކުން ސެޓަރެއް ގެނެސްގެން އެ ސެޓަރުގެ ޕޮޒިޝަނަށް މީހަކުލާން ދަތިތަކެއް އެބައުޅޭ. ޝޮޓް ޖަހާނެ ކުޅުންތެރިއަކު މުހިންމުވޭ އެބަ ޓީމުތަކަށް،" ރަނޭޝް ވިދާޅުވިއެވެ.

ކުޅުންތެރިން ޓީމަށް ގެނައުމަށާއި ކުޅުންތެރިން ޓީމުތަކަށް ދޭ ދިނުން ވެސް މިއަހަރު ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ގެނެވޭނީ ދިވެހި ޤައުމީ ޓިމުގެ ކުޅުންތެރިންނަށް އެކަމުގެ މަންފާ ލިބޭނެ ގޮތަަށް ކަމަށް ވެސް ރަނޭޝް ވިދާޅުވިއެވެ.

comment ކޮމެންޓް