ރައީސް ނަޝީދު ވެސް ފައްޔާޒަށް މަރުހަބާ ދަންނަވައިފި

ބޮޑު ތަފާތަކުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު ފައްޔާޒުގެ ޓީމުން އެކަމުގެ އުފާ ފާޅުކުރަނީ - ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވި ފައްޔާޒް އިސްމާއީލާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވެސް އޭނާ އަށް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒާއި އޭނާގެ ކެމްޕެއިން ޓީމްގެ އިތުރުން އިންތިޚާބުން ބަލިވި މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އޭނާގެ ކެމްޕެއިން ޓީމަށް ވެސް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒްގެ ޗެއާޕާސަންގެ ދަށުން އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދާނެ ކަމީ އެމަނިކުފާނުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ.

ޗެއާޕާސަންގެ އިންތިޚާބުގެ ކުރިން އެމަނިކުފާނު ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ފައްޔާޒުގެ ކެމްޕޭނުގައި ބޭނުންކުރި "އެމްޑީޕީ ހިންގާލަން" ސްލޯގަން އަަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުވީ ވެރިކަން ބަދަލުކޮށްލީ އެމްޑީޕީ ހިންގާލައިގެން ކަމަށެވެ.

"ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރީ އެމްޑީޕީ ހިނގާތީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަން ބަޣާވަތަކުން ވައްޓާލައި އެމްޑީޕީގެ ލީޑަރުން ޖަލަށް ލުމުންވެސް އެނބުރި އައިސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީ ހިނގާތީ ކަމަށެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރު މަޖިލީހުގެ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އެ ޕާޓީން ނެގީ ވެސް އެމްޑީޕީ ހިނގާތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް