ޑޮލަރު ދޭނެ ކަމަށް ބުނެ، މަކަރުން ފައިސާ އަތުލައިގެން ފިލި މީހަކު ހޯދަން އާއްމުންގެ އެހީއަށް

ޑޮލަރު ދޭނެ ކަމަށް ބުނެ، މީހުންގެ އަތުން ފައިސާ ހޯދި، މައްސަލައިގައި ހޯދަމުން އަންނަ ޢަބްދުﷲ މުއާޒު ސަޢީދު، 34 --- ފޮޓޯ. ޕޮލިސް

ޑޮލަރު ދޭނެ ކަމަށް މަކަރާއި ހީލަތުން ފައިސާ ހޯދުމަށްފަހު، ފިލައިގެން އުޅޭ މީހަކު ހޯދުމަށް ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

މި މައްސަލައިގައި ފުލުހުން ހޯދުމަށް ބޭނުންވަނީ މާލެ/ ދަފްތަރު ނަންބަރު ދރ618، ޢަބްދުﷲ މުއާޒު ސަޢީދު، 34، އެވެ.

ފުލުހުން ބުނީ ޑޮލަރު ދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ޓަކައި ބޭނުން ވެގެން، ބެލިއިރު، މުއާޒުގެ މައިންބަފައިންނަށް ވެސް އޭނާ އުޅޭ ވަކި ތަނެއް، ނޭނގޭ ކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން އެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައެވެ. މައްސަލައިގެ ތަހުގީގަށް މުއާޒު، ހާޒިރުވާން އަންގާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 13:00 އަށެވެ.

އޮޅުވާލައިގެން އެކި ނަންނަމުގައި މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ފަހަކަށް އައިސް މި ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. އެހެންކަމުން އެފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ ތިބުމަށް ފުލުހުން އަންނަކީ ތަކުރާރުކޮށް ނަސޭހަތްތެރި ވަމުންނެވެ.

comment ކޮމެންޓް