އޭގައި އޮތް ފޮޓޯ ފެނިފައި މާކިންއަށް ފުރަތަމަވެސް ވަށާ ހޯދައިލެވުނެވެ.

އޭރު ނާޒިލް ފަސްދީ ދާތަން އޭނާއަށް ފެނުނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވުމާއެކު، އޭނާއަށް ނައިރާއާ ދިމާލަށް ބަލައިލެވުނެވެ. އޭރު ނައިރާ އޭނާގެ މަސައްކަތުގައި އަވަދި ނެތި އުޅެއެވެ. ކޯސް އެކީ ނިންމާފައި ދިޔުމުގެ ކުރިން އެކުވެރިކަމަށްވުރެ އެގުޅުން ކުރިއަށް ގެންދަން މާކިން ބޭނުންވިއެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔަނަމަވެސް، މިޝްޔާގެ އުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތައް އިހުނަށް ވުރެ ގިނަވެފައި ވެއެވެ، ރިފްއަތަށް ވެސް މިޝްޔާ އުޅޭ ނޫޅޭގޮތެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ރޭގަނޑުގެ ބޮޑު ބައިވެސް މިޝްޔާ ހޭދަކުރަނީ ބޭރުގައެވެ. ގެއަށް އަންނައިރު ހުންނަނީ ހަމަހޭގައެއް ނޫނެވެ. މިޝްޔާގެ ހަށިގަނޑު ދުވަހެއް ދުވަހަކަށް ހިކި އަނަރޫފަވަމުން ދިޔައެވެ. ހުރި ހަމަ އެކަނި އަންހެން ދަރިފުޅުގެ ސަބަބުން ރިފްއަތު ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާއަށް ކުރެވޭނީ ކޮންކަމެއްބާއޭ އަމިއްލަ ނަފްސާ ސުވާލުކުރެވުނު އަދަދެއް ނޭނގެއެވެ.

މިޝްޔާ ފުލުހަށް ގެންދާ ކޮންމެ ފަހަރަކު ރިފްއަތުގެ މަސައްކަތުން އަޑިއަޑިން އެ މައްސަލަ އޮއްބައިލެވުނު ނަމަވެސް، އެގޮތަށް އެކަންތައް ކުރިއަށް ގެންދެވޭނީ ކިހާ ދުވަހަކަށް ބާއޭ ރިފްއަތުގެ ހިތަށް އަރައެވެ. މިޝްޔާގެ އެ ހަޤީގަތް ދުނިޔެއަށް ފާޅުވާ ދުވަހު ދުނިޔޭގެ ކުރިމަތީގައި ލަދު ގަންނަން ޖެހޭނީ ވެސް ހަމަ އޭނާއެވެ. ދުނިޔެއާ ކުރިމަތިލާން ޖެހޭނީވެސް އޭނާއެވެ. ގެއްލުން ލިބޭނީ އޭނާގެ ކުންފުންޏަށާއި އޭނާގެ ވިޔަފާރިއަށެވެ. އަބުރުވެސް ގެއްލޭނީ އޭނަގެއެވެ. އެކަން މިޝްޔާއަށް ވިސްނޭނެ ނަމަ ކޮންފަދަ ހެއްޔެެވެ؟.

މިޝްޔާގެ ކުރިމަތީގައި ރިފްއަތުގެ ބަހުގެ އެއްވެސް އަގެއް ނުހުރެއެވެ. އޭނާ ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ރިފްއަތާ ދިމާލަށް ބުނާކަށް ފަހެއް ނުޖެހެއެވެ. އުޅޭނެގޮތް އެނގޭނީ ހަމައެކަނި އޭނާއަށް ކަމަށް މިޝްޔާ ދިޔައީ ފާޅުގައި ބުނަމުންނެވެ. އޭނާ މަސްތުވާ ތަކެތި ބޭނުންކުރާކަމަށް ދެކޮޅެއް ނުހަދައެވެ. ރިފްއަތުގެ ކުރިމަތީގައިވެސް މިޝްޔާ ދިޔައީ އެކަމަށް އެއްބަސް ވަމުންނެވެ. އަދި އިތުރު އެއްވެސް މީޙަކަށް އޭނާގެ އުޅުން ބަދަލުނުކުރެވޭނެކަމަށް ވެސް މިޝްޔާ ދިޔައީ ބުނަމުންނެވެ. އަދި އޭނާގެ ދިރިއުޅުމާ ނުބެހުމަށް ވެސް މިޝްޔާ ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

*****

6 މަސް ފަސް

ވިއްސާރަ ދުވަހެކެވެ. މަތިމައްޗަށް ނަގަމުންދިޔަ ބޯ ވިލާތަކުގެ ސަބަބުން ހަވީރުގެ އެވަގުތުގެ އަލިކަން ވެސް ވަނީ ނުހަނު ބޮޑަށް ފަނޑުކޮށްލާފައެވެ. މަގުމަތީގައި ކޮންމެވެސް ވަރަަކަށް މީހުން ހަރަކާތްތެރިވާތަން ފެނެއެވެ. ދުއްވާއެއްޗެހިވެސް ފުދޭވަރަކަށް މަދެވެ. މާފަންނު ކޮޅުގައި ހުރި ބޮޑު ސުޕަމާޓެއްގެ އަސްކަނި ދަށުގައި މަޑުކޮށްލައިގެން ހުރި މިޝްޔާ ހުރީ ފިނިވެފައެވެ. އޭނާގެ ދެ ތުންފަތްވެސް ރޫރޫ އަޅަމުން ދިޔައެވެ. އިރުއިރުކޮޅަކާ އޭނާ ދެއަތް ދެއަތާ މޮޑެލައެވެ. އޭރުވެސް ވާރޭ ދިޔައީ ނުހަނު ބޯކޮށް ވެހެމުންނެވެ. އެހާ ފިނިވެފައި ހުރީޓީ ތެމިގެން ދާކަށް މިޝްޔާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ އެތަނުގައި މަޑުކޮށްގެން ހުރީ ވާރޭ ތުނި ކޮށްލާނެ އިރަކަށެވެ. އަތުގައި އެއްވެސް ލާރިއެއް ނެތީތީ ވެސް މިޝްޔާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ފިހާރައަށް ވަދެ ކޯޓެއްވެސް ގަނެވޭނީ އަތުގައި އެއްޗެއް އޮވެގެންތާއެވެ.

ޖެހުމުން ދިޔަ ބާރު ވައިރޯޅިތަކާ އޭނާގެ އިސްތަށިގަނޑު ސަމާސާ ކުރަމުން ދިޔައެވެ. މިޝްޔާ އެތަނުގައި ހުއްޓާ ކަޅުލުލައިގެ ވިއްސާރަ ކޯޓެއް ލައިގެން ހުރި ޒުވާނަކު އައިސް ފިހާރަތެރެއަށް ވަނެވެ. އެ ޒުވާނާ ވަތްތަން ބަލަހައްޓައިގެން ހުރުމަށްފަހު، މިޝްޔާ ގަސްތުކުރީ އެތެރެއަށް ވަނުމަށެވެ.

އޭނާ ދޮރުފަތް އެތެރެއަށް ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެލިއެވެ. އެއަށްފަހު ފަހަރަކު ހަރަކަށް ބަލަމުން ދިޔައެވެ. ވަށައިގެން ބަލަމުން ދިޔަ މިޝްޔާ ދިޔައީ އެތަނުގައި ސީ.ސީ.ޓީ.ވީ ހަރުކޮށްފައި ހުރި ދިމާތައް ފާހަގަކުރަމުންްެނެވެ. ވަކި ހިސާބަކުން އޭނާ ފިޔަވަޅުތައް މަޑުޖައްސައިލީ ވިއްސާރަ ކޯޓުތައް ލޮލުގައި އަޅައިގަތުމުންނެވެ. އެ ނަގާނީ ކިހިނެއްބާއޭ މިޝްޔާގެ ހިތަށް އެރިއެވެ. އޭނާ އެތަނުގައި ހުއްޓާ އެތެރެއަށް ވަތް ޒުވާނާ އެ ދިމާލުގައި ހުރި ހަރެއްގެ ދިމާލުގައި ހުއްޓުނެވެ. ރިންގްވި ފޯނުގެ އަޑާއެކު މިޝްޔާގެ ސަމާލުކަންވެސް އެ ޒުވާނާއަށް ހުއްޓުނެވެ. އެއީ އިސްކޮޅުން ދިގު ޒުވާނެކެވެ. އެ ޒުވާނާ ޖީބުން ފޯނު ނެގި ވަގުތު، ވޮލެޓު ވެއްޓުނެވެ. ކަންފަތުގައި ފޯނު ޖައްސައިލަމުން އެ ޒުވާނާ ވާހަކަ ދައްކަން ފެށިއެވެ. މިޝްޔާ ވަށައިގެން ހޯދައިލިއެވެ. އެތަނުގައި ހުރި ސީސީޓީވީއަށް ނަޒަރު ހުއްޓައިލުމަށްފަހު ނުވާކަމަކަށް ހަދާފައި މިޝްޔާ ވޮލެޓް ނެގިއެވެ. އޭރުވެސް އޭނާގެ ނަޒަރު އިރުއިރުކޮޅަކާ އެ ޒުވާނާއަށް ހުއްޓެމުންދިޔައެވެ. މިޝްޔާ އެ ވޮލެޓް ހުޅުވައިލިއެވެ. އޭގައި ކޭޝްކާޑުގެ އިތުރުން ލާރި ހުއްޓެވެ. ވޮލެޓް ތެރޭގައި ހުރި ޑޮލަރުތަކަށް މިޝްޔާގެ ނަޒަރު ހުއްޓުމާއެކު އޭނާ އަނެއްކާވެސް ބަލައިލިއެވެ. ސީސީޓީވީއާ ފުރަގަސްދިނުމަށްފަހު، މިޝްޔާ އޭގެން ދުއިސައްތަ ޑޮލަރު ނެގިއެވެ. އެއަށްފަހު ޖީބަށް ކޮށްޕައިލިއެވެ. މިޝްޔާއަށް އިތުރު ކަމެއް ނުކުރެވި އުޅެނިކޮށް އެ ޒުވާނާ ކުއްލިއަކަށް ފަހަތަށް އެނބުރިލިއެވެ. އޭރުވެސް އޭނާ ހުރީ ފޯނުގައެވެ. އެ ޒުވާނާގެ އެ ނަޒަރުން މިޝްޔާއަށް ތަފާތު ގޮތެއް ވިއެވެ. އެއީ ތޫނު ބެލުމެކެވެ. އެ ޒުވާނާގެ ނަޒަރު މިޝްޔާގެ އަތުގައި އޮތް ވޮލެޓަށް ހުއްޓުމާއެކު އޭނާ ޖީބުގައި އަތް ޖައްސައިލިއެވެ. ވޮލެޓް ނެތުމާއެކު މިޝްޔާއަށް އޭނާ ބަލައިލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

"ދެން ވެއްޓުނީ..." އެ ޒުވާނާއަތަށް ވޮލެޓް ދިއްކޮށްލަމުން މިޝްޔާ ބުނެލިއެވެ. ވޮލެޓްގައި ހިފި ޒުވާނާ ފަސް އެނބުރުނެވެ. އޭނާ ބޭނުންވާ އެއްޗެއް ނަގައިގެން ކައުންޓަރު ދޮށަށް ގޮސް އޭނާ މަޑުކޮށްލިއެވެ.

"ކިހާވަރެއް..." އަތުގައި ހުރި އެއްޗެހި ބަހައްޓަމުން އެ ޒުވާނާ ބުނެލިއެވެ. އެ މަންޒަރު ބަލަން ހުރުމަށްފަހު މިޝްޔާ އަވަސް ވެގަތީ އެތަނުން ނުކުތުމަށެވެ. އޭނާ ވާރޭ ކޯޓެއް ގަންނާނީ އެހެން ތަނަކުންނެވެ. މިވަގުތު މުހިންމީ އެ ޒުވާނާގެ ލޯމަތިން ގެއްލުމެވެ.

"ޑޮލަރު މާރުކުރެވޭތަ؟" ކައުންޓަރުގައި އިން ކުއްޖާ ގާތު އެ ޒުވާނާ ސުވާލުކޮށްލިއެވެ. އެ ކުއްޖާގެ ޖަވާބާއެކު އެ ޒުވާނާ ވޮލެޓް ނަގާ ބަލައިލިއެވެ. އޭގެން ދުއިސައްތަ ޑޮލަރު މަދުކަން ޔަޤީންވުމާއެކު އޭނާއަށް ފަހަތަށް ބަލައިލެވުނެވެ. ވީ ގޮތް އޭނާއަށް ނަގައިގަނެވުނެވެ. ހަމަގައިމުވެސް އޭނާ އައިއިރު އޭގައި ފައްސަތޭކަ ޑޮލަހު ހުންނާނެއެވެ. އެއީ އެ އަންހެން ކުއްޖާގެ ކަމެއްކަން އެ ޒުވާނާއަށް ޔަޤީންވިއެވެ. ލާރު ދައްކާފައި ބާކީ ހުރި ޑޮލަރު މާރުކޮށްގެން އަވަސް އަވަހަށް އެ ޒުވާނާ ބޭރަށް ނުކުމެލިއެވެ. އޭރު ވާރޭ ވެސް އޮތީ ކޮންމެވެސް ވަރަކަށް ތުނިކޮށްލާފައެވެ. އޭނާ ނުކުތްއިރު އެ އަންހެން ކުއްޖާ އެންމެ ކައިރިން އޮތް މަގުން ލަނބާލަނީއެވެ.

*****

މިޝްޔާ ބޭރުގައި އުޅެފައި ގެއަށް އައީ ރޭގަނޑު އެގާރަ ޖަހާ ބޮޑުވެފައި ހުއްޓައެވެ. އޭރު އޭނާ ހުރީ ހަމަހޭގައި ނޫންނަމަވެސް، ވާނުވާ އޭނާއަށް އެނގެއެވެ. އެތެރެއަށް ވަނުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އެއްފަރާތުގައި ބަހައްޓާފައި ހުރި ފޮށިތަކެވެ. ކުޑަކޮށް ހައިރާންކަމާއެކު އޭނާ އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ.

"މިޝޫ...." މިޝްޔާއަށް ހައިރާންކަން ލިބުނީ އޭނާގެ އަޑުން މީހަކު ގޮވައިލުމާ އެކުގައެވެ. އެއީ އޭނާއަށް އާ އަޑެއް ނޫނެވެ. އެ އަޑު އޭނާއަކަށް ދުވަހަކުވެސް ނޯޅޭނެއެވެ. މިޝްޔާއަށް ހުރި ފިޔަވަޅުމަތީގައި މަޑުކޮށްލެވުނެވެ.

"މިޝޫ..." އަނެއްކާވެސް އޭނާގެ ނަމުން އެމީހަކު ގޮވައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު