ވިލިމާލޭ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި އެމްއެންޕީ ބަލިކޮށް ޕީޕީއެމަށް

ފާތިމަތު ނާޒިމާ ---

މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ފާޠިމަތު ނާޒިމާ ކާމިޔާބުކުރައްވައިފިއެވެ.

ވޯޓުލާ މަރުކަޒުތަކުގައި އިއުލާންކުރި ޖުމްލަ ނަތީޖާ ދައްކާގޮތުން މި އިންތިޚާބު ނާޒިމާ ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ނާޒިމާއަށް ޖުމްލަ ލިބިފައިވަނީ 359 ވޯޓެވެ. އޭނާއާ ވާދަކުރި އެމްއެންޕީގެ ޝީޒާއަށް ލިބުނީ 358 ވޯޓެވެ.

މިއަދު ކުރިއަށް ދިޔަ އިންތިޚާބުގެ ވޯޓުލުން އެންމެ ފަހުވަގުތާ ހަމައަށް ކުރިއަށް ދިޔައީ މާބޮޑު ހަމަނުޖެހުމެއް ނެތިއެވެ. ނަމަވެސް 16:00ގައި ވޯޓުލާން ތިބި މީހުންގެ ކިއު ބަންދުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން މަސައްކަތް ކުރުމުން، ވޯޓުލާ މަރުކަޒުގެ ބޭރުގައި ތިބި ބަޔަކު އެކަމާ ނުރުހުން ފާޅުކޮށްފައިވެއެވެ.

ވިލިމާލެ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުރި އެމްޑީޕީގެ މެމްބަރު އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވެފައިވަނީ މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހުގައެވެ. އީމާން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގައި ހުރީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް