ކުރިން ރައީސް ޞާލިޙު ގަބޫލުކުރެއްވި ގޮތަށް ބަރުލަމާނީއަށް ބަދަލުވާންޖެހޭ: ރައީސް ނަޝީދު

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙު ޤަބޫލުކުރެއްވި ގޮތަށް ބަރުލަމާނީ ނިޒާމަށް ބަދަލުވާންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ފުރިހަމައަށް ފުއްދައިދެވޭނީ ބަރުލަމަނީ ނިޒާމުގެ ތެރެއިންކަމަށެވެ.

"އަޅުގަނޑު ރައީސް ޞާލިޙުގެ އަރިހުގައި އަނެއްކާވެސް ދަންނަވާނީ ރާއްޖޭގެ ވެރިކަން ތަހައްމަލް ކުރެވިގެން ސަކާ ކުރެވިގެން ރީތި ގޮތުގައި ހިންގާ ގޮތުގައި ރައްޔިތުންނަށް މީގެ ފައިދާ ވަމުން ގެންދެވޭނެ ގޮތަށް ވެރިކަން ހިންގޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ގަބޫލުކުރަންޖެހޭ އިހުގައި ވެސް ޤަބޫލުކުރަންޖެހޭގޮތަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު އަންނަނީ އަބަދުވެސް ވަކާލާތު ކުރައްވަމުންނެވެ.

އެމަނިކުފާނަށް ތާއީދު ކުރައްވާ ބަޔަކު ވަނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ވެސް ސޮއިކުރަން ފަށައިފައެވެ. ނަމަވެސް ވަކި ހިސާބަކުން އެ މަސައްކަތް ވަނީ ހުއްޓިފައެވެ.

ރައީސް ނަޝީދު ދައްކަވާ ބަރުލަމާނީ ވާހަކަފުޅާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ރައީސް މަސައްކަތް ކުރައްވަނީ ރިޔާސީ ވައުދުތައް ފުއްދަން ކަމަށެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގާ އިންޑިއާ އައުޓް ކެމްޕޭނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ނުކުރަންވީ ސަބަބެއް އެއްވެސް ދިވެހި ރައްޔަތަކަށް ނުވިސްނޭކަމަށެވެ.

އިންޑިއާއަކީ މިހާރު އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ޤައުމުކަމަށް ވެފައި، ރާއްޖެއާ އެންމެ ކައިރީގައި އިންޑިއާ އޮންނައިރު އެކަމުގެ ފައިދާ ނުނަގަންވީތޯ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދާފައެވެ.

ދިވެހީންގެ އާންމު ހާލަތު ބަދަލުވުމަށް ދިވެހީން އަބަދުވެސް އެދޭނެކަމަށާއި، އެންމެންގެ ބޭނުމަކީ ޖީބަށް ވަންނަ އާމްދަނީ އިތުރުވުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ އަކީ މި ސަރަހައްދުގެ އެންމެ ބާރުގަދަ ޤައުމު ކަމަށާއި، އެ ޤައުމުގައި ނެތް ހަތިޔާރެއް ނެތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބޯހިޔާވަހިކަން އަޅުގަނޑުމެންނަށް ލިބުން. ދަރިންނަށް ކިޔަވަދޭނެ ގޮތެއް ވުން. ބޭސް ފަރުވާ އަޅުގަނޑުމެންނަށް ލިބޭނެގޮތެއްވުން. އުފަލުގަ ހާސްކަމެއް ނެތި އުޅެވޭނެ ގޮތެއްވުން. އެ އުޅުމަށް އަޅުގަނޑުމެންގެ ސަލާމަތާ ރައްކާތެރިކަމަށް އިންޑިއާ އަކީ މުހިންމު ޤައުމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ޤައުމުގެ ޒަމާންވީ ރަހުމަތްތެރިން ދޫކޮށްލައިގެން ނުވާނެކަމަށެވެ. އަދި ޒަމާންވީ ތާރީޚުގައި ރާއްޖެއިން މިނިވަންކަން ދިފާއުކުރީ ހިކުމަތްތެރިކަމާއި ވިސްނުން އިސްކޮށްގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަމަކީ މުލައްދަނޑީގެ ބާރުން ކުރެވޭނެކަމެއް ނޫންކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް