މަލިކުގައި ކުރެވޭ ކައިވެނީގެ އެގްރީމެންޓް

މަލިކު -- ފޮޓޯ/ އެފްބީ

މި މައުޟޫޢުގައި މައިގަނޑު ގޮތެއްގައި ލިޔަން ގަޞްދުކުރަނީ، ދަރުމަ މަޖައްލާގައި (ސެޕްޓެމްބަރ 2010 – ވޮލިއުމް: 10، ޢަދަދު: 5، ޞަފްޙާ: 15-16) ގައި އަބޫ ރުމައިޞާ ލިޔުއްވާފައިވާ "މަލިކުގައި ކުރެވޭ ކައިވެނި" މި މައުޟޫޢުގައި ލިޔުއްވާފައިވާ ކައިވެނީގެ ޢަޤުދުނާމާގެ މައްޗަށެވެ. މަޤްޞަދަކީ؛ މަލިކުގައި ކުރެވޭ ކައިވެނީގައި ދެމަފިރިން އެއްބަސްވާ އެގްރީމެންޓް ނަކަލުކުރުމާއެކު، ކޮންމެވެސް މިންވަރަކަށް މިކަމާމެދު ފެންނަ އެއްޗެއް ދަންނަވާލުމެވެ.

ކައިވެންޏާއި، ވަރިއާގުޅޭ ތަފާތު މައްސަލަތަކަކީ ޖާހިލީ ޒަމާނުގައި ވަރަށް ބޮޑުވެފައިވި މައްސަލައެކެވެ. ރަސޫލާ ﷺ ގެ ދަޢުވަތާއި، ހިދާޔަތާއި، ގެންނެވި ހަރުދަނާ ހަމަތަކާއި، އުޞޫލުތަކާއެކުވެސް ޢާއިލީ މައްސަލަތައް އެއިރުވެސް ކުރިމަތި ވިއެވެ. އަދި މިއަދުވެސް ދިވެހި މުޖްތަމަޢުގައި މިމައްސަލަވަނީ ބޮޑުވެފައެވެ.

ޢާއިޝަތުގެ ފާނުން ވިދާޅުވިއެވެ. "ކޮންމެ އެއްޗެއްގެ މައްޗަށް އެއިލާހުގެ އެއްސެވުން ތަނަވަސްވެވޮޑިގެންވާ އިލާހުގެ ހެޔޮކަން އިތުރުކަމާއި މަތިވެރިކަމާއެވެ! އެހެނީ ހަމަ ކަށަވަރުން ޚަވްލާ ބިންތު ޘަޢުލަބާ ގެ ވާހަކަފުޅު ތިމަންކަމަނާ އަޑުއައްސަވަމުން ގެންދެވިއިރު ބައެއް ބަސްފުޅުތައް އިވިވަޑައިނުގަންނަވައެވެ. އޭރު އެކަމަނާގެ ފިރިކަލުންގެ ޝަކުވާ ރަސޫލާ ﷺ ގެ އަރިހުގައި ކުރައްވަމުން ދަންނަވައެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އޭނާ އަހުރެންގެ ޒުވާންކަމުގެ އުފާ ޙާޞިލްކޮށް، އަހުރެންގެ ބަނޑުން އޭނާއަށް ދަރިންތަކެއް ލިބި، ދެން އަހުރެން މުސްކުޅިވެ ދަރިމައިން ކެނޑުނުފަހުން، މައިމީހާއާއި އެއްފަދަކޮށް އަހުރެންނަށް ޡިހާރުކޮށްފިއެވެ. (ދެން އެކަމަނާ ދެންނެވިއެވެ.) އޭ ﷲ އެވެ! މިއަޅާ އިބައިލާހަށް ޝަކުވާ ދަންނަވަމެވެ." ޢާއިޝަތުގެފާނުން ވިދާޅުވިއެވެ. "އެކަމަނާ ޝަކުވާ ދެންނެވުމުގައި ހުންނަވަނިކޮށް (قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا) މިއާޔަތްތަކާއިގެން ޖިބްރީލްގެ ފާނުން ވަޑައިގެންނެވިއެވެ." އެކަމަނާގެ ފިރިކަލުންނަކީ އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ އަވްސު ބިން ޞާމިތުގެ ފާނެވެ. އެކަލޭގެފާނުންގެ މިނުބައި ޢަމަލުން މިންޖުވެވޭނެ މަގެއްކަމުގައި އެއިލާހު ވަނީ މިކަމުގެ ކައްފާާރާ ލައްވަވާފައެވެ.

"އައްޡިހާރު" ގެ މާނައަކީ؛ ފިރިމީހާ އޭނާގެ އަނބިމީހާއާއި ދިމާލަށް "ކަނބުލޭގެ އަހުރެންނަށް އަހަރެންގެ މަންމަ ފަދައެވެ." މިހެން ބުނުމެވެ. މިކަމުގައި އޭނާގެ މަންމައަށް، ބޮޑުވެގެންވާ އިހާނެތިކަމާއި، ދެރަކޮށް ހިތުމެއްވެއެވެ. އަދި ޡިހާރުކުރާ މީހުންނަށް ހުރި ބިރުވެރިކަން، މިއާޔަތްތުން ރަނގަޅަށް ހާމަވެއެވެ.

ޡިހާރު ކުރާމީހާގެ މިލްކުގައި އަޅަކު ނެތިގެންނަމަވެސް، ނުވަތަ ގަންނާނެ އަޅަކު ނުލިބިގެންނަމަވެސް އަޅަކު މިނިވަން ނުކުރެވުނުމީހާ ދަންނައެވެ. ފަހެ އެމީހާގެ މައްޗަށް ވަނީ ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުމެވެ. ޝަރުޢީ ޢުޛުރެއްނެތި އެއްދުވަހުވެސް މެދުކަނޑާލައިފިނަމަ، އަލުން ފަށައިގެންރޯދަހިފުމެވެ. އަދި މިރޯދަތައް ފުރިހަމަކުރުމުގެ ކުރިން، ރޭގަނޑު ނުވަތަ ދުވާލުވިޔަސް އަނބިމީހާއާއި ޤަޞްދުގައި ޖިމާޢުވެއްޖެނަމަ، އަލުން ފަށައިގެން ރޯދަހިފުމެވެ. އެކަމަށް ނުކުޅެދިއްޖެމީހާ ކޮންމެ މިސްކީނަކަށް ޞާޢެއްގެ ދެބައިކުޅަ އެއްބައިގެ މަގުން ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ. އެއީ ހައިފިލާ މިންވަރަށް ތައްޔާރުކޮށް ކާންދިނުމެވެ. ނުވަތަ އެމިންވަރުގެ ކާނާ ޙަވާލުކުރުމެވެ. ގޮދަން، ކަދުރު، ހަނޑޫ ނުވަތަ އެފަދަ އެހެން އެއްޗަކުންނެވެ. މިގޮތަށް ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ ޙައްދުތައް ފަހަނަޅައިނުގޮސް، އެއިލާހު އެންގެވި ޙައްދުތަކުގެ ތެރޭގައި ފިރިން ތިބުމަށެވެ. އަދި ޡިހާރުކުރުމުގެ ޖާހިލީ ނުބައި ޢަމަލަށް އެނބުރި ނުދިއުމަށެވެ.

މަލިކުގައި ކުރެވޭ ކައިވެނީގެ އެގްރީމެންޓަށް ބަލާއިރު، ދެމަފިރިންނާއި، ވަލީވެރިޔާގެ ވަނަވަރަށްފަހުގައި އަންނަނިވި ނުކުތާތައް މަލިކުގައި ކުރެވޭ ކައިވެނީގެ ޢަޤުދުނާމާގައި ލިޔެވިގެންވެއެވެ.

1. ފިރިޔާއަކީ، އަނބިމީހާއަށާއި، ދަރިންނަށް ގޯތީގެ އިސްވެރިޔާ ކަމުގައިވާނެއެވެ.

2. ދީނާއި ޚިލާފުކަމެއް މެނުވީ ފިރިޔާކުރާ އެހެނިހެން ހުރިހައި ޖާއިޒު އަމުރަކަށް އަނބިމީހާ ތަބާވާނެއެވެ.

3. ދެމަފިރިން ހެޔޮކަންތަކުގައި އެކެއް އަނެކަކަށް މަދަދުވެރިވާނެތެވެ.

4. ދެމަފިރިން އާޕަހުގައި (މިއީ ހިންދީ ބަހެއް ކަމުގައިވާ "އާޕަސް" އިން ނެގިފައިވާ ބަހެކެވެ.) އެއްޙާލަތެއްގައިވެސް އެކެއް އަނެކަކަށް ޚިޔާނަތްތތެރި ނުވާނެތެވެ.

5. ދެމަފިރިން އެކެއް އަނެކެއްގެ ކިބައިގާ ހުރި ޠަބަޢީ އުނިކަން ކެތްތެރިކަމާއިގެން ބަދުރާސް ކުރާނެތެވެ.

6. ދެމަފިރިން އެކެއް އަނެކެއްގެ ކިބާގައި ހުރި ސިއްރީ ޢައިބުތަކެއް އެހެނިހެން ހިލޭ މީހުން ގާތު ކިޔައި ހަދައިއިޔެއް ނޫޅޭނެތެވެ.

7. އެކެއް އަނެކެއްގެ އަބުރާއި ޢިއްޒަތަކީ ތިމާގެ އަމިއްލަ ކަމުގައި ހިތައިގެން އެއަށް ސަމާލުވެ އުޅޭނެތެވެ.

8. އަނބިމިހާގެ މަޙްރަމުން ފިޔަވައި ނާމަޙްރަމުންގެ ތެރެއިން ފިރިޔާ ރުހިނުވާ އެކަކައިވެސް އަނބިމީހާ އެއްވެސް ގުޅުމެއް ނުބަހައްޓާނެއެވެ.

9. މާތްކަލާނގެ ދެއްވި ދަރީންނަކީ އެއީ އެންމެ ބޮޑު ނިޢުމަތްކަމުގައި ބަލައިގެން އެދަރީންގެ ދެދުނިޔެ ބާއްޖަވެރި ކުރުމަށް ދެމަފިރިން ބައިވެރިވެގެން މަސައްކަތް ކުރާނެތެވެ.

10. ދެގޯތި މައިންބަފައިންގެ ނުރުުހުން، ޠަލާޤުގެ ނުވަތަ ޚުލްޢުގެ ސަބަބެއްކަމުގައި ވެގެންނުވާނެއެވެ.

11. ދެމަފިރިންގެ ދެމެދުގައި އުފެދޭ ހުރިހައި އަރައިރުންތަކަށް ފައިސަލާ ކުރެވޭނީ ޝަރުޢީގޮތުން އެކަންޏެވެ. އެއަރައިރުންތައް ހިފައިގެން އެކަކުވެސް ދުނިޔަވީ ކޯޓަކަށް ނުދާނެއެވެ.

12. ދެމަފިރިންގެ ދެމެދުގައި ކޮންމެވެސް ގޮތަކުންނަމަވިޔަސް އަރައިރުމެއް ހިނގައިފިނަމަ، ކަތީބުގެ މެދުވެރިކަމައިގެން ދެފަރާތުން ހުރި މީހުންވެގެން ޢާޕަހުގައި ޞުލްޙަވެރިވޭތޯ ނުބަލައި އެކަކުވެސް ޠަލާޤު ދިނުމަށް ނުވަތަ ޚުލްޢު ލިބުނުމަށް ނުއެދޭނެއެެވެ.

13. ދެމަފިރިންގެ ތެރެއިން އެކަކަށްވެސް ކަތީބުގެ މެދުވެރިކަމައިގެން މެނުވީ ޠަލާޤު ނުވަތަ ޚުލްޢުގެ ނުވަތަ ކާވިނި ފަސްޚުކުރުމުގެ ހުއްދައެއް ނޯންނާނެއެވެ. ކަތީބުގެ ޙުކުމާއިނުލައި އަމިއްލަ ނަފްސަށް ޠަލާޤެއް ނުދެވޭނެއެވެ.

14. ޠަލާޤު ދޭން ޖެހިއްޖެނަމަ ފިރިމީހާ ދޭނީ ޖިމާޢުކޮށްފައިނުވާ ޠުހުރެއްގައި ރުޖްޢީ ޠަލާޤެކެވެ. އަދި އެއީ ފިރިޔާއަށް ކަމެއްނެތިގެން ދެވޭ ޠަލާޤަކީނަމަ ކަތީބު ހަމަޖައްސި ގޮތަށް ދޭންޖެހޭ ހުރިހައި ކަރަދެއް ދީ އަވަދިވެއްޖައުމަށްފަހުގައެވެ.

15. ޠަލާޤަށްފަހު އޭގެ ޢިއްދާގައި ދޭންޖެހޭ ކަރަދުގެ ހިސާބުކުރެވޭނީ އާދާގައި ފިރިޔާ މަސްމަހަށް ދެމުން އައި ކަރަދެއްގެ ގޮތްމަތިންނެވެ.

16. ރަށުން ފޭގައި ހުރި ފިރިޔަކު ރަށުން ފުރައިގެން ހަމަސްދުވަސް ނުވަނީސް ޠަލާޤުނާމާއެއް ނުފޮނުވާނެއެވެ. އެއްށްފަހު ފޮނުވާ ޠަލާޤުނާމާގައި ޠަލާޤުގެ ސަބަބުތައް ދައްކައި މަދުވެގެން ދީންދާރު ދެމީހަކު ހެކިވާންވާނެއެވެ. އަދި އެޠަލާޤުނާމާ ރަށަށް އާނާނީ އެހެކިވެރިންގެ ތެރެއިން ކޮންމެ އެކެއްގެ އަތުގައި ކަތީބުގެ ނަމުގައެވެ. ނަމަވެސް ޠަލާޤުނާމާ ފޮނުވާންޖެހެނީ އަނބިމީހާގެ ކިބައިން އެންމޭނަށްމެ ފައުޅުވެގެންވާ، ނުހަނުވެސް ފާފަވެރި ލަދުޙަޔާ ނެތްކަމެއްގެ ސަބަބުން ކަމުގަވިއްޔާ، ކަތީބު ނަމުގައި އޭނާ އެޠަލާޤުނާމާގައި ހެކިން ފިޔަވައި ނަންގަނެވިދިޔަ ޝަރުތުތައް ހުރުން ބޭނުމެއްނޫނެވެ.

17. ތެލިގިރާބުން ދެވޭ އެއްވެސް ޠަލާގެއް ކަބޫލެއް ނުކުރެވޭނެއެވެ.

18. ފިރިޔާ ރަށުން ބޭރުގައި ދެއަހަރަށްވުރެ ގިނަދުވަސް އަނބިމީހާޔައި ގުޅުމެއް ނުބަހައްޓައި ހުރެއްޖެނަމަ، އަނބިމިހާއަށް ޚުލްޢު އަތުލުމުގެ ނުވަތަ އަމިއްލަ ނަފްސަށް ޠަލާޤު ދިނުމުގެ ހުއްދަވާނެއެވެ.

19. ހަތަރު އަހަރުވާންދެން ފިރިޔާގެ އެއްވެސް ހިލަމެއް ނުވެއްޖެނަމަ އަނބިމީހާއަށް ތިމާގެ އަމިއްލަ ނަފްސަށް ޠަލާޤުދީ ވަރިވުން ހުއްދަވާނެއެވެ. މިހެން ވަރިވެއްޖެ އަންހެނަކަށް އެއަންހެނާއަކީ ތިމާގެ އަނބިކަމުގައި ދާވާކުރުން ހުއްދަވެގެން ނުވާނެއެވެ.

20. ފިރިޔައަށް ތަނަވަސްކަން ލިބިވާ ޙާލުގައިވެސް އަނބިމީހާގެ ކަރަދެއް ނުބަލައި ހަމަސްދުވަސް ވާނދެން ހުރެއްޖެނަމަ އަނބިމީހާއަށް ވަރިވާން ހުއްދަވެގެންވާނެއެވެ.

21. އާޕަހުގައި އުޅެވެން ނެތްކަމަށް ސާބިތުވެއްޖައުމަށްފަހުވެސް ފިރިޔާ ޠަލާޤުދީ ވަރިވާން ތައްޔާރުނުވަނީވިއްޔާ ތިމާގެ އަމިއްލަ ނަފްސަށް ޠަލާޤުދީ ވަރިވުން އަނބިމީހާއަށް ހުއްދަވާނެއެވެ.

22. ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް، ދެމަފިރިގުޅުންތައް ނުބެހެއްޓޭނެވަރުގެ އައިބެއް ނުވަތަ ބައްޔެއް އޮތީވިއްޔާ ނުވަތަ ޖެހިއްޖެއްޔާ އަނެކަކަށް ކާވިނި ފަސްޚުކުރުމުގެ އިޚްތިޔާރު އޮންނާނެއެވެ.

23. އަމުދުންވެސް އެކީ އުޅެވޭކަށެއްނެތްކަން ކަށަވަރުވެއްޖެއުމުން ދެމަފިރިން ވަރިވެއްޖައުމަށްފަހުވެސް ދެގޯތި ދެމެދުގައި ޖެއްސުމެއް ވާނޭވަރުގެ އެއްވެސް ގޮތެއް އެކަކުވެސް ނުހަދާނެއެވެ.

24. ދެމަފިރިން ވަރިވެއްޖައުމަށްފަހުވެސް މާތްކަލާނގެ ދެއްވި ދަރީން ގެންގުޅި ބޮޑުކުރާނީ ދެގޯތިމީހުން އެކެއްއަނެކެއްގެ ލަފަޔާއިލައިގެންނެވެ.

25. ވަރިވެއްޖައުމަށްފަހުވެސް ދަރީންގެ ބަފޯ ނުވަތަ ބަފޯގެފަރާތުން ހުރި ވަލޮތްވެރިޔަކު (ވަލީވެރިޔަކު)، ތިމާއަށް ކުޅަދާނަވެގެންވާ މިންވަރަކުން ދަރީންނަށްދޭ އެއްޗެއް ދަރީންގެ އަމޯގެ ފަރާތުން ހުރިމީހަކު ޤަބުލުކުރާނެއެވެ.

26. ދަރީންގެ ބަފޯ ނުވަތަ ބަފޯފަރާތުން ހުރީ ވަލޮތްވެރިޔަކު ތިމާއަށް ކުޅަދާނަވެގެންވާ މިންވަރަކަށް ދަރީންގެ ޖާއިޒުވެގެންވާ ބޭނުންތައް ފުއްދައިދޭހައިހިނދު އެހާޖަތްތައް ފުއްދައިދޭމީހަކައި ދަރީން ދުރުކޮށް ބެހެއްޓުން ދަރީންގެ އަމޯއަށް ނުވަތަ އަމޯފަރާތުން ހުރި ދަރީން ބަލަހައްޓާ މީހަކަށް ހުއްދަވެގެން ނުވެއެވެ.

27. ދަރީންގެ ބަފޯ ނުވަތަ ބަފޯފަރާތުން ހުރި ވަލޮތްވެރިޔަކު ތިމާއަށް ކުޅަދާނަވެގެންވާ މިންވަރަކުން ދަރީންގެ ޖާއިޒުވެގެންވާ ޙާޖަތްތައް ފުއްދައިނުދެނީވިއްޔާ އެމީހަކަށް އެއްހާލަތެއްގައިވެސް ދަރީންގެ އެއްވެސްކަމަކައި ވަލޮތްވެރިއެއްގެ ގޮތުން ބެހުން ހުއްދަވެގެން ނުވާނެއެވެ.

28. ދެމަފިރިން ވަރިވެއްޖައުމަށްފަހުވެސް ފިރިހެންދަރީން މަސައްކަތުގައި ހިފާ އުމުރަށް ފޮޗާނދެން (އަންނަންދެން)، އަންހެންދަރީން ފިރިޔަކަަައި އިނުމަށް ދާނދެން އަދަރީންގެ ޖާއިޒު ބޭނުންތައް، ތިމާއަށް ވެވޭން އޮތް މިންވަރަކަށް ފުއްދައިނިނުމަކީ، އެދަރީންގެ ބަފޯގެ ނުވަތަ ބަފޯފަރާތުން ހުރި ވަލޮތްވެރިއެއްގެ ޒިންމާއެކެވެ.

29. ދެމަފިރިންގެ އާޕަހުގައި އެކުވެރިވެއުޅޭ ދުވަސްވަރުގައްޔާއި ވަރިވާންޖެހިއްޖެނަމަ އެޔާއިގުޅޭ ކަންކަމުގައި މާތްކަލާނގެއާއި އެކަލާނގެ ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްކެވި މަޢުރޫފުތަކާއި މަރިޔާދުތަކަށް ޢަމަލުކުރަންވާނެއެވެ.

30. އަހަރެން ނަންގަނެވިދިޔަ ޢަޤުދުނާމާ ކަބޫލުކޮށް އެގޮތަށް އުޅެވޭތޯ އިންޝާއަﷲ، މިންނަތްކުރާނެންކަމުގެ ޢަހްދުކުރަމެވެ."

ބަޔާންކުރެވުނު އެގްރީމެންޓަށް ބަލައި އޭގައިވާ ނުކުތާތަކަށް ފުންކޮށް ވިސްނުމުން އެނގިގެންދަނީ، ޢާއިލީ ކަންކަމާބެހޭ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި އެކުލެވޭނެ މައިގަނޑު އަދި ޢާއިލާއެއް ދެމިއޮތުމާއި ބިނާކުރުމަށް ބޭނުންވާނެ އެންމެހައި ކަންކަން މިއެގްރީމެންޓުގައި ޝާމިލް ވެފައިވާކަމެވެ. އެއީ ކުރު ނަމަވެސް، ފުރިހަމަ އަދި ޝާމިލް ޢަޤުދެއްކަމަށް ދަންނަވަން ޖެހެއެވެ. އަދި އިސްލާމީ ފިޤުހުގެ މުއްސަނދިކަން މި އެގްރީމެންޓުން އެކަނިވެސް ހާމަވެއެވެ.

އަޅުނޑުމެންގެ މި ރާއްޖޭއަކީ މުޅި ދުނިޔޭގައިވެސް ވަރީގެ ރެކޯޑެއް އޮންނަ ޤައުމަކަށް ވީހިނދު، މިފަދަ އެގްރީމެންޓެއް ކައިވެނީގައި އޮތުމާއި، އެގްރީމެންޓުގައި ބަޔާންކުރެވުނު ކަންކަމަށް ކައިވެނި ކުރާފަރާތްތައް އަހުލުވެރިކުރުމާއި، އެކަންކަމަށް ޢަމަލުކުރުމުގެ ވިސްނުން އަށަގެންނެވުމަކީ، ކައިވެނި ރޫޅުން މަދުކުރެވިދާނެ ކަންކަން ކަމަށް ފެނެއެވެ. ވަކިން ޚާއްޞަކޮށް ޢާއިލީ މައްސަލަތަކާއި ސިއްރުތައް މުޅި މުޖްތަމަޢަށް ފާޅުވާ އުޞޫލުތަކުން އަޅުގަނޑުމެން ދުރުވުން މުހިއްމެވެ. މައްސަލައެއް ކުރިމަތިވާ ވަގުތުގައިވެސް، އިސްލާމް ދީން ބާރުއަޅުއްވާ ގޮތުގެމަތިން ދެފަރާތް ޞުލްޙަ ކުރުމަށާއި، އެކަންކަން ލުއިފަސޭހަ ގޮތެއްގެމަތިން ހުށަހަޅައިގެން ކުރިޔަށް ގެންދެވޭނެ މަގު ތަނަވަސް ވެފައި އޮތުން މުހިއްމު ކަމުގައި ދެކެމެވެ. ޢާއިލީ އަދި ޛާތީ މަޢުލޫމާތު ސިއްކުރުކުރެވޭނެ އުޞޫލެއްގެ މަތިންނެވެ. ޢާއިލީ މައްސަލަތަކުގެ ޠަބީޢަތައް ރިޢާޔަތް ކުރެވިފައިވާ ރަސްމީ، ދަތި އުނދަގޫ ދިގު އިޖްރާއަތްތައް މަދު، ޢާއިލީ މައްސަލަތައް ޙައްލުކުރުމުގެ އުޞޫލުތައް ތަޢާރަފުކުރުން މުހިއްމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް